ފްލެޓް ކޮމިޓީގެ މުވައްޒަފުން ކޮވިޑް-19އަށް ޕޮޒިޓިވްވީކަމަށް ބުނެ ދެއްކި ވާހަކަތަކަކީ ބަހަނާއެއްކަމަށް ޕީއެންސީގެ ނައިބްރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ހުސް ބަހަނާކަމަށާއި މިހުރިހާކަމެއް މިކުރަނީ ފްލެޓްތައް ނިންމައި، ރައްޔިތުންނަަށް ހަވާލުކުރުމަށް ބޭނުންނުވާތީ ކަމަަށެވެ. ދިރިއުޅުމުގެ ހާލަތު ބެލުމަކީ ވަކި މީހަކު ނެތިގެން ނުވާންޖެހޭ ވަރުގެ ކަމެއްނޫންކަމަށް ސައީދު ވިދާޅުވިއެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓް ޖުލައި މަސް ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ޖުލައި މަސް ނިމިގެން ދިޔައިރުވެސް އެލިސްޓު އާންމުކޮށްފައެއް ނުވައެވެ. މިކަމާއި ގުޅިން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ފްލެޓް ކޮމިޓީގެ ހުރިހާ މުވައްޒަފުން ތިބީ ކަރަންޓީނުގައި ކަމަށާއި ފްލެޓް ލިސްޓު އާންމުކުރުން ލަސްވާނެ ކަމަށެވެ.
އެގޮތުން ޖުލައި 28 ވަނަ ދުވަހު ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ބައެއް މުވައްޒަފުން ކަރަންޓީންކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހު އޮގަސްޓް މަހުގެ ދެވަނަ ދުވަހު އިތުރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަންގާފައިވާ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓެއް ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ވަނީ އާންމުކޮށްފައެވެ. އެހެންނަމަވެސް، އެލިސްޓުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމައްސަލަތައް ބަަލައި، ސައްހަ ލިސްޓެއް ތައްޔާރުކުރުމަށް ފްލެޓް ކޮމިޓީއާއި އެމަސައްކަތް ހަވާލުކޮށްފައެވެ. އެހެންނަމަވެސް، ގާތްގަނޑަކަށް ދޮޅު އަހަރުވެގެން ދިޔައިރުވެސް، އެކި ސަބަބުތަކާއި ހުރެ ފްލެޓް ކޮމިޓީއަށް އެމަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.

