މާލެއިން ފުވައްމުލައް ސިޓީއަށް ދަތުރުކޮށް، ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފިއެވެ.
ހޯމް ކަރަންޓީނުގައި ހުރި އެ މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓަށް ފަހު އެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިން ކުރިޔަށްދާއިރު، އިތުރު މީހަކާއި ރަށުން އޭނާއާއި ބައްދަލުވެފައިވޭތޯ ބެލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ފަހަކަށް އައިސް މާލެއިން ރަށަށް ގޮސް ކަރަންޓީނުވާ މީހުން ކޮވިޑަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ. އަދި އެ މީހުން ބައްޔަށް ޕޮޒިޓިވްވާކަން އެނގެނީ، ދޫކޮށްލުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރާއިރުއެވެ. މިހާތަނަށް ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.
މާލެއިން ކޭސްތައް މަދުވުމުން، ބައްޔާއި ދެކޮޅަށް އަޅާފައި ހުރި ވަރުގަދަ ފިޔަވަޅުތަކަށް ލުއިދިނެވެ. އަދި އެއަށްފަހު ކުއްލި ގޮތަކަށް ކޮވިޑު ފެތުރުން އިތުރުވެ، މިހާރު ވަނީ އިންޑިޕެންޑެންޓް ކޭސްތައް ނުވަތަ އިތުރު އެއްވެސް ކަލަސްޓާއަކާއި ގުޅުމެއް ނެތި ވެސް ބައްޔަށް ޕޮޒިޓިވްވާ މީހުން ފެންނަން ފަށާފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ޒުވާން އުމުރުފުރާ ގިނައިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓް ވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާއިރު އެ މީހުން ގިނަ ބަޔަކާއި ބައްދަލުވެފައި ހުރުމާއި އަދި މޫވްމެންޓުތައް ވެސް ގިނަކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ކޮވިޑު ޖެހޭ މީހުންގެ ގިނަ ކޮންޓެކްޓްސްތައް އޮފީސްތަކުން ފެންނާނީ އެކަމުގެ ކަންބޮޑުވުން ވެސް އެޗްއީއޯސިން ވަނީ ހިއްސާކޮށްފައެވެ. އަދި މި ދުވަސްވަރު ގެއިން މަސައްކަތް ކުރުމަށް ބާރު އަޅާ، ކޮންމެހެން ވެސް އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކަށް ލިމިޓެޑް ސްޓާފުން ނެރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑާއި ދެކޮޅަށް އަނެއްކާވެސް މާލޭގައި ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭގަނޑުގެ 10:00 އިން ފެށިގެން ފަތިހުގެ 05:00 އާއި ހަމައަށް އެއްވެސް މީހަކަށް ބޭރުތެރޭގައި ނޫޅެވޭނެއެވެ. އެ ގަޑިތަކުގައި ބޭރުގައި އުޅޭ މީހުން ހުއްޓުވާ ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މި އުސޫލާއި ހިލާފުވާނަމަ އެ މީހަކު 1،000 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ.

