އަނެކާ ކާންދީގެން ބޯންދީގެން އުޅޭ ނަމަ ތިމާޖެހޭނީ އޭނާ ޖަހާހާ ބެރަކަށް ނަށާހަދާށެވެ. ގައުމެއްގެ ނިސްބަތުން ވެސް އެކަން އޮތީ ހަމައެގޮތަށެވެ. ދިވެހި ތާރީހުން އެކަން ހެކިދެނީ އިންޑިއާއިން ރާއްޖެ އައި ވޯރާ ވިޔަފާރިންގެ ހާދިސާއިންއިންނެވެ. އެމީހުންނަށް ރާއްޖޭގައި ވިޔަފާރިކުރަން ތިބުމުގެ ހުއްދަ ދިނުމާ އެކު ދިވެހިންގެ ވިޔަފާރި ހުއްޓުވައި ރާއްޖޭގެ ވިޔަފާރީގެ ކޮންޓުރޯލް ނެގިއެވެ. ނަތީޖާއަކަށްވީ ދިވެހިންގެ ކަންކަމަށް އެމީހުން ބަސް ކިޔުންފެށުމެވެ.
ތާރީހު ދިރާސާކުރައްވާ ފަރާތަކުން މައުލޫމާތުދޭ ގޮތުގައި ވޯރާ އިން އޭރު ދިޔައީ ދިވެހި ވެރިންގެ ގޭގެއަށް ކާބޯތަކެތި ހަދިޔާކޮށް އެގޭގޭ ހަރަދުތައް ބަލަހައްޓަމުންނެވެ. އޭރުގެ ރަދުން ކަމަށްވާ ނޫރައްދީން ބަންޑާރައިންނާއި ބޮޑުންގެ ތެރެއިން އެތައްބަޔަކު ވޯރާ އިންނާގުޅިފައިވެއެވެ. ކަޅު ފައިސާގެ އަވާގައިޖެހި ދިވެހި ބޮޑުންނާއި ދައުލަތް ބޮޑެތި އަދަދުތަކުން އިންޑިއާގެ ވޯރާއިންނަށް ދަރާވިކި ހުސްވިފަދައެވެ. ނަތީޖާއަކަށްވީ ސަރުކާރުގެ ހުކުމްތައް ވޯރާއިންގެ މައްޗަށް ނުހިންގޭނެކަން ވޯރާއިންނަށް ވިސްނުމުން އެމީހުން ހިތުހުރި ގޮތަކަށް ކަންކަން ކުރާންފެށިއެވެ.
ފަހުގެ ތާރީހެއްގައި ވެސް އެފަދަ ނުރައްކަލެއް ރާއްޖެ އިން ފެނިގެން ދިޔައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރާ ހަވާލު ކުރުމާ އެކު މިސްރާބު ނުބައި ދިމާލަކަށް ދިޔަތަން ފެނުނެވެ. ހުޅުލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް ބޮޑެތި ވިޔަފާރީން ދިވެހިން ބާކީވެ، ވަކި ގައުމެއް ގަދަކުރަން އުޅުނުތަން ފެނިގެން ދިޔައެވެ. އެ އެއްބަސްވުން އުވާލަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އޭގެ ސަބަބުން ރާއްޖެއަށާއި ރާއްޖޭގެ އިގްތިސާދަށް ބޮޑު އަޅުވެތި ކަމެއް ކުރިމަތިވެދާނެތީއެވެ. ހަގީގަތުގައި ގައުމުތަކުން އެހީ ހޯދިނަމަވެސް އަދި އިންވެސްޓްތަކަށް އާއެކޭ، ބުނިނަމަވެސް އަޅުވެތި ކަމަށް ނޫނެކޭ ބުނަން ޖެހޭނެއެވެ.
އިގްތިސާދީ މިނިވަންކަމެއް ނެތް ނަމަ އެއީ ހަގީގީ މިނިވަން ބައެއް ނޫންކަން މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދުގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ދެއްވި ހިތޯބުން ވެސް ވަަރަށް ސާފުކޮށް އެއޮތީ ފެންނާށެވެ. . ކޮންމެ އަކަސް ބަވަނަ ވެފައިވާ ދުނިޔޭގައި އިންވެސްޓްމަންޓުތަކާއެކު ނޫނީ ކުރިއެއް ނާރާނެއެވެ. ތަރައްގީ ގެންނަން ވެސް ވާނީ ފޮރިންއިންވެސްޓްމަންޓްތަކާ އެކުގައެވެ. ނަމަވެސް އެއީ ވިޔަފާރި ކުރާ އުސޫލުންނެވެ.
މިގައުމުގައި އިންވެސްޓުކޮށް ފައިދާ ހޯދާނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތާއި ޓެކްސްއާ އެކުއެވެ. ހަމައެއާއެކު އެމީހުންގެ ވިޔަފާރިއަށް އަމާޒުކޮށްގެންނެވެ. ގައުމު އަތްދަށަށްލައި އަޅުވެތި ކުރާ އުސޫލަކުން ނޫނެވެ. ހަގީގަތުގައި ނުރައްކާ އެބައޮތެވެ، ފައިސާ ބޭނުންކޮށްގެން ނުވަތަ އިގްތިސާދު ކޮންޓުރޯލްކޮށްގެން ގައުމަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރެއެވެ، އެފުރުސަތުތައް ކުޑަކުރަން ޖެހެއެވެ.
ރާއްޖޭގައި އިންވެސްޓްކުރުމަށް އަންނަ ފަރާތްތަކަށް އޮންނަ ފުރުސަތުތައް ތައްމިނަށް ދޭން ޖެހެއެވެ. ކުރި އެރުން ލިބޭނީ އެގޮތުގައެވެ. އެހަނަސް ވަކި ބައެއްގެ ކޮންޓްރޯލް މުޅި އިގުތިސާދަށް ފޯރާ ގޮތަށް އެކަން ކުރާ ނަމަ، ނުވަތަ ކުރެވޭ ނަމަ އެކަމާ ދޭތެރޭ ދެ ވަނަ ނަޒަރިއްޔާތަކުން ވިސްނާލަން ޖެހޭނެއެވެ. ސުވާލަކީ ދިވެހި އިގްތިސާދަށް އަޅުވެތިކަމުގެ ބިރު އެބައޮތްތޯ.އެވެ ސުވާލުގެ ޖަވާބުގެ އަޅުގަނޑު ދޭކަށް ނެތީމެވެ. ކޮންމެއަކަސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފުރިހަމަ އިގްތިސާދަކީ ލިބޭ އާމްދަނީއާއި ކުރާ ހަރަދު ދެކޮޅުޖެހޭ އިގްތިސާދެކެވެ.
ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާ އިރު ބަޖެޓު ސަޕޯޓަށް ބޭރުގެ އެހީތަކަށް އަބަދު އެދެން ޖެހުމަކީ އިގްތިސާދީ މިނިވަން ކަމަށް އޮތް ހުރަހެކެވެ. އެހީއާ އެކު ޝަރުތުތައް ކުރާނެތީއެވެ. އެހެން ދައުލަތަކަށް ބަރޯސާނުވެ އެހެން ގައުމަކަށް ނޫނީ އެހެން މަލްޓިނޭޝަނަލް ބޮޑެތި ކުންފުނިތަކަށް މުޅި އިގްތިސާދު ބަރޯސާނުވެ ވީހާ ވެސް ފުޅާދާއިރާއެއްގައި ގިނަ ވިޔަފާރިތަކުގެ މައްޗަށް އެކުލެވޭ ނިޒާމެއްގެ ތެރެއިން ޚަރަދުތައް ބެލެހެއްޓޭ ނަމަ އެހެން ގައުމަކަށް ބަރޯސާވާން ނުޖެހޭނެއެވެ.
ކޮންމެއަކަސް އޭރުގެ ވޯރާއިން ރާއްޖެ އަތްދަށުލި އަތްދަށުލުމަށް މިހާރު ވެސް މިސާލު ލިބިގަންނަން ޖެހެއެވެ. މިނިވަން އިގްތިސާދެއް ބިނާކުރުމަށް ޓަކައި ވަކި ބަޔަކަށް ބަރޯސާވުން ހުއްޓުވަން ޖެހެއެވެ. ފުރުސަތު ދޭން ވާނީ ވިޔަފާރިކުރާށެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެ ނުރައްކާ އަބަދުމެ އޮންނާނެކަން ގަބޫލު ކުރަން ޖެހޭނެއެވެ. ބައެއްގެ އަތްދަށު ނުވެ ގައުމު ކުރިއަރައިދާ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށް އެ މަގުގައި ހިނގަން ވެއްޖެއެވެ. ކުރިއަށް ދެވޭނީ ފޮރިން އިންވެސްޓްމަންޓަކާ އެކުއެވެ. އެހެނަސް ބައެއްގެ އަތްދަށު ލުމަށް ފުރުސަތު ދީގެން ނުވާނެއެވެ.

