އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) 9001:2015 ސެޓްފިކެޓް އެމްޓީސީސީން ހާސިލްކޮށްފިއެވެ.
މި ކަން ހާމަކޮށް އެމްޓީސީސީން މިއަދު ނެރުނު ޕްރެސް ރިލީޒްގައި ބުނީ އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) 9001:2015 ސެޓްފިކެޓް ހާސިލުކޮށްފައިވާކަމަށެވެ. އަދި އެ ކުންފުންޏަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސަރޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެތެރެއިން ކުންފުނީގެ ހުރިހައި އޮޕަރޭޝަނެއް ސަރޓިފައިކުރެވުނު ކުންފުނިކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މި ގޮތުން އެ ކުންފުނިން ސަޓިފައިކުރެވުނު އޮޕަރޭޝަންތަކުގެތެރޭގައި ސިވިލް ކޮންސްޓްރަކްޝަނާއި ލޮޖިސްޓިކާއި ޓްރާންސްޕޯޓްގެ ޚިދުމަތް ހިމެނޭކަމަށް އެމްޓީސީގެ ޕްރެސް ރިލީޒްގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ޢާންމު ވިޔަފާރީގެ ދާއިރާއިން އިންޖީނާއި ސްޕެއަރ ޕާޓާއި އިކްއިޕްމަންޓް ވިއްކުމާ ޑިސްޓްރިބިއުޓްކުރުމާއި ފަޅު ފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތުގެ އިތުރުން އިންޖިނިއަރިންގ އަދި ޑޮކިންގެ ޚިދުމަތް ސަރޓިފައިކުރެވިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މި ކަމާއި ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮމިޓީ މެނޭޖްމަންޓް ސިސްޓަމަކަމަށްވާ އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) 9001:2015 ސެޓްފިކެޓް އެމްޓީސީސީން ހާސިލުކުރުމަކީ ލިބުނު ފަޚުރުވެރި ކާމިޔާބެއް ކަމަށެވެ. މި ސިސްޓަމަށް އެމްޓީސީސީ ސަރޓިފައިކޮށްދީފައިވަނީ މަޝްހޫރު އެސްޖީއެސް(ޔުނައިޓެޑް ކިންގްޑަމް) އިންނެވެ.
މި ގޮތުން ލިބުނު ކާމިޔާބާއި ގުޅިގެން އިތުރަށް އާޒިމް ވިދާޅުވީ މިއީ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ދާއިރާތަކުން ރައްޔިތުންނާއި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށާއި ރިސްކުތައް މެނޭޖްކޮށް ކަސްޓަމަރުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުމަށް ކުރެވެމުން އަންނަ މަސައްކަތުގެ ހެއްކެއްކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ މިއީ އަދި ފެށުމެއްކަމަށާއި ކުރިއަށް އޮތީ ކުންފުނީގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ސަރޓިފިކޭޝަން ދެމެހެއްޓުމުގެ މަރުހަލާކަމަށެވެ.
ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެމްޓީސީސީ އުފެދުނުފަހުން އެ ކުންފުނިން އަންނަނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

