ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރުގައި ބިދޭސީން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ވަގު ޑޮލަރު ވިއްކަނީ!

ނ.މާފަރު. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ.މާފަރުގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންތަކެއްގެ ސަބަބުން، އެ ރަށުގެ އިޖުތިމާޢީ ފޭރާންވީދި، ބިދޭސީންގެ މައްސަލަ ހައްލުކުރަން ދަތިވެއްޖެއެވެ.

”ސަންގު“ އަށް މަޢުލޫމާތު ދެއްވަމުން، ނ.މާފަރު ކައުންސިލްގެ ރައީސް ޢަބްދުލްމާޖިދު ވިދާޅުވީ  ނ.މާފަރުގައި ޤަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. މި ގޮތުން ގަވާޢިދާއި ޚިލާފަށް އުޅެމުން އަންނަ ބަންގުލަދޭޝްގެ 21 މީހަކު އެ ރަށުގައި އެބަތިބި ކަމަށާއި، އެއިން އެއްވެސް މީހެއްގެ އަތުގައި ވޯކް ވިސާއެއް ވެސް ނެތްކަމަށް މާޖިދު ވިދާޅުވިއެވެ. މީގެ އިތުރުން އެއިން އެއްވެސް މީހެއްގެ އަތުގައި ޕާސްޕޯޓުގެ އަސްލެއް ނެތްކަމަށާއި، ޕާސްޕޯޓުގެ ކޮޕީ ފިޔަވައި އިތުރު އެއްޗެއްނެތްކަމަށް ވެސް މާޖިދު ވިދާޅުވިއެވެ. 

ބިދޭސީންގެ ސަބަބުން ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ފާހަގަކުރައްވައި، މާޖިދު ވިދާޅުވީ އެ ބިދޭސީންގެތެރޭގައި ގުރޫޕް ހަދައިގެން ކޮންޓްރެކްޓް މަސައްކަތްކުރާ މީހުން ވެސް އެބަތިބި ކަމަށެވެ. އަދި އެ ކަން ކުރުވަނީ ރަށުގެ ބައެއް ފަރާތްތަކުން ކަމަށާއި، އޭގެ އިތުރުން ބައެއް މީހުންކުރާ ވިޔަފާރިތަކުގައި ވެސް އެ މީހުން ބޭނުންކުރާ ކަމަށް މާޖިދު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އެހެނިހެން ބައެއް ކަންތައްތައް ކުރަމުންދާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަކަމަށް ވެސް މާޖިދު ވިދާޅުވިއެވެ. މި ގޮތުން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާތީ، އަދި ޝަކުވާތައް ކެނޑިނޭޅި ލިބެމުންދާތީ އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މާޖިދު ވިދާޅުވިއެވެ. 

މި ގޮތުން ވޭތުވެދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށާއި، ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަރމަންޓްގެ ރައީސް އިމްރާން ޢަބްދުﷲ އަށް ސިޓީ ފޮނުއްވާފައިވާކަމަށް ވެސް، މާޖިދު ބުނުއްވިއެވެ. އެ ދެ ސިޓީގައި ބުނެފައިވާ ގޮތުން، ނ.މާފަރުގެ އާބާދީގައި 1200 އަށްވުރެ ގިނަ މީހުން އުޅެމުންދާއިރު، އެހެން ޤައުމުތަކުގެ ރައްޔިތުން ދިރިއުޅޭކަމަށާއި، އެ ގޮތުން ބެލިބެލުމުގައި ގަވާއިދާއި ޚިލާފަށް އުޅޭ 21 މީހަކު އެ ރަށުގައި އުޅޭކަމަށް ފާހަގަކުރެވިފައިވާކަަމަށް ސިޓިގައިވެއެވެ. މި ގޮތުން ގަވާއިދާއި ޚިލާފު ކަންތައްތައް އެ މީހުން ކުރަމުންދާކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށާއި، އަދި ކައުންސިލުން ބެލި ބެލުމުން ވެސް އެ ކަން ފާހަގަކުރެއްވިފައިވާ ކަމަށާއި، އެ މީހުން ރަށުގައި ވިޔަފާރިތައް ހިންގާކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކަމަށާއި، ރަށުގެ ޒުވާން ޖީލު އެ ވަބާގައި ޖައްސާ ހަލާކު ކުރަމުންދާކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. ސިޓީގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެ ރަށުގައި އުޅޭ ބިދޭސީން އަންނަނީ ޑޮލަރުގެ ވަގު ވިޔަފާރިވެސް ކުރަމުންނެވެ. މީގެ އިތުރުން، އެ ކަންކަމުގެ ސަބަބުން ރަށުގެ އިޖުތިމާޢީ ފޭރާންވީދި، ރަށުގެ މަސްލަހަތު ގެއްލި އެ ކަންކަން ހައްލުކުރަން ކައުންސިލަށް ދަތި އުނދަގޫކަމަކަށްވެފައި ވާކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. އަދި ޕޮލިހުންނާއި ގުޅިގެން މި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަމުން ގެންދާ ކަމަށާއި ޖުލައި 16 ވަނަ ދުވަހާއި ހަމައަށް އެއްވެސް ހައްލެއް ލިބިފައިނުވާކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. މި ގޮތުން އެ މައްސަލަތައް ވީހާވެސް އަވަހަކަށް ބަލައި، 21 ބިދޭސީން ރަށުން ބޭލުމުގެ ކަންކަން ހަމަޖައްސައިދިނުމަށް ވެސް ސިޓީގައި ވަނީ އެދިފައެވެ.

”މި ކޮޅުގަ މި އުޅޭ ބިދޭސީން އަޅުގަނޑުމެން ބެލިބެލުމުގަ މި ބޭފުޅުންގެ ވޯކް ވިސާއެއް ނުއެއްނެތް އިނގޭތޯ. ދެން ޕާސްޕޯޓް ވެސް ގިނަ ބޭފުޅުންއަތުގަ ނުވެސްނެތް. ހަމަ ކޮޕީއެއް މި އޮންނަނީ އިނގޭތޯ. ދެން އެ ބޭފުޅުން ގެނެސްގެން މަސައްކަތް މިކުރުވާ ބައެއް ބޭފުޅުން މިބުނީ ގުރޫޕް ހަދައިގެން ކޮންޓްރެކްޓް މަސައްކަތްކުރުވާ ބޭފުޅުން ވެސް އެބައުޅޭ. ދެން ވިޔަފާރިކުރާ ފަރާތްތައް އެ ބޭފުޅުންގެ ވިޔަފާރީގަވެސް މި މީހުން އެބަ ބޭނުންކުރޭ. ދެން އަމިއްލަޔަށް މީގެތެރޭން ބައެއް މީހުން މި ރަށުގަ މީހުންނާ ގުޅިގެން ވިޔަފާރި އެބަ ހިންގާ. ދެން އެ ޝަކުވާ އަޅުގަނޑުމެންނަށް ރައްޔިތުންގެ ފަރާތުން، ލިބެމުންއައީ. ދެން އޭގެ އިތުރުން މި މީހުން ރަށުތެރޭގަ އެހެނިހެން ކަންތައްތައް ކުރާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި ހަމަ އަޅުގަނޑުމެންނަށް ލިބުމާއެއްކޮށް އަޅުގަނޑުމެން މަސައްކަތްކުރިން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށްޓަކައި، އަޅުގަޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލަން އިނގޭތޯ. ދެން އެ ކަމުގެ ކަންބޮޑުވުން ރައްޔިތުން އިންތިހާއަށް ކުރާތީއާއި އެއްކޮށް އަޅުގަނޑުމެން ވެސް އެ ކަންބޮޑުވުން އޮތުމާއި އެއްކޮށް އެކަން އަޅުގަނޑުމެންކުރަން ނިންމީ. ނިންމައިގެން އަޅުގަނޑުމެން ވާނެ ޕޮލިހުންނާއި ގުޅިގެން ކަންތައްތަކެއް ކުރެވޭތޯ މަސައްކަތްކޮށްފަ. އޭގެ އިތުރުން ރަސްމީކޮށް ލިޔުމާއި އެއްޗެހި މިހާރު ވާނީ ފޮނުވިފަ. މި ކަންތައްތައް ހައްލުކުރުމަށްޓަކައި ކޮން ކަންތައްތަކެއްތޯ ކުރެވޭނީ ބެލުމައްޓަކައި، އެހެންވީމަ އެ ގޮތުން މިހާރު މަސައްކަތް ކުރަމުން މިދަނީ.“ ޢަބްދުލްމާޖިދު ޢަލީ

ނ ، މާފަރު ކައުންސުލިން ސީޕީ ހަމީދަށް ފޮނުވި ސިޓީ

ފަހަކަށް އައިސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އަންނަނީ ބޮޑުވަމުންނެވެ. ނ. މާފަރުގައި ގަވާއިދާއި ޚިލާފު ބިދޭސީންތަކެއް އުޅެމުން އަންނަކަމާއި، އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ވަގު ޑޮލަރު ވިއްކުން ފަދަ ކަންކަން ކުރިއަށްދާކަން ފާހަގަކޮށް، ސީޕީ ޙަމީދާއި، އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރަށް ޖުލައި16 ވަނަ ދުވަހުގައި ސިޓީ ފޮނުވާފައިވާއިރު، މިއަދާއި ހަމައަށް ވެސް ސިޓީގެ އެއްވެސް ޖަވާބެއް ނުލިބޭކަމަށް މާޖިދު ވަނީ ބުނުއްވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: