މި ދުވަަސްވަރު މާލޭގެ މަގުމަތީގައި އުޅޭ ފަރާތްތަކުން މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، ކަސްރަތުކުރާ ވަގުތުގައި އެކަން ކުރަން ނުޖެހޭނެކަމަށް ބުނެފިއެވެ.
ފުރަބަންދުގެ ލުއިތަކާއި އެކު މާލެތެރޭގައި އަނެއްކާއްވެސް ކޮވިޑު ފެތުރެމުންދާއިރު، މާލޭގެ މަގުމަތީގައި އުޅޭ ފަރާތްތަކަށް މާސްކް އެޅުން މަޖުބޫރު ކުރި ނަމަވެސް ކަސްރަތުކުރާ ވަގުތުގައި އެކަން ކުރަން ނުޖެހޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
ލޮކްޑައުންގެ ލުއިތަކަށްފަހު މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު، މިއަދުން ފެށިގެން މާސްކު އެޅުމަށް މަޖުބޫރުވާނެއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އާއްމުކޮށްފައިވާ މާސްކު އެޅުމާއި ބެހޭ އުސޫލުގައި ބުނެފައިވަނީ އޮގަސްޓު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ވަކި މުއްދަތެއް އަންގަންދެން ގެއިން ބޭރުގައި އުޅޭއިރު އަނގަޔާއި ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކު އެޅުން ލާޒިމްވާނެ ކަމަށެވެ.
މާސްކު އެޅުން އިސްތިސްނާ ވާނެ ބައެއް ހާލަތްތައް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ބޭރުތެރެއަށް 02 އަހަރުން ދަށުގެ ކުއްޖެއް ގެންދާނަމަ، އެ ކުއްޖާ މާސްކު އަޅުވާކަށް ނުޖެހޭނެއެވެ. އޭގެ އިތުރުން ކަސްރަތު ކުރުމާއި، އަމިއްލައަށް މާސްކު އަޅައި، ނުބޭލޭ މީހުން ވެސް މި ނިންމުމުން އިސްތިސްނާ ވާނެއެވެ.
https://twitter.com/HPA_MV/status/1289489881362608130
ކޮވިޑުގެ ކޭސްތައް މާލޭގައި އިތުރުވުމާއި ގުޅިގެން، ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށް، އާއްމު ތަނުގައި މާސްކު ނާޅާނަމަ އެ މީހަކު 1،000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ވެސް ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅޭ މީހުންގެ ކަންކަން މޮނީޓާރ ކުރުމަށް ވެސް ނިންމާފައިވެއެވެ. އަދި ކޮވިޑުގެ އުސޫލުތަކާއި އެއްގޮތަށް އާއްމު ހިދުމަތް ދޭ ތަންތަނުން އަމަލު ކުރޭތޯ ބެލުމަށް އިންސްޕެކްޝަންސްތައް ވަނީ ފަށާފައެވެ. އިންސްޕެކްޝަންތަކަށް ފަހު ބައެއް ކެފޭ/ރެސްޓޯރެންޓުތަކާއި، ފިހާރަތައް ބަންދުކޮށްފައިވެއެވެ.
މާލޭގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުން އަންނައިރު، ކުރިޔަށް އޮތްތަނުގައި ބަލީގެ ހާލަތު ގޯސްވެދާނެކަމަށް ވަނީ ލަފާކޮށްފައެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސްތަކާއި މޫވްމެންޓުތައް ވެސް މިހާރު ވަނީ ކުރިޔަށް ވުރެ އިތުރުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެފައިވަނީ އާއްމުގޮތެއްގައި ފެންނަ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފެންނަ ގިނަ މީހުންނަކީ ވަޒީފާއަށް ނިކުންނަ މީހުން ކަމަށެވެ. އަދި އޮފީސްތަކުގައި ވަކިވަކިން ދުރުގައި އެ މީހެއްގެ ސިސްޓަމެއް ހުރިނަމަވެސް، ބްރޭކްގަޑިތަކާއި، ކާ ގަޑީ އެންމެން އުޅެނީ އެއްކޮށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް އިޖްތިމާއީ ގައިދުރުކަމަށް ސަމާލުކަން ދީ، މާސްކު އެޅުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކޮށްފައެވެ.

