ހަނދާނަށް އަންނަނީ މީގެ 12 އަހަރު ކުރިން 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހެވެ. ތިޔަ އެންމެ ބޭފުޅުން ވެސް ދަންނާނެ ފަދައިން، އެ ދުވަހަކީ ”ސުލްޠާން ޕާކް“ ނުވަތަ ޢާންމު ނަމުންނަމަ ”ސަލްޓަން ޕާކް“ ނޫންނަމަ މިހާރުގެ ”ރަސްރަނި ބަގީޗާގައި ދިވެހިން ސިއްސުވައިލި ނުރައްކާތެރި ހާދިސާއެއް ހިނގިދުވަހެވެ. އާދެ! ސަލްޓަން ޕާކްގައި ބޮމެއް ގޮއްވައިލައި ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން ވެރިވެގެންދިޔަ ދުވަހެވެ.
”ސަލްޓަން ޕާކް“ ގައި ބޮންގޮއްވައިލުމުގެ ތުހުމަތު އޭރު ކުރެވުނު އެކަކީ، ލ.ގަން ތުނޑީ، ލަވް ސައިޑް، ޢަބްދުއްލަޠީފް އިބްރާހިމެވެ. ނަމަވެސް ލަޠީފް ވަނީ އޭރު ރާއްޖެއިން ފިލައިގެން ގޮސްފައެވެ. މި ގޮތުން އޭރު ލަޠީފް ހޯދުމަށް، އޭރު ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައެވެ. ނަމަވެސް ލަޠީފް ހައްޔަރުކުރީ، އެ ހާދިސާ ހިނގައިދިޔަފަހުން 5 އަހަރާއި ގާތްވެފައިވަނިކޮށް، 2012 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 05 ވަނަ ދުވަހުގައި ޕާކިސްތާނުން ރާއްޖެއައި ވަގުތު އެއަރޕޯޓުންނެވެ.
ދުވަސްތައް ފާއިތުވެގެން ގޮސް ލަޠީފްގެ އިތުރު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައަކީ މާފުށީ ޖަލުގައި ތިބި ހަރުކަށިފިކުރަށް ތާއީދުކުރާ ބަޔަކު ރާއްޖެއަށް ނުރައްކާވާފަދަ ކަންތައްތަކެއް ކުރަން އުޅުނު ބަޔަކާއި ގުޅުން އޮތްކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. މި ގޮތުން ފުލުހުން ވަނީ، އޭޕްރީލް މަހުގެ 27 ވީ ހޯމަދުވަހު މާފުށީ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނާއި ބެހޭ މަޢުލޫމާތު ދެއްވުމަށް އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ފުލުހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ، ޖަލުތަކުގައި ތިބި ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ރާވަމުންދިޔައީ، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލެއް ބޭރުގައިތިބި ބަޔަކުލައްވާ ކުރުވުމަށެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ބަލައި ފާސްކުރި ގޮޅިތަކުން ވަނީ، ފަސް މޯބައިލް ފޯނާއި، މޯބައިލް ފޯނާއި ގުޅުންހުރި އެހެނިހެން ޢާލާތްތައް ވެސް ފެނިފައެވެ. އޭގެ އިތުރުން ހަރުކަށި ފިކުރު ފެތުރުމާއި ގުޅޭ ބައެއް ފޮތްތައް ވެސް ފެނިފައިވެއެވެ. މިކަމާއި ގުޅިގެން ފުލުހުންނަށް ގުޅައިލުމުން ވިދާޅުވީ، ލަޠީފް މިހާރު ހުރީ ހެކި ނައްތައިލިކަމުގެ ކުށް ސާބިތުވެ ޙުކުމް ތަންފީޒުކުރުމަށް ޖަލުގައިކަމަށެވެ. މި ގޮތުން 1 އަހަރާއި، 12 ދުވަހުގެ މުއްދަތަށް ޙުކުމްކޮށްފައިވާ ލަޠީފް ވަނީ، ލ.ގަމުން އޭނާ ހައްޔަރުކުރަން ދިއުމުން، އޭނާގެ ފޯނުދިނުމަށް އިންކާރުކޮށް، ފޯނު ހަލާކުކޮށްލާފައެވެ.
މީގެ އިތުރުން ވެސް، ފުލުހުން ގެންދަވަނީ ލަޠީފްގެ އިތުރު މައްސަލަތަކެއްގެ ތަޙުޤީޤު ފުރިހަމަކުރައްވަމުންނެވެ. ”ސަންގުން“ ގުޅައިލުމުން ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ މައްސަލަތަކަކީ، ނުރައްކާތެރި ގޮވާ އެއްޗެއް އުފައްދަން އުޅުނުކަމުގެ ތުހުމަތާއި، ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިޔެކިޔުމާއި ފޮޓޯއާއި، ވީޑިއޯ ގެންގުޅުނުކަމުގެ ތުހުމަތުގެ އިތުރުން، ދަޢުލަތުގެ އުޅަނދެއްގައި ގަސްތުގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތެވެ.
ފުލުހުން މިހެން ހާމަކުރައްވާފައިވާއިރު، މި އަހަރުގެ މާޗު 22 ވަނަ ދުވަހު ވަނީ، ލޯންޗެއްގައި އަލިފާން ރޯކޮށްލި މައްސަލައެއް ފެންމަތިވެފައެވެ. ފުލުހުން ހާމަކުރިގޮތުގައި އެ ދުވަހުގެ މެންދަމުންއަލިވެ 03:54 ހާއިރު ވަނީ، ލ.ގަމު ބަނދަރުގައި އަޅާފައި އޮތް، ފުލުހުންގެ 34 ނަންބަރު ލޯންޗުގައި އަލިފާން ރޯކޮށްލާފައެވެ. މި ގޮތުން އޭރު ފުލުހުން ލޯންޗު ކައިރިއަށް ދުރުވިއިރު، އޭގެ ވާ އޮތީ ކަނޑާލާފައެވެ. ފުލުހުން އޭރު ބުނުއްވީ، އެއީ ބަޔަކު ގަސްތުގައި ހިންގި ޢަމަލެއްކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަމެއް، ކިތައް މީހުންނެއްކަމެއް ފުލުހުން އޭރު ހާމަކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ފުލުހުން މިއަދު ބުނުއްވީ، އެ ލޯންޗުގައި ގަސްދުގައި އަލިފާން ރޯކޮށްލިކަމުގެ ތުހުމަތުކުރެވޭ އެކަކީ، ލަޠީފުކަމަށެވެ. އަދި އެ މައްސަލަތަކުގައި އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާކަމަށް ވެސް ފުލުހުން ބުނުއްވާފައިވެއެވެ.
މި ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްއިން މިހާރުވަނީ، ލަޠީފްގެ އިތުރުން، ލ.ގަން ތުނޑި، ކަޅައިދޫ ފިނިހިޔާގޭ މޫސާ އިނާސްގެ މައްޗަށް މިހާރު ވަނީ، ލޯންޗު ރޯކޮށްލި މައްސަލައިގައި ދަޢުވާކޮށްފައެވެ. މި މައްސަލައިގައި ޢަބްދުއްލަޠީފް ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ވަނީ، އޭނާ ގެންގުޅުނު ހާޑް ޑިސްކަކުންވަނީ، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ”ޖަބްހަތުއް ނުސްރާ“ އާއި، ”އަލް ޤައިދާ“ އަށް ތާއިދުކުރާކަން ހާމަކޮށްދޭ ލިޔުންތައް ފެނިފައިވާކަމަށް ޕީޖީ އޮފީހުންވަނީ ހާމަކޮށްފައެވެ. އަދި މޫސާ އިނާސްގެ ގެ ބަލައި ފާސްކުރިއިރު، ލެޕްޓޮޕެއްގެ ހާޑް ޑިސްކްގައި، އައިސިސްއާއި، އަލްޤައިދާއަށް ތާޢީދުކުރާކަން ހާމަކޮށްދޭ ލިޔުންތަކާއި، ވީޑިއޯ ފެނިފައިވާކަމަށް ވެސް ޕީޖީން ހާމަކޮށްފައިވެއެވެ.


ގަސްތުގައި ލޯންޗެއް ރޯކޮށްލިކަމުގެ ތުހުމަތު ލަޠީފްގެ މައްޗަށް ކުރެވޭއިރު، މި އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގައި ވަނީ މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗު އަންދާލާފައެވެ. މި ޖަރީމާ ވެސް ހިންގާފައިވަނީ، މީހުން ނިދައި ފައިހިލަވަޅު އޮބިފައިވަނިކޮށެވެ. މި ގޮތުން ރޯކޮށްލި ފަސް ލޯންޗުގެތެރޭގައި، ސީ އެމްބިއުލާންސަކަށް ބޭނުންކުރާ ލޯންޗަކާއި، ފުލުހުންގެ ލޯންޗަކާއި، އދ.މަހިބަދޫ ކައުންސިލުގެ ލޯންޗެއް ހިމެނެއެވެ. އޭގެ އިތުރުން އެޗްއެމްއެޗްގެ ދެ ލޯންޗާއި، މަހިބަދޫ ފަޅުގައި އަޅާފައި އޮތް ދެ ޑިންގީ ވެސް ހިމެނެއެވެ. ޓެރަރިޒަމްގެ މި ޢަމަލު ހިންގާފައިވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާޢަތަކުންކަމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގައި ވެސް އައިއެސްގެ ނެޓްވޯކް އެބައޮތެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ރިޕޯޓެއްގައި މިހެން ބުނެފައިވާއިރު، އައިއެސް ޖަމާޢަތުން ވެސް ވަނީ، އެ ހަމަލާގެ ޒިންމާ ނަގާފައެވެ.

އައިއެސްއާއި އޮތް ގުޅުން އޮތް މީހުން އަންނަނީ މަޑުމަޑުން ގިނަވަމުންނެވެ. މިކަން ފުލުހުން ވެސް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ހިތާމައަކީ މިފަދަ މީހުން ބަންދުކޮށްފައި، އަލުން މުޖުތަމަޢުތެރެއަށް ދޫކޮށްލާ ދޫކޮށްލުމެވެ. މީގެ ހިތި ނަތީޖާ ފެންނަނީ، ކުށްވެރިޔާ މުޖުތަމަޢުތެރެއަށް ދޫކޮށްލާ ހިސާބުންނެވެ. އޭރުން އޮންނަނީ ވަގުތު ފާއިތުވެފައެވެ.

