ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ތިބިއިރު، މައްސަލަތައް ހައްލު ކުރުމަށްޓަކާ ރަނގަޅު މޮނީޓަރިން ނިޒާމެއް ބޭނުންވާކަމަށް މޯލްޑިވްސް އިމްރޭޝަނާއި، ލޭބާރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.
ރާއްޖޭގައި ފަހަކަށް އައިސް މުސާރައިގެ މައްސަލައިގައި ބިދޭސީން ދަނީ މުޒާހަރާ ކުރަމުންނެވެ. ބިދޭސީންގެ އެންމެ ބޮޑު ޑިމާންޑަކީ މުސާރަ ނުދޭތާ އެތައް މަހެއް ފާއިތުވެފައި ވުމުންނެވެ. ބ. ބޮޑު ފިނޮޅުގައި ބިދޭސީންތަކެއް މުސާރައިގެ މައްސަލައިގައި މުޒާހަރާކޮށް ހަމަނުޖެހުން ހިނގިއިރު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ނުދޭތާ ވަނީ 05 މަސް ދުވަސް ވެފައެވެ.
މީގެ އިތުރުން ހުޅުމާލޭގައި ސިފައިންނާއި، ފުލުހުންގެ ފްލެޓުތައް ހެދުމުގައި މަސައްކަތް ކުރާ 600 އެއްހާ ބިދޭސީންނަށް މުސާރަ ނުދޭތާ ވަނީ 08 މަސްވެފައެވެ. އެ މައްސަލައިގައި ބިދޭސީން ކުރި އިހުތިޖާޖު ވެސް ވަނީ ހަމަނުޖެހުމަކަށް ބަދަލުވެ، ފުލުހުންނާއި ކުރިމަތިލުން ހިނގާފައެވެ.
ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި، ލޭބާރ ރިލޭޝަންސްއިން ވެސް ވަނީ، ރިޒް ކުންފުންޏަށް ބޮޑު ފިނޮޅުގެ ބިދޭސީންނަށް ޖުލައި މަސް ނިމުމުގެ ކުރިން މުސާރަ ދޭން ވަނީ އަންގާފައެވެ. ނަމަވެސް ގިނަ ބަޔަކު ދަނީ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި އެލްއާރުއޭއަށް ވެސް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.
މައްސަލައިގައި ލޭބާރ ރިލޭޝަން އޮތޯރިޓީން ބުނެފައިވަނީ މިވަގުތު ތަނުގައި ތިބީ ޖުމްލަ 32 މުވައްޒަފުން ކަމަށެވެ. އެގޮތުން އެކްޓިވްލީ، އިންސްޕެކްޝަންގެ މަސައްކަތްތަކާއި އަދި މައްސަލަތައް ބެލުމަށް ތަނުގައި ތިބީ 14 މުވައްޒަފުން ކަމަށެވެ. އަހުޒަމް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަންއިން ފާސްކޮށްގެން، އިދާރީ އޮނިގަނޑެއް 84 މުވައްޒަފުން ހިމެނޭހެން އޮންނަ ކަމަށެވެ. އެހެން ކަމުން އޭގެއިން ވެސް ތަނުގެ ކެޕޭސިޓީއަކީ ކޮބައިކަން އެނގޭނެ ކަމަށް އައުޒަމް ވިދާޅުވިއެވެ.
އަހުޒަމް ވިދާޅުވީ އެލްއާރުއޭއިން އެންމެ ރަނގަޅަށް މަސައްކަތް ކުރާނަމަ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދެ މުވައްޒަފުން، ނުވަތަ އެއް މުވައްޒަފަކު ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިއްޖެ ނަމަ ކަންކަން ފަސޭހަ ވެގެންދާނެ ކަމަށެވެ.
މުސާރަ ނުދޭ މައްސަލައިގައި ބިދޭސީންތައް މަގުތަކަށް ނިކުމެ، ހަޅުތާލު ކުރުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވަނީ، އެކަންކަން ހުއްޓުވުމަށްޓަކާ އޮޕަރޭޝަނަލް ޕްރޮޓޮކޯލްއެއް ނިންމާފައި އޮތްތޯ ސުވާލު ކުރައްވާފައެވެ. އަދި ބޮޑު ފިނޮޅަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވިޔަސް އެ މީހުން އެ ރަށަށް ގެންދިޔަ ބަޔަކާއި މެދު ފިޔަވަޅު އަޅާނެ ގޮތަކާއި މެދު ގައްސާން ވަނީ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުން ބުނެފައިވަނީ އެކަހަލަ ކޮންމެ ކަމަކަށް އަމަލު ކުރާނެ ގޮތާއި މެދު އުސޫލެއް ގާއިމްކޮށްފައި އޮންނަ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގެ ކަމެއްނަމަ އެކަމަށް އަތޮޅު ޑިވިޝަންއަކުން އެޓެންޑުވާނެ ކަމަށެވެ. އަދި އޭގެ ފަހުން ހާލަތު ގޯސްވާނަމަ ދެން މާލެއިން ޓީމެއް ގެންދާނެ ކަމަށެވެ. ފުލުހުންގެ ޗީފް ސުޕްރިޑެންޓެންޑް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެއްވުންތައް ރޫޅާލުމާއި، އެއްވުންތަކަށް އެޓެންޑުވާނެ ހުރިހާ ގޮތެއް ހުންނާނީ ލިޔެވިފައި ކަމަށެވެ. އެހެން ކަމުން އަމަލު ކުރަމުންދާނީ އެ މަރުހަލާތަކަށް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އެއްވުމެއް ވަކި ހިސާބަށް ދިއުމުން ވެސް އެއަށް އެޓެންޑު ކުރާނެ ގޮތް ވެސް ލިޔެވިފައި ހުންނާނެ ކަމަށެވެ.
ގައްސާންގެ ދެވަނަ ސުވާލަށް ޖަވާބު ދެއްވަމުން، ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، ބޮޑު ފޮނިނޮޅުގައި 179 މީހެއްގެ ތެރެއިން، ސައްހަ ވެލިޑް ވިސާއެއް އޮތީ 48 މީހެއްގެ ކަމަށެވެ. އަދި މީގެ ތެރޭގައި ސީލް މޯލްޑިވްސް އާއި ރިޒް ކުންފުނިން ހުއްދަދީފަ އެހެން ނަމަވެސް އެ ހުއްދަ ހަމަވެފައިވާ މީހުން އެބަތިބި ކަމަށެވެ. ދެން އެތަނުގައި ތިބި އެހެން ބިދޭސީންނަކީ އެހެނިހެން ކުންފުނިތަކުން ގެނެސްފައި ތިބި މީހުން ކަމަށެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީންތިބިއިރު އެންމެ ބޮޑު އުނދަގުލަކީ މޮނީޓަރިންގެ ނިޒާމެއް ނެތުން ކަމަށް ޝިފާން ވިދާޅުވިއެވެ.

