ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 74 މީހުން ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހުކުރުދުވަހުގެރޭ އެޗްޕީއޭއިން ބުނީ، ބުރާސްފަތިދުވަހުގެ 18:00 އާއި ހަމައިން ފެށިގެން، ހުކުރުދުވަހުގެ އެ ވަގުތާއި ހަމައަށް އިތުރު 74 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ޖުމްލަ 3،793 އަށް އަރާފައިވާކަމަށެވެ. މި ގޮތުން އެންމެފަހުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން ޕޮޒިޓިވް 70 މީހުންނާއި، އެހެނިހެން ރަށްތަކުން ޕޮޒިޓިވްވި 04 މީހުންކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އޭގެތެރޭގައި ހިމެނެނީ، 44 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހުންނާއި، އިންޑިއާގެ 08 މީހުންނާއި، ސްރީލަންކާގެ މީހެއްގެ އިތުރުން، ނޭޕާލް މީހަކާއި، ޕިލިޕީންސްގެ މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން މި ބައްޔަށް ފަރުވާ ހޯދަމުންއައި މީހުންގެތެރެއިން، އިތުރު 39 މީހުން ބަލިން ރަނގަޅުވެފައިވާކަމަށާއި، އެ ގޮތުން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ ޢަދަދު މިހާރު 2،607 އަށް އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިހާރު ފަރުވާ ހޯދަމުން އަންނަނީ، 1،155 މީހުންކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ ބަލިޖެހުނު މީހުންގެތެރެއިން 65 މީހަކަށް ހޮސްޕިތަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އައިސޮލޭޝަން ފެސިލިޓީތަކުގައި 709 މީހުން ތިބިކަމަށް ވެސް އެޗްޕީއޭއިން ހާމަކުރެއެވެ.
ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވެ މިހާރު ވަނީ، ރާއްޖޭގެ އެކި ރަށްރަށުން ޕޮޒިޓިވް ކޭސްތައް ފެންނަން ފަށާފައެވެ. މި ގޮތުން ޕޮޒިޓިވްވެފައިވާ މީހުން ތިބި ރަށްތަކުގެތެރޭގައި، ހއ.ކެލާ އާއި، ރ.އިނގުރައިދުއާއި، ބ.އޭދަފުށްޓާއި، އެ އަތޮޅު ކަމަދުއާއި، ސީސައިޑް ފިނޮޅު ރިސޯޓު ހިމެނެއެވެ. މީގެ އިތުރުން ޅ.ކުރެންދުއާއި، ޅ.ހިންނަވަރާއި، ކ.މާފުށީގެ އިތުރުން ވ.ފުލިދޫ ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖެއިން މިހާތަނަށް 78،900 (ހަތްދިހަ އަށްހާސް ނުވަސަތޭކަ) ސާމްޕަލްނެގި، އޭގެތެރެއިން 3،793 ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ބަލިޖެހުނު މީހުންގެތެރެއިން މިހާތަނަށް 16 މީހަކު ވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން ހާމަކުރާގޮތުގައި، އޭގެތެރޭގައި ހިމެނެނީ، 11 ދިވެހިންނާއި، ބަންގްލަދޭޝްގެ 04 މީހުންގެ އިތުރުން ޕިލިޕީންސް މީހެކެވެ.

