ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނާއި ނަރުދަމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފެނާއި ނަރުދަމާގެ ބިލު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، 20 ޖުލައި 2020 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ފެނާއި ނަރުދަމާގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށާއި އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ފެނާއި ނަރުދަމާގެ ޚިދުމަތުގެ އަގު މީހުން ދިރިއުޅޭ ރަށްރަށުގައި ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުގެ މަޝްވަރާގެ މަތިންނެވެ.

ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަންދޭންވާނެކަމަށާއި، ޚިދުމަތުގެ ބޭނުންކުރާ ފަރާތްތަކުން އެ ޚިދުމަތް ބޭނުންކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތަކަށް އިސްކަންދޭންވާނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ، އިޢާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އަގުގެ ބޭރުން، ފެނާއި ނަރުދަމާގެ ޚިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.

މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ޢާންމުކޮށް ޝާއިޢުކުރަންވާނެކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ފެނާއި ނަރުދަމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އަދި، މި ޤާނޫނު ގެޒެޓުގައި ޝާއިޢު ކުރުމާއިއެކު، މި ޤާނޫނަށް މި ވަނީ އަމަލުކުރަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: