ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާ ލިބޭ މީހާ އިންސާފު ހޯދަން އޮތް ތަނަކީ ”ސޯޝަލްމީޑިއާ ޕްލެޓްފޯމް“ އެއް ނޫން!

ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިހާރަކަށް އައިސް އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައަކީ ޖިންސީގޯނާގެ ވާހަކަ ނުވަތަ ޖިންސީ ފުރައްސާރައިގެ ވާހަކައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ފިރިހެން ކުދިން އަންހެން ކުދިންނަށް، އަދި އަންހެން ކުދިން ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ނުވަތަ ޖިންސީ ފުރައްސާރަ ކުރަމުންދާ ވާހަކައެވެ. ނުވަތަ ޖިންސީ ގޯނާ އެހެން ނޫންނަމަ ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމުގެ ވާހަކައެވެ. 

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ވާހަކައިގެ އަޑު މި ދުވަސްވަރު ގަދަވެގެން އައި މައިގަނޑު ސަބަބަކީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މާގާމުގައި ހުންނެވި އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން އޭނާ ވަޒީރު ކަމުން ދުުރުކުރި ހިސާބުންނޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ. އެހެން ނަމަވެސް އޭގެކުރިން ވެސް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ވާހަކަ ނުދައްކައޭ ދަންނަވާކަށް ނެތީމެވެ. ނަމަވެސް ތަފާތަކީ މިހާރު  ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ވާހަކަ ދައްކަމުން ގެންދާ ގޮތެވެ. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށް އަޑުއުފުލަމުންދާ ގޮތެވެ. އަޅުގަނޑުގެ ނަޒަރުގައި އަނިޔާ ލިބުނު މީހާއަށް އިންސާފް ލިބޭނީ އިންސާފް ހޯދަން ދާން ޖެހޭ ނިޒާމުގެ ތެރެއިން ގޮސްގެންނެވެ. ނިޒާމުން ބޭރުން ކުރާ އެއްވެސް ކަމަކުން އަސްލު ބޭނުންވާ ހަގީގީ މަގްސަދު ހާސިލެއް ނުވާނެއެވެ. 

ވަޒީފާ އަދާކުރާ ތަންތަނާއި ތައުލީމު ދޭ ތަންތަނާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި، މިނޫންވެސް އިޖްތިމާއީ ހިދުމަތްދޭ އެހެނިހެން ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމުގެ ގާނޫނެއް ރާއްޖޭގައި އެބައޮތެވެ. ސުވާލަކީ ޖިންސީ އަނިއާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ގާނޫނީ ނިޒާމުގެ ތެރެއިން އިންސާފް ހޯދަން މަސައްކަތް ކުރީ ކިތައް މީހުންތޯއެވެ. ހާއްސަކޮށް މިއަދު ސޯޝަލް މީޑިއާގައި ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނެ އަޑުއުފުލަމުންދާ މީހުންގެ ތެރެއިން ގާނޫނީ ނިޒާމް އިހުތިޔާރު ކުރީ ކިތައް މީހުންތޯ މިއީ އުފެދޭ ސުވާލެކެވެ.

ޖިންސީގޯނާގެ ޝިކާރައަކަށް ވި ކަމަށް ނުވަތަ ވެފައިވާ ކަމަށް ބުނެ މިއަދު ސޯޝަލް މީޑިއާގައި އެކި މީހުން އެކި ބާވަތުގެ ވާހަކަ ދައްކަމުންދާއިރު އެ މައްސަލަތައް ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން އިންސާފް ހޯދަން އުޅުނު ނުވަތަ އުޅޭ މީހުން މަދޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެހެން މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަނިޔާ ލިބިގެން ނުވަތަ އަނިޔާކޮށްގެން ނުވަތަ އަނިޔާ ކުރަމުންދާތީ ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކާ ގިނަ މީހުން ބުނަނީ މީގެ ކުރިން އެ ވާހަކަ ނުދެއްކީ ބިރުން ކަމަށެވެ. ނުވަތަ އާއިލާގެ އަބުރާއި އިއްޒަތް ރައްކާތެރި ކުރުމުގެ ގޮތުން އާއިލާއިން ބުނެގެން ސިއްރު ކުރީ ކަމަށެވެ. އެކަން ދޮގު ކުރާކަށް ނެތީމެވެ. އެއީ ބައެއް ފަހަރު ކަން ހިނގާ ގޮތް ކަމަށް ވެދާނެއެވެ. ނަމަވެސް ސުވާލަކީ ބިރުފަހަނައަޅައި ގޮސް އަނިޔާ ލިބުނު ކަމުގެ ވާހަކަ ދެއްކުމުގެ ހިތްވަރު ލިބުމުން، އެ ވާހަކަ ކަމާއި ގުޅުންހުރި މުއައްސަސާއަކަށް ހުށަހެޅުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކީ ކީއްވެގެންތޯއެވެ.

ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު ވާހަކަ ދެއްކުމުގެ ކުރިން ގާނޫނީ ނިޒާމުގެ ތެރެއިން އިންސާފް ހޯދަން މަސައްކަތް ނުކުރީ ކީއްވެގެންތޯއެވެ؟ އަޅުގަނޑު މިހެން މިވާހަކަ ދަންނަވާއިރު ގާނޫނީ ނިޒާމުގެ ތެރެއިން އިންސާފް ހޯދަން މަސައްކަތް ކުރާ މީހުން ތިބިކަން ވެސް ގަބޫލު ކުރަމެވެ. ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރަކީ  ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށް ނުވަތަ އިންސާފް ހޯދާތަނަކަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ހަދާފައިވާ މަންޒަރެވެ. 

މީގެ އެތައް އަހަރެއް ކުރިން ޖިންސީގޯނާގެ ނުވަތަ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މީހުން އެ ވާހަކަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދައްކަމުން ދާއިރު އެއީ ހަމަ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލީ ކިތައް މީހުންތޯ އަޅުގަނޑުގެ ހިތައް އަރައެވެ. އަނިޔާ ލިބުނީމަ އެވާހަކަ ދައްކަން ވެސް ޖެހޭނެއެވެ. އިންސާފް ނުލިބޭނަމަ އިންސާފް ހޯދަން އަޑު އުފުލަން ވެސް ޖެހޭނެއެވެ. ނަމަވެސް ވަކި ހަމަތަކަކާއި އުސޫލްތަކެއްގެ ތެރެއިންނެވެ. ތިމާ ހިތުހުރި ގޮތަކަށް ހިތުހުރި ވާހަކައެއް ދެއްކުމަކީ އިންސާފެއް ނޫނެވެ. އަދި އިންސާފް ލިބޭނެ ކަމެއް ވެސް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި މީހެއްގެ ބޮލުގައި ބޮޑު ތުހުމަތެއް އަޅުވާއިރު އެ ތުހުމަތު ސާބިތު ކޮށްދެވެން ޖެހޭނެއެވެ. ޒާތީ މަގުސަދުތަކެއް ހާސިލް ކުރުމަށް ވާހަކަ ދެއްކުމަކީ ނުވަތަ ވާހަކަ ފެތުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫނެވެ.

ގަބޫލު ކުރަން ޖެހޭ ކަމަކީ ތިމާގެ ހައްގު ފެށޭ ހިސާބަކީ އަނެކާގެ ހައްގު ގެއްލޭ ހިސާބަށް ވެގެން ނުވާނެ ކަމެވެ. ޖިންސީ ގޯނާ ނުވަތަ ޖިންސީ ފުރައްސާރައަކީ ހަމައެކަނި ވަކި ބަޔަކަށް ކުރިމަތިލާން ޖެހިފައިވާ ކަމެއް ނޫނެވެ. އަންހެން ކުދިން ޖިންސީ ގޯނާގެ ނުވަތަ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަދައިން ފިރިހެން ކުދިން ވެސް ޖިންސީ ގޯނާ ނުވަތަ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވަމުންދާކަން ގަބޫލު ކުރަން ޖެހެއެވެ. ނަމަވެސް މިއަދު ދިވެހިރާއްޖޭގެ ސޯޝަލް މީޑިއާއަށް ބަލާލުމުން ޖިންސީގޯނާ ނުވަތަ ޖިންސީ ފުރައްސާރައަކީ ހަމައެކަނި އަންހެން ކުދިންނަށް ކުރިމަތިލާން ޖެހިފައިވާ ކަމެއްހެން ވެސް ހީވާކަހަލައެވެ. އަދި ޖިންސީ ގޯނާ ނުވަތަ ޖިންސީ ފުރައްސާރަ ކުރި ކަމުގެ އައްޑަނަ ނަގައިގެން ޒާތީ ހަސަދަ ފިލުވަން އުޅޭ މީހުން ވެސް މިއަދު ސޯޝަލް މީޑިއާއިން ފެންނަމުންދާ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. މިއީ ކަން ހިނގަން ޖެހޭ ގޮތެއް ނޫނެވެ. ކަންކަމުގައި އިތުބާރު ގެއްލޭ ހިސާބަށް ކަންކަން ދުއްވާނުލާށެވެ. ޖިންސީ އަނިޔާގެ ޝިކާރައަކަށްވި މީހާ އިންސާފް ހޯދަން އޮތް ތަނަކީ ފޭސްބުކް ޓުވިޓާއެއް ނޫނެވެ. އެއީ ޓްރެންޑަކަށް ނުހަދާށެވެ. އަނިޔާ ލިބޭ މީހާ އިންސާފް ހޯދަން އޮތްތަނަކީ ”ސޯޝަމީޑިއާ ޕްލެޓްފޯމް“ އެއް ނޫނެވެ. މިއީ ބަޔަކަށް ގަބޫލު ނުކުރެވުނަސް ހަމަހަގީގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: