ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއިން ނިންމާލައިފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން އެމްޓީސީސީއިން ބުނީ މިމަސައްކަތް ނިންމާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ވަނީ އަތުރާފައެވެ. މީގެ އިތުރުން 5000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރުކޮށްފައިވެއެވެ. މި މަޝްރޫއަކީ ފޮއްދޫއަށް ދިމާވެފައިވާ ރަށް ގިރުން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރިގެ މާޗްމަހުގެ 20 ވަނަ ދުވަހުއެވެ. މިމަޝްރޫއަށް ޖުމްލަ 7.6 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.
އެމްޓީސީސީއިން ވަނީ މިއަހަރުގެ މިހާތަނަށް 17 ރަށެއްގައި ޖުމްލަ 19 މަޝްރޫއެއް ނިންމާފައެވެ. ޖުލައި މަހުގެ މިހާތަނަށްވެސް ބަނދަރު ހެދުމުގެ 2 މަޝްރޫއަކާއި އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއެއް ވަނީ ނިންމާފައެވެ.
އަދި މިހަފްތާ ތެރޭގައިވެސް ދެމަޝްރޫއެއް ނިންމައި ހަވާލުކުރުމަސ ްމަސައްކަތްކުރަމުންދާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

