ދިވެހިރާއްޖޭގެ 24 ދަރިވަރުންނަށް ޖަޕާނުގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
”ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު“ގެ ދަށުން ކުރިއަށްގެންދާ މި ސްކޮލަރޝިޕް ދިނުމުގެ އެއްބަސްވުމުގައި ދިވެހި ދަޢުލަތުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.
މީގެ އިތުރުން ޖަޕާން ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
ފޮރިން މިނިސްޓްރީން ހާމަކުރިގޮތުގައި ޖަޕާނު ސަރުކާރުން ދިވެހި 24 ދަރިވަރުންނަށް ދެއްވާފައިވާ ސްކޮލަރޝިޕަށް 128 މިލިއަން ޖަޕަނީސް ޔެން ނުވަތަ 19 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 4 އަހަރުތެރެއިން ކޮންމެ އަހަރަކު ވެސް ދިވެހި 6 ދަރިވަރުންނަށް ޖަޕާނުގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މިއީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ރައީސް ޞާލިޙް ޖަޕާނަށްކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު މަޝްވަރާކުރެވުނު މުހިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި މިކަން ހަޤީޤަތަކަށްވުމުން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭކަމަށާއި ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ނުހަނު މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެއްކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މި ގޮތުން އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ތިމާވެއްޓާއި ތަޢުލީމީ ދާއިރާއާއި މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރަން ޖަޕާނު ސަރުކާރުން އަންނަނީ ބޮޑެތި އެހީތަކެއްވަމުންކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މި އެއްބަސްވުމަކީ ޖަޕާނާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ އެއްބަސްވުމެއްކަމަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 24 ދަރިވަރަކަށް ޖަޕާނުގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
ހަމައެއާއެކު ސޯސަލް ސައިންސްގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބިގެންދާނެކަމަށް ވެސް ޔަނާއީ ވިދާޅުވިއެވެ.
ޔަނާއީ ވިދާޅުވީ ޤައުމުގެ ތަރައްޤީގައި އިންސާނީ ވަސީލަތަކީ ވަރަށް މުހިއްމު ދަޢުރެއް އަދާކުރާ ބައެއްކަމަށާއި އެ ގޮތުން ރާއްޖޭގެ މަސައްކަތު އާބާދީއަކީ އުފެއްދުންތެރިކަމާއި އުފެއްދުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ އާބާދީއެއްކަމަށެވެ.
މީގެ އިތުރުން ޔަނާއީ ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އެއްވަރަށް އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ފަހިވެގެންދިޔުމުން އުފާކުރާކަމަށް ވެސް ވިދާޅުވެފައެވެ.
ޔަނާއީގެ ވާހަކަފުޅުގައި ވަނީ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރާ ހޭދައަކީ ބޭކާރު ވެގެންދާނެ އެއްޗެއްނޫންކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެހެންމެ ހިއުމަން ރިސޯސް ދާއިރާއަށް އިންވެސްޓްކުރުމަކީ ޤައުމުގެ ތަރައްޤީ ބިނާކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތެއްކަމަށާއި ރާއްޖޭން ކުރާ އެފަދަ މަސައްކަތްތަކުގައި ޖަޕާނު ސަރުކާރުން އަބަދުވެސް އެހީވާނެކަމަށް ޔަނާއީ ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި ތަޢުލީމީ ފުރުސަތެއްނޫން ކަމަށާއި މި ކަމުގެ ސަބަބުން ޖަޕާނުގައި ރާއްޖެ އިސްތިހާރުވެގެންދާނެކަމަށް ވެސް ޔަނާއީ ވިދާޅުވިއެވެ.
ރާއްޖޭގެ 24 ދަރިވަރަކަށް ޖަޕާނުން ފުރުސަތުދީފައިވާއިރު ”ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮޖެކްޓު“ ދަށުން އެހެނިހެން 15 ޤައުމަކަށް އެ ޤައުމުން ވަނީ ސްކޮލަރޝިޕްދީފައިވެއެވެ.

