ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އަށް އެޑްވާންސަށް ފައިސާ ދެއްކުމަށް ފަހު ގެންނަން ހަވާލުކުރި ވެންޓިލޭޓަރު ތަކުގެ ތެރެއިން 10 ވެންޓިލޭޓަރެއް ޝަރުތު ހަމަނުވެގެން ފޮނުވާލަން ޖެހިއްޖެއެވެ.
ވެންޓިލޭޓަރުތައް ގެންނަން ދިން ތާރީހުން އެތައް ދުވަހެއް ފާއިތުވެދާއިރު ވެސް މިހާތަނަށް ރާއްޖެއަށް ގެންނަން ޖެހޭ އަދަދަށް ވެންޓިލޭޓަރުތައް ނުލިބެއެވެ.
މި ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ސަންގުޓީވީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭނުންވާ ފެސިލިޓީތަކާއި، އެ ފެސިލިޓީތަކަށް ބޭނުންވާ ރިކުއާމެންޓްސްތައް ތައްޔާރުކޮށް، ފެސިލިޓީތައް އަޕްގްރޭޓު ކުރަނީ އެތަކެތި ލިބުމުން ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ރާއްޖޭގައި، ކޮވިޑަށް ފަރުވާ ދެވޭނެ 124 ވެންޓިލޭޓަރު އެބަހުރިކަމަށެވެ. އެހެން ކަމުން މިހާރު މެޝިންތައް ހުރި އަދަދާއި އެއްވަރަށް ކެޕޭސިޓީ މެންޓެއިން ކުރެވޭކަމުގައި ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެޗްއީއޯސީން ވަކި ވަކި އިދާރާތަކުން އެ ގެންނަން ޖެހޭ ސާމާނެއް، ނުވަތަ ކުންފުންޏަކުން ގެންނަންޖެހޭ، ނުވަތަ އައީ ކޮން ވެންޓިލޭޓަރެއްތޯ ވަކިވަކީން ނޭނގޭ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ވެންޓިލޭޓަރުތައް ލިބުން ލަސްވާ ސަބަބާއި، އަދި އެއްވެސް ވެންޓިލޭޓަރެއް އަނބުރާ ފޮނުވާލަން ޖެހުނުތޯ އާ އެކަމުގެ މައުލޫމާތުތައް ދޭނީ ހެލްތް މިނިސްޓްރީގެ ޕްރޮކިއުމެންޓްއިން ކަމަށާއި އެއީ އެ ސެންޓަރާއި ބެހޭ ކަމެއް ނޫން ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ވެންޓިލޭޓަރަށް ދައްކަންޖެހޭ ފައިސާތަކުގެ މަސައްކަތްތައް ދިޔައީ އެޗްއީއޯސީގެ އޮޕަރޭޝަންސްތަކުގެ ތެރެއިން ނޫން ކަމަށެވެ.
ވެންޓިލޭޓަރުތަކާއި ގުޅޭ މައުލޫމާތުތައް ނޭނގޭކަމަށް ޑރ. ނަޒްލާ ވިދާޅުވީ ނަމަވެސް، ސަންގުއަށް އިތުބާރު ހުރި މަސްދަތުތަކުން މައުލޫމާތު ލިބިފައިވާ ގޮތުން ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ގެނައި ވެންޓިލޭޓަރުތަކުގެ ބްރޭންޑުތަކުގައި މައްސަލަތަކެއް އުޅޭތީ އެ ވަނީ އަނބުރާ ފޮނުވާލަންޖެހިފައެވެ. އަދި އެއީ ޝަރުތުތައް ހަމަވާ ވެންޓިލޭޓަރުތަކެއް ވެސް ނޫނެވެ. 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލު ކުރި އެ ކުންފުނިން ގެނައީ 10 ވެންޓިލޭޓަރެވެ. އަދި އެގްރިމެންޓު ގާއިމްކޮށް ވެންޓިލޭޓަރުތައް ނުލިބެނީސް ވަނީ ދެ މިލުޔަން ޑޮލަރު ނުވަތަ 34 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި މި ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމަށް ފައިސާ ދައްކާފައިވަނީ ވެސް ބޮޑު އަގަކަށެވެ.
ދުބާއީން ގެންނަ ވެންޓިލޭޓަރުތަކަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެއަށް ގެނައުމަށް ހަވާލުކުރި ވެންޓިލޭޓަރުތަކެއް ކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ނަމަވެސް މިއީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ގެންނަ ވެންޓިލޭޓަރެއް ނޫނެވެ. ނަމަވެސް އޭގައި ކަންހިނގާ ދިޔަ ގޮތަކީ މަޝްވަރާއެއްގެ ތެރެއިން ޑަބްލިއުއެޗްއޯގެ އޮފިޝަލެއް ދުބާއީ ކުންފުނީގެ ނަން ފާހަގަ ކުރީއެވެ. އެއާއި އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަކި ކުންފުންޏަކާއި އެކު މަޝްވަރާ ކުރުމަށް ބުނެފާނެކަމާއި މެދު ޝައްކު އުފެދެއެވެ.
އެންމެ ފަހުން މޭއި މަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނައިފަހުން، މާބޮޑު އަޕްޑޭޓުތަކެއް ލިބިފައި ނުވެއެވެ. އަދި ޖޫން މަހުގެ ތެރޭގައި މަޑުމަޑުން މާލޭގައި ކޮވިޑުގެ ކޭސްތައް މަދުވާން ފެށުމާއި އެކު ވެންޓިލޭޓަރުގެ ވާހަކަތައް ވެސް ހިނދިގެން ދިޔައީއެވެ. މީގެ ކުރިން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ނޫސްވެރިން ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ސުވާލުކުރިއެވެ. އެހެން ނަމަވެސް މާބޮޑު އަޕްޑޭޓެއް ނުލިބެއެވެ. ހާއްސަކޮށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ވެންޓިލޭޓަރުތަކުގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ.
ނަމަވެސް އޭރު އެންއީއޯސީން ވެސް ބުނަމުން ދިޔައީ، ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ކަމަށެވެ. ގައުމުތަކުގެ އިގްތިސޯދު އަލުން ފަށާ ދަތުތައް ވެސް ފަށާފައިވާއިރު ރާއްޖޭގެ ވެސް ބޯޑަރު ހުޅުވާލިތާ މަހަކާއި ގާތް ވަނީއެވެ. އެހެން ކަމުން ވެންޓިލޭޓަރު ގެނައުން ލަސްވާންޖެހޭ ސަބަބެއް ނެތެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާއި ގުޅޭގޮތުން ސުވާލު އުފެދި، އެކަމާއި ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް މީގެ ކުރިން ސުވާލު ކުރިއެވެ. އޭރު ކުންފުނީގެ ސައްހަކަމާއި މެދު އުފެއްދި ސުވާލަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއް ތޯ ބަލާފައިވާނެ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެކަން ޔަގީން ކުރުމަށްފަހުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، އެއީ ސައްހަ ކުންފުންޏެއްގެ ގޮތުގައި ޔަގީން ކުރި ކަމަށް ހެލްތް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ކަމަށެވެ. ވެންޓިލޭޓަރުތައް ގެނައުމަށް މި ކުންފުޏާއި ހަވާލުކޮށްފައިވަނީ 34 މިލިއަން ރުފިޔާއެވެ. އަދި އެގްރިމެންޓުގެ ދަށުން ކުންފުންޏަށް ފައިސާ ދައްކާފައިވާ ކަމަށެވެ.
އެގްޒެކިއުޓާސް ޖެނެރަލް އަކީ ލައިސެންސް އޮތް ކުންފުންޏެއް ތޯ ޔަގީންކޮށްފައި ވާނެ ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އޭނާ އެކަން ހިނގައިދިޔަ ގޮތް ބަލާ ވާހަކަ ވެސް ދައްކާފައިވާނެ ކަމަށެވެ. ޓްރާންސެކްޝަންގެ މަސައްކަތުގައި އުޅުނު މިނިސްޓްރީގެ އޮފިޝަލުންނާއި ވާހަކަ ދައްކާފައިވާނެކަމަށާއި، އެކަމުގެ ޑޮކިއުމެންޓު ވެސް ހޯދާފައިވަނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ، ތިން ކުންފުންޏަކާއިއެވެ. އެއީ ނާޑު ޕްރައިވެޓް ލިމިޓެޑް 24 ވެންޓިލޭޓަރު އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 50 ވެންޓިލޭޓަރާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ، ދުބާއީއަށް 75 ވެންޓިލޭޓަރެވެ. މީގެ ތެރެއިން އެއްވެސް ކުންފުންޏެއް ހަވާލު ކުރި އަދަދަށް ވެންޓިލޭޓަރުތައް ނުގެނެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުން މި މަހުގެ ތެރޭގައި ނާޑު އާއި، މެޑްޓެކްއިން ނުގެނެވި ހުރި ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެއެވެ. ނާޑު ކުންފުނިން އަދި މިހާތަނަށް އެއްވެސް ވެންޓިލޭޓަރެއް ރާއްޖެ ނުގެނެއެވެ.
ދައުލަތަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި ދައުލަތުގެ މަސައްކަތް ކުރުވުމުގައި ކުރާ އެންމެހައި ކަންތައް އަދި ކުރާ ކޮންމެ ހަރަދެއް ކުރަންޖެހޭނީ ދައުލަތުގެ މާލިއްޔަތު ގާނޫނީ ނިޒާމުގެ ތެރެއިން ކަނޑައަޅާފައިވާ އުސޫލިގެ ތެރެއިންނެވެ. އަދި ދައިލަތުގެ ޕްރޮކިއުމެންޓުގެ ނިޒާމުގެ ތެރޭ ދެވިފައި ހުންނަ އިހުތިޔާރުތައް އެއީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ލުއިދިނުމަށް ދެވިފައި ހުންނަ އިހްތިޔާރުތަކެއް ނަމަވެސް އެއިން ކޮންމެ ހާލަތެއްގައި ވެސް އިހުތިޔާރު ކުރަންޖެހޭނީ ދައުލަތުގެ ޕްރޮކިއުމެންޓުގެ ނިޒާމުގެ މައިގަނޑު މަގްސަދުތަކާއި އެ ޕްރޮކިއުމެންޓު ހަރަކާތެއްގެ މައިގަނޑު މަގްސަދު އެންމެ ރަނގަޅަށް ހާސިލްވާނެ ރައްޔިތުންނާއި ދައުތަށް ފައިދާހުރި ގޮތަކަށެވެ.
މިދިޔަ މޭއި މަހުގެ ތެރޭގައި ކަމާއި ގުޅުންހުރި އިދާރާތްތަކުން މައުލޫމާތުތައް އެއްކޮށް، ހޯދާއިފާ ލިޔެކިޔުންތަކުގެ މައްޗަށް ދިރާސާކުރުމަށްފަހު އޭސީސީން ވަނީ ތަހުގީގުގެ ހުލާސާ ރިޕޯޓެއް އާއްމުކޮށްފައެވެ. ނަމަވެސް ރިޕޯޓު އާއްމުކޮށް އޭސީސީން ވަނީ މައްސަލައިގައި އަދިވެސް ބަލަންޖެހޭ އިތުރު ބައެއް ކަންތަކާއި، ހޯދަންޖެހޭ ލިޔުންތަކެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން ކޮމިޝަނުން ބުނެފައިވީނަމަވެސް، އެކަމުގެ ތަފްސީލެއް ވެސް ފަހުން އާއްމު ނުކުރެއެވެ.
ކޮވިޑު ހަލުވިކަމާއި އެކު ފެތުރެން ފެށުމުގެ ސަބަބުން ހޯދަންޖެހޭ މެޝިނަރީސްތަކާއި އިކުއިޕްމެންޓުތަކުގެ ހަރަދުތައް މާލިއްޔަތު ގަވައިދާއި އެއްގޮތަށް ޑޮކިއުމެންޓުތަކާއި އުސޫލުތައް ފުރިހަމަކޮށްގެން ކުރަންޖެހޭ ކަންތައް ކުރުމުގައި ދަތިތަކެއް ދިމާވަމުންދާތީ އެ މަސައްކަތްތައް ލަސްވަމުންދާކަމަށް ބަޔާންކޮށް ކޮވިޑާއި ގުޅިގެން ހޯދަންޖެހޭ ސާމާނުތަކުގެ އަގު 2.5 މިލިއަނަށް އާ ކޮށްފައިވާކަމަށް އޭސީސީގެ އެ ރިޕޯޓުން ދައްކައެވެ.

