ގާނޫނުގައިވާ ގޮތަށް ދަރަނީގެ ހިސާބުތައް ނުބަހައްޓަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް އިއްޔެގެ ޖަލްސާގައި ކުރެއްވި ތުހުމަތުތަކަށް އިންކާރު ކުރައްވައިފި އެވެ
ފިނޭންސް މިނިސްޓަރު އަމީރު ގާނޫނާއި އެއްގޮތްވާގޮތުގެ މަތީން ދަރަނިތަކުގެ ހިސާބުތައް ނުބަލަހައްޓަވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި މިހާރުގެ މިނިސްތަރު އަމީރުގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރުން އަބްދުﷲ ޖިހާދު އާއި އަހުމަދު މުނައްވަރު ވަނީ ހާޒިރުކޮށްފައެވެ. އޭގެ އިތުރުން އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމާއި، އޮޑިޓާރ ޖެނެރަލް ހަސަން ޒިޔަތު ވަނީ ހާޒިރުކޮށްފައެވެ.
މި ފަސް ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ދައުލަތުގެ ދަރަނިތައް ސާފު ނުވެ، މިނިސްޓްރީއިން މަޖިލީހަށް ފޮނުވާފައިވާ ހިސާބުތަކާއި އަދި މީގެ ކުރިން މަޖިލީހުގައި ހުރި ހިސާބުތަކާއި ދިމާ ނުވާތީއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވެސް ރައީސް ނަޝީދެވެ. އަދި އެމަނިކުފާނު ވަނީ އަމީރު އާއި މުނައްވަރުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަވެސް ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ފިނޭންސް މިނިސްޓަރަށާއި، އަދި ކުރީ ސަރުކާރުގެ މިނިސްޓަރުންނަށް ވެސް ސައްހަ ހިސާބުތައް ބެލެހެއްޓިފައި ނެތް ކަމަށެވެ.
ދަރަނި ނުބަލަހައްޓާކަމަށް ބުނެ، އަމީރަށް އަމާޒުވީ ފާޑުކިޔުންތަކަށް ރައްދު ދެމުން އޭނާ ވިދާޅުވީ މިނިސްޓްރީން އަމަލު ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމަށެވެ. އަދި ދަރަނި ނެގުމާއި، އެ ދަރަނި އަދާކުރުން މަސައްކަތްތައް ވެސް ކުރިޔަށް ގެންގޮސްފައިވަނީ އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި ދައުލަތުގެ ހަރަދަށް ޒިންމާވުން ބަޔާންކުރާ ގާނޫނާއި އެއްގޮތަށް ކަމަށެވެ.
އަމީރު ވިދާޅުވީ ދަރަނި ސާފު ނުވާކަމަށް ބުނުމާއި، އަދި މައުލޫމާތު މަޖިލީހަށް ހިއްސާ ނުކުރުން އަދި ރަނގަޅަށް އެ ބަލަހައްޓާފައި ނުވާކަމަށް ބުނެވޭ ވާހަކަތަކައް ވެސް އިންކާރު ކުރާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ ޒިންމާތައް ގާނޫނުތަކާ އެއް ގޮތަށް މިހާރު ފިނޭންސް މިނިސްޓްރީން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކަކީ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތީން ކުރިޔަށް ގެންދާ މަސައްކަތްތަކެއްގެ ގޮތުގައި އަމީރު ފާހަގަ ކުރެއްވިއެވެ.
”މި ދެ ކަމަށް ވެސް މިހާރުގެ މިނިސްޓަރުގެ ހައިސިއްޔަތުން އިންކާރު ކުރަން. ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ ޒިންމާތައް ގާނޫނުތަކާ އެއް ގޮތަށް މިހާރު ފިނޭންސް މިނިސްޓްރީން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކަކީ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތީން“ އަމީރު
މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވެފައިވަނީ ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން އަމަލު ކުރަނީ އުސޫލާއި އެއްގޮތަށް ކަމަށެވެ. އަމީރު ވިދާޅުވީ ސޮވެރިން ގެރެންޓީ ނުވަތަ ދައުލަތުން ޖާމިނުވާގޮތަށް ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކާތޯ އާއި ނުދައްކާތޯ ވެސް މިނިސްޓްރީން ބަލާ ކަމަށެވެ. އަދި ދައުލަތުން ދޫކޮށްފައިވާ ލޯނެއްގެ ފައިސާ ނުދައްކާ، އެކަން ދިގުލައިގެންދާނަމަ ރަހުނުގެ ގޮތުގައި ނަގާފައިވާ މުދާތައް ދައުލަތަށް ނަގައިގެން ވިޔަސް އެ ލޯނުތައް ދައްކާ ހަލާސް ކުރާނެ ކަމަށެވެ.

