ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، އާމިނަތު އުއްމުކުލްޘޫމް ޢައްޔަން ކުރައްވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނު(ޖޭއެސްސީ) ގެ މެންބަރުކަމަށް އައްޑޫ ސޓީ މަރަދޫ މޫންލައިޓްހައުސް އާމިނަތު އުއްމުކުލްޘޫމް ޢައްޔަންކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކުރިމަތިފުޅުގައި އުއްމުކުލްޘޫމް ވަނީ މަޤާމުގެ ހުވާކުރައްވާފައެވެ.
މި ގޮތުން މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި އުއްމުކުލްޘޫމަށް ހުވައިލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.
އުއްމުކުލްޘޫމް އަކީ އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީގައި ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކުރައްވާފައިވާ ކަނބަލެކެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން އުއްމުކުލްޘޫމް ހުންނެވީ ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.
މީގެ އިތުރުން އުއްމުކުލްޘޫމް ވަނީ ޖެންޑަރ މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްމަޤާމުތައް ފުރުއްވާފައެވެ.

