އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަން ހަމަޖެހިފައިވާ މިނިވަން ސުލްހަވެރި އިހްތިޖާޖު ފަށާ ގަޑިއަށް، އެ ކޯލިޝަންގެ ބައެއް ބޭފުޅުން ފުލުހަށް ހާޒިރުކުރަން މިހާރުން ފަށައިގެން ޗިޓުތައް ރެޑީކުރަން ފަށާފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
”ސަންގަށް“ މިއަދު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިރޭ ބާއްވަން ހަމަޖެހިފައިވާ މިނިވަން ސުލްހަވެރި އިހްތިޖާޖު ފަށާ ގަޑިއަށް، އެ ކޯލިޝަންގެ ބައެއް ބޭފުޅުން ފުލުހަށް ހާޒިރުކުރަން މިހާރުން ފަށައިގެން ޗިޓުތައް ރެޑީކުރަން ފަށަފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އެ ޗިޓުތައް އަދި ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
މީގެ އިތުރުން، ޝިޔާމް ވިދާޅުވީ، މި ގޮތުން މިރޭގެ މުޒާހަރާއަށް ޗިޓު ލިބޭ ފަރާތްތަކަށް ވަޑައިނުގެންނެވުނުކަމަށް ވިޔަސް، ފުލުހަށް ހާޒިރުވުމަށް ޗިޓު ނާންނަ ބޭފުޅުން މުޒާހަރާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މުޒާހަރާ ފަށާގަޑިއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަންދެއްވާ ކަމަށާއި، ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނިގޮތުގައި މިރޭގެ މުޒާހަރާ ޗާނދަނީ މަގާއި މަޖީދީ މަގު ޖަންކުޝަންގައި 20:15 ގައި ފެށިގެންދާނެއެވެ.
”މިރޭވެސް އަޅުގަނޑަށް މަޢުލޫމާތު ލިބޭގޮތުގަ، ބައެއް ޗިޓުތައް އެބަ ރެޑީކުރޭ މިރޭ، މި ދަންނަވާ ގަޑިއަށް އަޅުގަނޑުމެންގެ ބަޔަކު ހާޒިރުކުރުވަން. އެކަމަކު އެ އެއްޗެހިތަކެއް އަދިއެއް އަޅުގަނޑުމެންނަކަށް އަދިއެއް ނުއެއްލިބޭ. އެހެންވީމަ އެ ގަޑިއަށް އަޅުގަނޑުމެންނަށް ނުދެވުނަސް އަޅުގަނޑުމެންގެތެރެއިން ޗިޓު ނުފޮނުވާ ފަރަތްތައް އެ ގަޑިއަށް ގޮސް ތިބޭނެ. އެ ޔަޤީންކަން އަޅުގަނޑުދޭނަށް އިނގޭތޯ.“ ޝިޔާމް
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން 26 ވަނަ ދުވަހުގެރޭ ބޭއްވި މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި، ހޯރަފުށީދާއިރާގެ ކުރީގެ މެންބަރު ވަނީ މުޒާހަރާއާއި ގުޅިގެން ފުލުހަށް މިއަދު ހާޒިރުކޮށްފައެވެ. އަދި ޕީއެންސީގެ ރައީސް ވެސް މިއަދު 16:00 އަށް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓު ލިބިވަޑައިގެންފައެވެ.

