މާލެ ސަރަޙައްދުގައި ބޭރަށް ނުކުމެއުޅުން މަނާ ވަގުތުތަކުގައިވެސް ނޫސްވެރިންނަށް، އެނޫސްވެރިޔަކު ނިސްބަތްވާ މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
މިހާރު ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން އަލަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި 22:00އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް ބޭރަށް ނިކުމެ އުޅުން މިވަނީ މަނާކޮށްފައެވެ. އަދި އެ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށްވެސް އެސެންޓަރުން ވަނީ އަންގަވާފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައިވެސް ބޭރަށް ނުކުމެ އުޅޭނަމަ މާސްކް އަޅައިގެން އުޅުމަށް އެންމެހައި ރައްޔިތުންނަށް އެސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.
އެހެންނަމަވެސް ނޫސްވެރިންނަކީ ޤައުމަށް ދިމާވާ މިފަދަ ކޮންމެ ޙާލަތެއްގައިވެސް އެންމެ އިސްސަފުގައި ޚަބަރާއި މަޢުލޫމާތު ހޯދައި ޢާއްމުންނަށް ފޯރުކޮށްދިނުމުގައި މަސައްކަތްކުރަންޖެހޭ ބަޔަކަށްވާތީ، ނޫސްވެރިން މިޙާލަތުގައިވެސް މަގުމަތީގައްޔާއި ޢާއްމު ތަންތާގައި ޙަރަކާތްތެރިވާން ޖެހޭކަން މީޑިއާ ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެއިން ފެނުނީއްސުރެ މިކަމާގުޅޭ ޚަބަރާއި މަޢުލޫމާތު ޢާއްމުންނާހަމައަށް ގެނެސްދިނުމުގައި މިހާތަނަށް ދިވެހި ނޫސްވެރިން ކޮށްފައިވަނީ ފުރިހަމަ ޤައުމީ މަސައްކަތެކެއް އެ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ނާޒުކު ޙާލަތުގައި ބަލީގެ ޙާލަތު މިވަނީ އިތުރަށް ގޯސްވެފައެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. މިއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއާއި)ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އިމިހާރު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް ދިވެހި އެންމެހައި ނޫސްވެރިންނަށް މީޑިއާ ކައުންސިލުން ވަނީ ގޮވައިލާފައެވެ.
މީގެއިތުރުން މާލެ ސަރަޙައްދުގައި ބޭރަށް ނުކުމެއުޅުން މަނާ ވަގުތުތަކުގައިވެސް ނޫސްވެރިންނަށް، އެނޫސްވެރިޔަކު ނިސްބަތްވާ މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީޑިއާ ކައުންސިލަށް އަންގާފައިވާކަން އެ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

