މާލޭގައި ކުއްލިގޮތަކަށް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމާއި އެކު، މާލޭ ސަރަހައްދުގައި ވަކި ގަޑިތަކެއްގައި ކާފިއު ހިންގުމަށް ނިންމާ، އެ ގަޑިތަކުގައި ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، މާލޭގައި ކޮންމެ ރެއެއްގެ ވެސް 10:00 އިން ފެށިގެން ފަތިހުގެ 05:00 އާއި ހަމައަށް ކާފިއު ހިންގާނެކަން އިއުލާނުކޮށްފައެވެ. އަދި ރޭގަނޑުގެ 09:30 އިން ފެށިގެން އާއްމު ހިދުމަތްދޭ ފިހާރަތަކާއި، އަދި ރެސްޓޯރެންޓުތައް ބަންދުކުރުމަށް ވަނީ އަންގާފައެވެ.
ކާފިއު ހިންގާ ގަޑިތަކުގައި މާލޭގެ މަގުތައް ބަލަހައްޓަމުން ގެންދާނެ ގޮތާއި ބެހޭ މައުލޫމާތުތައް ހިއްސާކުރައްވާ މާލެ ސިޓީ ޕޮލިސްގެ އިސްވެރިޔާ ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި ގަޑިތަކުގައި މަގުމަތަކުގައި އުޅެވޭނީ ހަމައެކަނި އެޗްއީއޯސީގެ ވެހިކަލްތަކާއި، އެމްބިއުލާންސްއަށް އެކަނި ކަމަށެވެ. އެހެންކަމުން މިގަޑިތަކުގައި މަގުތަކުގައި އުޅޭނަމަ އެ މީހުން ހުއްޓުވާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމުގައި ވަނީ ވިދާޅުވެފައެވެ.
ކާފިއު ގަޑީގައި ވަޒީފާ އަދާ ކުރަންޖެހޭ މީހެއް، ނުވަތަ އެ ގަޑިއާއި ދިމާކޮށް އޮފީސް ނިންމާ ގެއަށް ދާ މީހެއްނަމަ ތަނުގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އޮންނަންޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން، މާލޭގެ މަގުތަކުގައި އުޅުމަށް އެއްވެސް ވެހިކަލަކަށް ވެސް ހުއްދައެއް ނުދެވޭނެކަމަށާއި، މިގަޑިތަކުގައި ސަލާމަތީ ހިދުމަތްތަކާއި، ސިއްހީ ހިދުމަތްދޭ ފަރާތްތައް ނޫން ބަޔަކަށް މަގުތަކުގައި ނޫޅެވޭނެކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑު ފެތުރޭތީ އެޅި އިތުރު ފިޔަވަޅުތަކާއި އެކު، މާލެތެރޭގައި އެއްފަހަރާ ފަސް މީހުންނަށް ނިކުމެ ނޫޅެވޭނެއެވެ. އެއާއި އެކު މާލެއިން ރަށަކަށް ދާން ބޭނުންވާ މީހެއްނަމަ މިވަގުތު ހުއްދަދެވެނީ ކުރު މުއްދަތަކަށް މާލެ އައިސްފައިތިބި މީހުންނާއި، އަދި ކޮންމެހެން ވެސް ޒަރޫރީ ބޭނުމެއް ޖެހިގެން މާލެއިން ބޭރަށް ދާންޖެހޭ މީހުންނަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ ވިދާޅުވީ، އިލްތިމާސަކީ އޮފީސްތަކުގެ އޮޕަރޭޝަންސްތައް ކުރިޔަށް ގެންދިޔަ ނަމަވެސް ވީހާވެސް ލިމިޓެޑް މުވައްޒަފުން ވަޒީފާއަށް މިވަގުތު ނެރުން ކަމަށެވެ. އަދި ގެއިން މަސައްކަތް ކުރުމާއި، އެކު އޮފީހުގެ މީޓިންތައް ވާޗުއަލްކޮށް ކުރިޔަށް ގެންދިއުމަށް ސާމިއާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

