ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ހިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ އަދީބުގެ ސިއްހީ ހާލަތު ގޮސްފައިވާ ހިސާބާއި މެދު ކަންބޮޑުވާކަމަށެވެ. އަދި އަދީބަށް ސިއްހީ މައްސަލަތައް ދިމާވެފައިވާކަމާއި، ދިމާވަމުންދާ ދަތިތަކުގެ ވާހަކަތައް ފާހަގަކުރުމުން ވެސް އެކަމަށް ބެލުމެއް ނެތި ޖަލަށް ގެންގޮސްފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އުފުލި ހަތް ދައުވާއެއް، އެ ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ ވެސް ކަންބޮޑުވާކަ މެއްގެ ގޮތުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދީބު މިގޮތަށް ބަންދުގައި ކިތައް ދުވަހު ހުންނަން ޖެހޭނެކަމާއި މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަދީބަށް ސިއްހީ އެތައް މައްސަލަތަކެއް ދިމާވެފައިވާއިރު، މިއީ ރާއްޖެއިން ފަރުވާކުރެވެން ނެތް ބަލިތަކެއްކަން ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް އަދީބު އެތައް ފަހަރެއްގެ މަތީން ބޭސްފަރުވާއަށް އެދުމުން ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެކަމަށް ހުރަސްއަޅަމުން ގެންދިޔަކަމަށް އެމްނެސްޓީން ވަނީ ތުހުމަތުކޮށްފައެވެ.
މި ބަޔާނުގައި ބުނެފައިވަނީ، މި ހުރިހާ ކަމަކީ ވެސް އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކެއްކަން ސަރުކާރުން ގަބޫލުކޮށް އެކަންކަން އިސްލާހު ކުރަންޖެހޭ ކަމަށެވެ. އަދީބަށް ދިމާވެފައިވާ ސިއްހީ ބަލިތަކުގެ ތެރޭގައި ލޮލަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ގްލޮކްމާ ޖެހިފައިވުމާއި، ކިޑްނީގައި ހިލަ އުފެދިފައިހުރުން ފަދަ އެތައް މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއަށް ވެސް ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އަދީބުގެ ފަރުވާއަށް ހުރަސް ނޭޅުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ހައިކޯޓުގައި އަދީބުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ވާހަކަ ދެއްކުމަށް ފުރުސަތަކަށް އެދިވަޑައިގެން އަދީބުވަނީ ނޭވާލުމުގައި ދަތިތަކެއް ވާތީ ނިދަން ވެސް ޖެހެނީ މެޝިންއެއްގެ އެހީގައިކަމަށް ވިދާޅުވެފައެވެ. އަދި މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތީން ގޮޅީގެ ތެރެއަށް ބޮލަށް އެނބުރުން އަރާ ވެއްޓުމުން ވެސް ކަރެކްޝަންސްއިން އެކަމަށް މާބޮޑު އަޅާލުމެއް ނުދޭކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ސިއްހީ ކަންތަކެއް ކުރިމަތިވަމުންދާކަން އަދީބު ވަނީ ފާހަގަ ކުރައްވާފައެވެ.

