ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް، އެ މަނިކުފާނުގެ ވަކީލުންނާ ބައްދަލުނުކުރެއްވޭތީ ގާނޫނީ ޓީމުން، އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ނުލިބުމާއި، އަދި އެ މީހަކު އިހުތިޔާރު ކުރާ ގާނޫނީ ވަކީލަކާއި މަޝްވަރާ ކުރުމަށްފަހު ފުރުސަތު ލިބުމަކީ ގާނޫނު އަސާސީގެ 54 ވަނަ މާއްދާ ނުވަތަ ކުށެއް ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހުންގެ ހައްގުތަކުގެ ދަށުން ކޮންމެ މީހަކަށް ވެސް ލިއްބައިދޭ ހައްގެއްކަމަށްވާއިރު، އަދި އެ މައްދާގެ ދަށުން ލިބިދޭ ހައްގުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިފަހައްޓައިގެން ނުވާނެ ހައްގުތަކެއްކަން ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
ގާނޫނީ ޓީމުން ބުނެފައިވަނީ ކޮވިޑާއި ގުޅިގެންކަމަށް ބަޔަނާކޮށް މި އަހަރުގެ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންނާއި ބައްދަލުކޮށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަންސްއިން ހުރަސް އަޅަމުންދާ ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން ސަރުކާރުން އިއުލާނު ކުރި ލޮކްޑައުންގެ އުސޫލުތައް އުވާލައި، ގިނަ ކަންކަމަށް ބޮޑެތި ލުއިތަކެއް ދީ، ކޯޓުތަކުގެ މަސައްކަތްތަކުގެ ތެރެއިން ރައީސް ޔާމީންގެ ޝަރީއަތްތައް ވެސް ފަށާފައިވާއިރު ވެސް މައްސަލައިގައި ގާނޫނީ އެހީތެރިކަން ހޯދުމަށް ރައީސް ޔާމީން ކުރަމުންދާ މަސައްކަތްތަކަށް ކަރެކްޝަންސްއިން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
މި މަހުގެ 08 ވަނަ ދުވަހު ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރި މަނީ ލޯންޑްރިން މައްސަލައިގެ އަޑުއެހުމުގައި، ގާނޫނީ ވަކީލުންނާއި ބައްދަލު ނުކުރެވޭކަމާއި އެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ބޭނުންފުޅުވާކަން ރައީސް ޔާމީން ފާހަގަކުރުމުން އެ ދުވަހުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ހައިކޯޓުން، ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތަށް އަންފާފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހައިކޯޓުން އެމަނިކުފާނަށް އެކަށީގެންވާ ވަގުތު ދީ އިތުރު އަޑުއެހުމެއް ބާއްވާނެކަން ވެސް އެ ދުވަހުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ހައިކޯޓުން އިއުލާނު ކުރެއްވިކަމަށް ވަކީލުން ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ބުނެފައިވަނީ އެ އަޑުއެހުމަށްފަހު، ވަކީލުންނަށް ކަރެކްޝަންސްގެ ފަރާތުން މި މަހުގެ 14 ވަނަ ދުވަހު ސިޓީއެއް ފޮނުވި ކަމަށެވެ. އަދި އެ ސިޓީގައި ބައްދަލުވުންތައް ބޭއްވޭނެކަމަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ވަކީލުންގެ ބައްދަލުވުން ފޯމު ހުށަހަޅަން ދިއުމުން، އެ ފުރުސަތު ނުލިބޭނެކަމަށް އެންގި ކަމަށާއި، މިއީ ހައިކޯޓުގެ އެންގުމެއްކަމަށް ތަކުރާރުކޮށް ބުނެ ކަރެކްޝަންސްގެ ސިޓީ ދެއްކުމުން ވެސް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ބާޔާނުގައި ވަކީލުން ވަނީ، ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ސީދާ ބައްދަލުވުންތައް ހަމަޖައްސައިދީ، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަށް ހުރަސް ނޭޅުމަށް ގޮވާލާފައެވެ. މީގެ އިތުރުން ޚަބަރުފަތުރާ ވަސީލަތްތައް ބެއްލެވުމުގެ ހިދުމަތް ޔާމީނަށް ކަރެކްޝަނަލް ސާވިސް އިން މިހާރު ނުދޭކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ވަކީލުން ބުނެފައިވަނީ، ސްޕެޝަން ޕްރޮޓެކްޝަން ގައިދީންނަށް ލިބެންޖެހޭނެ ކަމަށް ކަނޑައަޅާ ގައިދީންނަށް ބަންދު މީހުންނާއި މެދު އަމަލު ކުރަންވީ ގޮތުގެ އާއްމު އުސޫލަށް ބަލާއިރު ހަބަރު ފަތުރާ ވަސީލަތްތައް ލިބުމުގެ ފުރުސަތު އެފަރާތްތަކަށް ދޭންޖެހޭނެ ކަން އެނގެން އެބައޮތް ކަމަށެވެ.
ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުމުގައި ރައީސް ޔާމީނަށް ދިން ފުރުސަތުގައި އެމަކިނުފާނު ވިދާޅުވެފައިވަނީ، ބައެއް އިހުސާސްތަކެއް އެބަހުރި ކަމަށާއި އެ ވާހަކަތައް ޝަރީއަތާއި ހިއްސާ ކުރުމަށް ބޭނުންފުޅު ވާ ކަމަށެވެ. މި ވޭތުވެ ދިޔަ މުއްދަތުގެ ތެރޭގައި، ދިމާވި ހާލަތްތަކުގެ ސަބަބުން ވަކީލުންނާއި ބައްދަލު ކުރުމަށް އެއްވެސް ފުރުސަތެއް ލިބިފައިނުވާކަމުގެ ކަންބޮޑުވުންފާޅު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވަކީލުންނާއި ބައްދަލުވަނީ 10 މިނެޓުގެ ފޯނު ކޯލަކުން ކަމަށެވެ. އަދި ވަކީލުންނާއި ސީދާ ބައްދަލުވެ އެ މަނިކުފާނު ވެސް ހިއްސާ ކުރަން ބޭނުންވާ ބައެއް ގާނޫނީ ކަންކަން ހިއްސާ ކުރުމަށް ފުރުސަތު ލިބިވަޑައި ނުގަންނަވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، 10 މިނެޓަކީ އެންމެ އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި، އެންމެ ފަރާތަކާއި ވާހަކަ ދެކެވޭއިރު އެކަކު އަނެކަކާއި ވާހަކަ ދެކެވުމުން އިހުސާސްތައް ބުނެދޭން ވެސް ފަސޭހަ ވާނެ ކަމަށެވެ.

