ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އުފައްދަވާފައިވާ މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ކުރެވުނުހާ ވެސް ކަމަކީ ހުސްނު ސޫދު އަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދައި ދިނުން ކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން މަރާލާފައިވާ ކަމަށް ބުނާ މައްސަލައަށް މިހާތަނަށް ވެސް އިންސާފް ހޯދައިދެވިފައި ނުވާތީ އަދި މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެއްވެސް މައްސަލައެއް ދައުވާ ކުރެވޭ ހިސާބަށް ގޮސްފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް އަމާޒްވެފައި ވަނިކޮށެވެ.
ޑރ ޝަހީމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ މަރުކޮމިޝަނަކީ ފެއިލްވެފައިވާތަނެއް ކަމަށެވެ. އަދި ވިދާޅުވީ އެތަނުން ކުރެވުނީ އެންމެ ކަމެއް ކަމަށާއި އެއީ ހުސްނުއްސުޢޫދުއަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަން ހޯދައިދިނުން ކަމަށެވެ.
މީގެއިތުރުން ޑރ ޝަހީމް ވިދާޅުވީ ސޫދު އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދައިދެވިފައި ވާތީ ދެން އެހެންކަމެއް މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ނުކުރާނެ ކަމަށާއި ކަމެއް ކުރޭވޭނެ ނަމަ ރާއްޖޭގަ ހިންގާ ކަމަށް ބުނި އަލްޤައިދާ ފިހާރަތައް ދެއްކުނީސް ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުން އެއްވެސް ނަތީޖާއެއް ނުފެނި ރައްޔިތުން މާޔޫސްވެފައި ވަނިކޮށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާތީ ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން ވަނީ އެމަނިކުފާނަށް އަންގާފަ އެވެ. އަދި ރިޔާސީ ކޮމިޝަންގެ ތަކުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

