ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާއަށް ބޭސްފަރުވާއަށް ދިޔަ މީހުން ކަރަންޓީނުގައި ތިންވަނަ ހަފްތާ! އަދިވެސް ފަރުވާ ނުފެށޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި، ރާއްޖެ ލޮކްޑައުން ކުރުމާއި ގުޅިގެން ރާއްޖެއިން ބޭސްފަރުވާއަށް ދާންޖެހޭ ގިނަ ބަޔަކު ތިބީ ފުރޭނެ ގޮތެއް ނެތިފައެވެ. ފަހުން ސަރުކާރާއި ފޮރިން މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތްތަކުން ރާއްޖެއިން އިންޑިޔާއަށް ބޭސްފަރުވާއަށް ފުރޭނެގޮތް މިހާރު ވަނީ ވެފައެވެ.

އެހެންނަމަވެސް، ފަރުވާއަށް އިންޑިޔާއަށް ދިޔުމަށްފަހު އެތައް ދުވަހެއް ވާއިރުވެސް، ފަރުވާ ނުފެށޭ ކަމަށް ބަލިމީހުންނާއި އެމީހުންގެ އާއިލަތަކުން އަންނަނީ ބުނަމުންނެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެމުން، އިންޑިޔާގައި މިވަގުތު ބޭސްފަރުވާއަށް ގޮސްހުރި ޕޭޝަންޓެއްގެ މަންމަ ބުނީ އާސަންދައިގެ ދަށުން އިންޑިޔާއަށް ބޭސްފަރުވާއަށް ދިޔަ މީހުންގެ ތެރެއިން ބައެއް ޕޭޝަންޓުންގެ ފަރުވާ އަދިވެސް ނުފެށޭކަމަށެވެ. މީގެ ތެރޭގައި ހާލު ވަރަށް ސީރިއަސް ޕޭޝަންޓުންވެސް ހިމެނޭ ކަމަށެވެ.

ކަރަންޓީނުގައި 14 ދުވަސް ހަމަކުރުމަށްފަހު، ފްލައިޓުން އައި ދެމީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އަނެއްކާވެސް، ތިންވަނަ ހަފްތާއަކަށް ކަރަންޓީނުކޮށްފައިވާ ކަމަށެވެ. 14 ދުވަސް ހަމަވުމުން ކަރަންޓީނުގައި ތިބި މީހުންގެ ޓެސްޓު ހެދުމަށްފަހު ނެގެޓިވްވި މީހުންވެސް އަލުން ކަރަންޓީނުކޮށްފައިވާ ކަމަށް ޕޭޝަންޓްގެ މަންމަ ކިޔައިދިނެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ މީހުން ކަރަންޓީނުގައި ބައިތިއްބާފައި ތިބީ އަމްރިތާ ހޮސްޕިޓަލުގެ ތެރޭގައި ހުންނަ ވަކި އިމާރާތެއްގެ ތެރޭގައިކަމަށް ޕޭޝަންޓްގެ މަންމަ ކިޔައިދިނެވެ. އަދި ކަރަންޓީނުގައި ބޭތިއްބިޔަސް، ފަރުވާ ކޮންމެވެސް ވަރަކަށް ފެށުމަށް ހުރިހާ ޕޭޝަންޓުންނާއި އާއިލާތަކުންވެސް އެދެމުންދާ ކަމަށް ވަނީ ކިޔައިދީފައެވެ.

ޕޭޝަންޓުންނާއި އާއިލާ މީހުންވެސް އާސަންދައަށް ގުޅައި، ފަރުވާ އަވަސްކޮށްދިނުމަށް އެދެމުންދާ ކަމަށާއި އެހެންނަމަވެސް، އާސަންދައިންވެސް މާބޮޑު އަޅާލުމެއް މިކަމަށް ދީފައިނުވާ ކަމަށް ޕޭޝަންޓުގެ މަންމަ ކިޔައިދިނެވެ.

އާސަންދައިގެ ދަށުން އިންޑިޔާއަށް ބޭސްފަރުވާއަށް ގެންދަނީ އިމަޖެންސީ ޕޭޝަންޓުން ކަމަށާއި އަދި ބައެއް ޕޭޝަންޓުންގެ ހާލަތު ދަށްވަމުންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، އިންޑިޔާއަށް ދެވުމަށްފަހު ތިން ހަފްތާވެގެންދާއިރުވެސް ފަރުވާގެ އެއްވެސް ކަމެއް ނުފެށުމަކީ ކަންބޮޑުވާންޖެހޭކަމެއް ކަމަށް ޕޭޝަންޓްގެ މަންމަ ކިޔައިދިނެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިޔާއަށް ދިޔުމަށް މީހުން ފުރުވަމުން ދާއިރު، ބޭސްފަރުވާއަށް ފުރުމަށް ބޭނުންވެފައި ތިބި ކިތަންމެ ބަޔަކު އެބަތިއްބެވެ. މީގެ ތެރޭގައި ވަރަށް ތުއްތު ކުދިންވެސް ހިމެނޭއިރު، އާސަންދައިގެ ދަށުންވެސް ބޭރަށް ދާން ހުއްދަ ނުލިބޭތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: