މި މަހު 26 ވަނަ ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއާއި ގުޅިގެން، ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ނިމާލް އާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
މި ކަމާއި ގުޅިގެން ފުލުހުން އެ ދެބޭފުޅުންނަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، 26 ވަނަ ދުވަހުގެރޭ ޕީޕީއެމްއާއި، ޕީއެންސީން ގުޅިގެން ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނާއި ޚިލާފަށް ޢަމަލުކުރަން ޢާންމުންނަށް ހިތްވަރުދީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްތަނުން އަނެއްތަނަށް ދިއުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް މަގުތަކުގައި ހިނގާބިނގާ އުޅޭ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް ހުރަސްއަޅާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މީގެ އިތުރުން ޤާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް ހުރަސްއަޅައި، ދަޢުލަތުގެ މަސައްކަތްތައްކުރަން ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.
މި ގޮތުން، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް އަށް، ފުލުހަށް ހާޒިރުވާން އަންގާފައިވަނީ، މިއަދު ހަވީރު 16:00 އަށެވެ. އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ، މިއަދު 15:00 އަށެވެ.
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް އާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވާން އެންގުމާއި ގުޅިގެން، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެ ދެ ބޭފުޅުންނަށް އެ ލިބިވަޑައިގަތީ އިތުރު ސެޓްފިކެޓެއްކަމަށެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައިވަނީ ހޯމަދުވަހުގެރޭ އިދިކޮޅުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ޢަބްދުރަޙީމް އިތުރަށް ވިދާޅުވީ އެ ސެޓްފިކެޓަކީ ރައްޔިތުންގެ ޙައްޤުގައި މަގުމައްޗަށް ނިކުމެގެން ލިބުނު މާސްޓާޒް ޑިގްރީއަށްވުރެ ވެސް މަތީ ސެޓްފިކެޓެއްކަމަށެވެ.
އިދިކޮޅު ކޯލިޝަނުން 26 ވަނަ ދުވަހުގެރޭ ބޭއްވި މުޒާހަރާ ފަށާފައިވަނީ މަޖީދީމަގާއި ޗާންދަނީމަގާއި ގުޅުނު ހިސާބުންނެވެ. އިދިކޮޅު ކޯލިޝަންގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި އެ މުޒާހަރާގައި ދެ މީހަކު ހައްޔަރުކޮށް ފުލުހުންވަނީ މުޒާހަރާ ރޫޅާލުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އިދިކޮޅުން ވަނީ މުޒާހަރާ ހުއްޓާނުލައި، ޕީޕީއެމްގެ އޮފީހާއި ހިސާބަށް ގޮސްފައެވެ.
އިދިކޮޅު ކޯލިޝަނުން 26 ވަނަ ދުވަހުގެރޭ މުޒާހަރާކޮށްފައިވާއިރު، މި މަހުގެ 17 ވަނަދުވަހުރޭ ކާނިވާ ސަރަޙައްދުގައި އެއްވުމެއް ބާއްވަން އެ ކޯލިޝަނުން ވަނީ މަސައްކަތްކޮށްފައެވެ.
އިދިކޮޅު ކޯލިޝަނުން މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި، އެ ކޯލިޝަނުން މި މަހުގެ 17 ވާ ހުކުރުދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ”ފެއިލްވެއްޖެ ރެލީ“ ފަސްކުރަންޖެހުނީ، ސަރުކާރުގެ ހުއްދަ ނުލިބުމުންނެވެ.
ޝުޖާއު ވިދާޅުވީ ރެލީ ބޭއްވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކަށް ސިޓީއަކުން ދަންނަވާފައިވާނެކަމަށާއި، 15 ވަނަ ދުވަހާއި ހަމައަށް އެންމެ ސިޓީއެއް ފިޔަވައި އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައިނުވާކަމަށެވެ. މީގެ އިތުރުން ކާނިވާ ސަރަހައްދު ހޯދުމަށް މި މަހުގެ 06 ދުވަހު ޕްލޭނިންގް މިނިސްޓްރީއަށް ސިޓީފޮނުވާފައިވާނެކަމަށާއި، ނަމަވެސް އެ ދުވަހާއި ހަމައަށް ވެސް މިނިސްޓްރީން ހުއްދަ ދެއްވާފައިނުވާކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

