ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލިއާގޭގެ ގޭޓުގައި އެލިގަނެގެން ނުތިބޭނަން، ސަރުކާރާއި އެކު މަޝްވަރާ ކުރާނީ ރަސްމީ ސިޓީ ފޮނުވުމުން: އިދިކޮޅު

ކޮވިޑުގެ ހާލަތުގެ ތެރޭގައި އިދިކޮޅުން މާލޭގައި ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިނިވަން ދުވަހުގެ ހިތާބެއްގެ ތެރެއިން މަޝްވަރާއަށް ގޮވާލާ ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ދައްކެވި ވާހަކަފުޅަށް އިޖާބައެއް ނުދޭނެކަމަށާއި، މަޝްވަރާއަށް ދާނީ އުސޫލުގެ ތެރެއިން އެކަމަށް އެދި ރަސްމީ ސިޓީ ފޮނުވުމުން ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނެފިއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ސިޔާސީ މަސައްކަތްތައް އެއީ ވާހަކަ ނުދެކެވޭ ލެވެލްއެއްގައި ހުންނަކަމެއް ނޫން ކަމަށެވެ. ބައެއް ބައްދަލުވުންތަކުގައި ރައީސް ސާލިހް ވެސް އިދިކޮޅު ބައެއް ފަރާތްތަކާއި ފޯނުން ވާހަކަ ދެކެވޭ ކަމާއި ބައެއް ފަހަރު، ކޯލް މިސްވާ ވާހަކަ ފާހަގަކުރައްވާފައިވާތީ އެކަމަށް ޝުޖާއު ވިދާޅުވީ ގުޅޭ ފަހަރެއްގައި ގުޅުނު ނަމަވެސް، ރަސްމީ ސިފައެއްގައި އެއްވެސް އިރެއްގައި ގުޅިފައި ނެތް ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ރައީސް ސާލިހް ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނެވިއިރު މަޝްހޫރުވެގެން އައީ ”މަޑުމައިތިރި، ހުލްގުހެޔޮ، އެންމެނާއި ވެސް ވާހަކަ ދެއްކޭ، ކޮންމެ ވާހަކަ އެއް ވެސް ދެއްކޭ“ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް އައުމަށްފަހު އެ ބުނާ އެއްވެސް ސިފައެއް ނުފެންނަކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މުޅި ސަރުކާރުގެ ތެރޭގައި އޮތީ ވައްކަން ކަމަށެވެ. ޝުޖާއު ވިދާޅުވީ މަޝްވަރާއަށް ދާން ބޭނުންކަމަށާއި، އެހެން ނަމަވެސް އެޖެންޑާގެ އެންމެ ކުރީގައި އޮންނާނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހުކުމުގެ ވާހަކަތައް ކަމަށެވެ. ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަށްކޮށްފައިވަނީ ”ހަރާމް“ ހުކުމެއް ކަމަށެވެ. އަދި އެ ހުކުމް ”ހަރާމް“ ހުކުމަކަށްވަނީ ހުކުމް ކުރުމަށް މަޑު ގަޑިއިރަކަށްވެފައިވަނިކޮށް ފަނޑިޔާރުގެ ލަފުގައި ހިފާ ބޭރު ކުރުމުން ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ގޯސްވެފައިވާކަމަށާއި، މިއީ އަސަރާއި އެކު ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. ދިވެހި ރައްޔިތުން މި ސަރުކާރަށް ވޯޓު ދިނީ ހެޔޮ ވެރިކަމަށް ގެނެސްދޭނެކަމަށް ބުނެ ނަމަވެސް، އެ މަންޒަރެއް ނުފެންނަކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ބޭނުންވާ ކަންކަން މި ސަރުކާރަށް ފުރިހަމަކޮށް ނުދެވޭ ކަމަށާއި، ދެންވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެ ޕާޓީއަކީ ޕީޕީއެމް، ޕީއެންސީކަމަށެވެ.

މި ހުރިހާ ވާހަކައެއް ވެސް މަޝްވަރާގެ ތެރެއިން ދެއްކުމުގެ ފުރުސަތު އޮންނާނެ ނޫންތޯ ސުވާލު ކުރުމުން ޝުޖާއު ވިދާޅުވީ، އިދިކޮޅުން މަޝްވަރާއަށް ދާން ދެކޮޅެއް ނަހަދާކަމަށެވެ. ޝުޖާއު ވިދާޅުވީ މަޝްވަރާއަށް ދާނީ ރައީސް ޔާމީނާއި އެކީކަމަށް ބުނެފައި ނޯންނާނެކަމަށާއި އެހެން ނަމަވެސް ބުނާހާ ވެސް ވާހަކައަކީ މަޝްވަރާގެ މޭޒަށްދާއިރު ލިސްޓުގެ އެންމެ ކުރީގައި ރައީސް ޔާމީންގެ ހުކުމްގެ ކަންބޮޑުވުންތައް އޮންނާނެކަމުގެ ވާހަކަ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، މަޝްވަރާގެ ވާހަކަތައް ދައްކާއިރު ތިން މަސް ދުވަސް ފާއިތުވެދިޔައީ ރައީސަށް ފޮނުވާފައިވާ ސިޓީތަކަށް ޖަވާބެއް ނުލިބިކަމަށެވެ.

”އަޅުގަނޑުމެން މި ދަންނަވަނީ ސިޓީ ފޮނުވައިފީމޭ އެމަނިކުފާނާއި ބައްދަލު ކުރަން. ތިން މަސް ވީ ޖަވާބެއް ނުލިބި… ދެން…. ދެން އަޅުގަނޑުމެން ވީ ގޭޓުތެރޭ އެލިގެން ތޯ އޮންނަން. މަޝްވަރާއަށް ވަގުތު ދެއްވާށޭ މަނިކުފާނޭ…. ދެން އެ ލެވެލްއަކަށް ނުއެއް ދެވޭނެ ނޫންތޯ.“ ޝުޖާއު

ޝުޖާއު ވިދާޅުވީ ޖުލައި 26 ގެ ހިތޯބެއްގައި މަޝްވަރާއެއްގެ ވާހަކައެއް ދައްކައިފިކަމަށް ވިދާޅުވެ މުލިއާގޭގެ ގޭޓުގައި ”އެލިގަނެގެން“ ނުތިބެވޭނެ ކަމަށެވެ. އަދި އިދިކޮޅުން އެފަދަ ގޮތަކަށް މަޝްވަރާއަކަށް ވެސް ނުދާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ފޮނުވަން ޖެހޭނީ ރަސްމީ ސިޓީއެއް ކަމަށެވެ. އަދި އެ ސިޓީއަށް އެހާހިސާބުން އިޖާބަ ދޭނެކަމަށެވެ. އަދި އެ ނޫން ގޮތަކަށް ރައީސް ސާލިހާއި ވާހަކަ ދެއްކުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މަސައްކަތް ކުރަނީ ގައުމާއި މެދު ވިސްނައިގެން ކަމަށެވެ. މިނިވަންކަމާއި އިސްތިގުލާލު ގެއްލި، ރައްޔިތުން ބަނޑަށް ޖެހެމުންދާއިރު އެކަމަށް އަޑުއުފުލާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ހިތޯބެއްގެ ތެރެއިން ސަރުކާރުން ވާހަކަ ދައްކޭނެކަމަށް ބުނުމަކުން ނުނިމޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެކަން ކުރަންޖެހޭނީ އުސޫލެއްގެ ތެރޭންކަމަށެވެ. ޝުޖާއު ވިދާޅުވީ މީގެ ކުރިން ރައީސް ޔާމީން ވެސް އޭރުގެ އިދިކޮޅާއި ވާހަކަ ދެއްކެވީ ސިޓީ ފޮނުއްވައިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: