ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް އިތުރު 148 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ބުނެފިއެވެ
އެޗްއީއޯސީން ހާމަކުރިގޮތުގައި އެންމެ ފަހުން ޕޮޒިޓިވް އެންމެންނަކީ އަންގާރަދުވަހުގެ 18:00 އިން ފެށިގެން ބުދަ ދުވަހުގެ 18:00 ގެ ނިޔަލަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ.
އެޗްއީއޯސީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ކޮވިޑަށް އެންމެ ފަހުން ޕޮޒިޓިވްވި 148 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާަތަނަށް 4594 އަށް އަރާފައިވާކަމަށެވެ.
މި ގޮތުން އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެތެރޭގައި 117 ދިވެހިން ހިމެނޭކަމަށާއި އޭގެ އިތުރުން ބަންގްލަދޭޝްގެ 22 މީހުން ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ހަމައެއާއެކު އިންޑިއާގެ 07 މީހެއްގެ އިތުރުން ނޭޕާލް މީހަކާއި ސީޝެލްސްގެ މީހަކު ވެސް ޕޮޒިޓިވްވެފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި ބަލިޖެހުނު މީހުންގެތެރެއިން އިތުރު 13 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މި ވަގުތު ފަރުވާދެމުން އަންނަނީ 1869 މީހުންނަށް ކަމަށާއި އޭގެތެރެއިން 110 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 4594 މީހުން ޕޮޒިޓިވްވެފައިވާއިރު ރަނގަޅުވެފައިވަނީ ޖުމްލަ 2706 މީހުންނެވެ. އަދި މި ބަލީގައި މިހާތަނަށް 19 މީހަކު ވަނީ ނިޔާވެފައެވެ.

