އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅަން ޖެހޭ އަހަރީ މާލީ ބަޔާން ހުށަހެޅިފައި ނުވަނީ ބަޔާނުގައި ހިމަނަން ޖެހޭ ބައެއް މައުލޫމާތު މިހާތަނަށް ލިބިފައި ނުވާތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.
ނޮވެމްބަރު 17، 2018 މި ސަރުކާރު އައި ފަހުން އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން އޮޑިޓަރ ޖެނެރަލް އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ކަނޑައެޅިފައިވާ މުއްދަތުގައި މިދިޔަ އަހަރު މާލީ ބަޔާން ހުށަހަޅާފައި ނުވަނީ ޕީޖީ ޝަމީމްއާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި، ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.
ޕީޖީ ޝަމީމްގެ މާލީ ބަޔާން ހުށަހަޅާފައި ނުވާ ސަބަބާއި ބެހޭ ގޮތުން އެމަނިކުފާން ކުރެއްވި ޓުވީޓްގައި ވިދާޅުވީ މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ނުލިބުމުގެ ސަބަބުން، މާލީ ބަޔާން ހުށަހެޅިފައި ނުވާ ވާހަކައާއި، އެމަޢުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރާކަމަށާއި، ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެ ވާހަކަ އޮޑިޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ބަޔާން އޮޑިޓަރ ޖެނެރަލްއަށް ހުށަހެޅުމަށް ފަހު ބަޔާން ޢާންމު ކުރައްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް އާންމު ކުރެއްވި މައުލޫމާތުތަކަށް ބަލާއިރު މިހާރުގެ ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން މި ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ ޝަރީފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެއްވެސް ގޮތަކަށް ބަޔާން ހުށަހަޅުއްވާފައިނުވެއެވެ. އަދި މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، މިދިއަ އަހަރުގެ މާލީ ބަޔާން އަދި މިހާތަނަށް ހުށަހަޅުއްވާފައެއް ނުވެ އެވެ.

