ރާއްޖޭގެ އިގްތިސޯދު މިހާރު މި އޮތީ ވަރަށް އުނދަގޫ ހާލަތަކަށް ގޮސްފައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ 2019 ގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އަނބުރާ ދެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ގައި ކަމަށެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސާދު ބަރޯސާވެފައި އޮތް ޓޫރިޒަމް އެއްކޮށް ކަހަލަގޮތަކަށް ހުއްޓި، އިގްތިސާދު މިއޮތީ ދަތި ހާލަތެއްގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިހާރު ދެކެމުން މިދަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މުޅި ދުނިޔެއަށް ވެސް އިގްތިސާދީ ގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މިއަހަރު ރާއްޖޭގެ ޖީޑީޕީ 11 ޕަސެންޓަށް ވެއްޓޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މީގެ ކުރިން އަންދާޒާކޮށްފައި އޮތީ މިއަހަރު ރާއްޖޭގެ ޖީޑީޕީ މިދިޔަ އަހަރާ އަލާބަލާ އިރު 7.5 ޕަސެންޓު ކުރި އަރާނެ ކަމަށް ވިޔަސް ކޮވިޑް19 އާއެކު ދިމާވެފައިވާ ދަތިތަކާ އެކު އިގްތިސޯދު ހުއްޓިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް އޮތް ގޮންޖެހުމަކީ ކޮވިޑަކީ ކިހިނެއްވާ ބައްޔެއްކަން އަދިވެސް ނޭނގުން ކަމަށާއި ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު މާކެޓުތަކަށް ކޮވިޑުގެ ދެވަނަ ރާޅެއް ބިންދާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ 2019 އަހަރުގެ ޖުލައި މަހާ ހަމަ އަށް މިލިއަނެއް ހައި ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން މާޗު މަހު ބޯޑަރު ބަންދުކުރުމާ ހަމައަކަށް 380،000 މީހުން އައި ކަމަށްވެސް ފައްޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން މި ހިނގާ ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން 2،700 މީހުން އައިސްފައިވާ ކަމަށާއި ބޯޑަރު ބަންދު ކުރުމާއި ހަމައަށް ވެސް އެވްރެޖުކޮށް މިދިޔަ އަހަރާ އަޅާބަލާ އިރު މިއަހަރު އައިސްފައި ވަނީ 165،000 މީހުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިޑާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސޯދު ޓޫރިޒަމަށް ބަރޯސާވެފައި ވާތީ އެހެން ދާއިރާތައް ކުއްލިއަކަށް ތަރައްގީއެއް ނުކުރެވޭނެއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އިތުރު ސިނާއަތްތައް ތަރައްގީ ކުރުމަށް އަހަންމިއްޔަތުކަން ދެއްވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތް ކުރުމަށްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށާއި ކުރު ރާސްތާގައި ވަރަށް ބޮޑު ތަކްލީފްތަކަކާއި ކުރިމަތިލާންޖެހޭއިރު، މެދު ރާސްތާގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ.

