ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހި މިހާލަތު އަހަރު ނިމެންދެން އޮވެދާނެކަމަށް ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.
ޑރ. ޝީނާއަކީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑު ބައްޔާއި ދެކޮޅަށް ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން ވެސް ޕްރޮޖެކްޝަންތަކުގެ މައުލޫމާތު ހިއްސާ ކުރެއްވި ފަރާތެކެވެ. ކުރީގެ ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކްގެ ހެލްތްގެ މަގާމުވެސް އަދާ ކުރައްވާފައިވާ، ކޮވިޑާއި ގުޅިގެން ސަރުކާރަށް ކޮންސަލްޓެންސީ ދެއްވާ ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ކުރިޔަށް އޮތްތަނުގައި ގޯސްވެދާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ މިހާރު ބަލި ފެތުރެމުންދާ މިންވަރާއި، އާއްމުންގެ އަމަލުތައް ހުރިގޮތުގެ މައްޗަށް ލަފާ ކުރެވޭ އަދަދުތަކެއް ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
އޮގަސްޓު މަހު ރާއްޖޭން ފެންނަ ކޭސްތަކުގެ އަދަދު އެވްރެޖު ގޮތެއްގައި 170 ގައި ހުންނާނެކަމަށް ޑރ. ޝީނާ ވަނީ ލަފާކޮށްފައެވެ. އަދި މުޅި މަސް ނިމިގެންދާއިރު އެކަނިވެސް އެ އަދަދުތައް 2،300 އިން މައްޗަށް އަރާނެކަމަށް ބެލެވޭކަމުގައި ޑރ. ޝީނާ ވިދާޅުވިއެވެ. ޑރ. ޝިނާ ވިދާޅުވީ ބަލި ޖެހިގެން ރިޕޯޓު ކުރާ މީހުންގެ ތެރެއިން 475 މީހަކަށް ފަރުވާ ދޭންޖެހޭނީ ހޮސްޕިޓަލުގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ޑރ. ޝީނާގް ޕްރޮޖެކްޓުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ކޮވިޑުގެ ޖާލަތު ރަނގަޅުވާނެކަމަށް ނުބެލެވެއެވެ. ސެޕްޓެމްބަރު މަހުގައި ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އަދަދުތައް ހުރީ ދުވާލެއްގެ މައްޗަށް 105 ކޭސްއެވެ. އަދި މުޅި މަސް ނިމިގެންދާއިރު 1،465 މީހަކަށް ބަލި ޖެހޭނެކަމަށް ޑރ. ޝީނާ ވަނީ ލަފާ ކުރައްވާފައެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން، 293 މީހަކަށް ފަރުވާދޭންޖެހޭނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ކަމަށް ޑރ. ޝީނާ ވަނީ ލަފާ ކުރައްވާފައެވެ.
ދުވަސްތައް ދާވަރަކުން ކޮންވެސް ވަރަކަށް ކޭސްތައް މަދުވީ ނަމަވެސް، ބަލި އެއްކޮށް ނެތިގެން ނުދާނެކަމަށް ޑރ. ޝީނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ތެރޭގައި ބަލި ފެންނާނެ އަދަދުތަކުގެ ގޮތުގައި ޑރ. ޝީނާ ލަފާ ކުރައްވާފައިވަނީ ދުވާލެއްގެ މައްޗަށް 68 ކޭސްއެވެ. އަދި ޖުމްލަ 945 މީހަކަށް ބަލި ޖެހޭނެކަމަށް ލަފާ ކުރެވޭއިރު އޭގެ ތެރެއިން 189 މީހުންނަކީ އެއީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭނެ މީހުންގެ ގޮތުގައި ޑރ. ޝީނާ ވަނީ ވިދާޅުވެފައެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ހިއްސާ ކުރެއްވި ޕްރޮޖެކްޝަންތަކުގެ އިތުރު މައުލޫމާތުތަކަށް ބަލާއިރު، ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ކޭސްތައް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެން ނަމަވެސް އެއީ ދުވާލެއްގެ މައްޗަށް 29 ކޭސް ފެންނާނެ ކަމަށް ލަފާ ކުރުމަށްފަހުއެވެ. އެއީ އެ މަސް ނިމޭއިރު 409 ކޭސްއެކެވެ. އޭގެ އިތުރުން ޑިސެމްބަރު މަހުގެ ތެރޭގައި ބަލި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ 254 މީހަކަށެވެ.
މާލެއިން ކޮވިޑުގެ ކޭސްއެއް ފެނުމާއި އެކު މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށްފައިވަނީ އޭޕްރިލް 14 ގައެވެ. އެއަށްފަހު ކޭސްތައް ދަށް ވާން ފެށުމުން އަޅާފައި ހުރި ފިޔަވަޅުތަލަށް ލުއިތަކެއް ދިނީ މޭއި މަހުގެ 28 ވަނަ ދުވަހުއެވެ.
ލޮކްޑައުންގެ ލުއިތަކަށް ފަހު މާލެ ތެރެއިން ފެންނަ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިއަދު އެކަނިވެސް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 152 އަށް އަރައެވެ.

