ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ ކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅުއްވީ ރައީސް ނަޝީދު!

ރައީސް ސާލިޙް އަދި ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެއީ މިހާރު އޮތް އިއްތިހާދު، ވެރިކަމަށް އައުމަށް ރައްޔިތުންގެ ކައިރީ އެންމެ ހަރު އަޑުންވީ އެންމެ ބޮޑު އެއް ވައުދެވެ. ވައުދު ފުއްދެވުމުގެ މަސައްކަތް ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ފައްޓަވާފައެވެ. އެގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އަދި އެ ކޮމިޝަނަށް ރައީސަކާއި، ހަތަރު މެންބަރުން އައްޔަން ކުރެއްވި އެވެ. ބޮޑެތި ބާރުތައް ކޮމިޝަނަށް ލިބޭ ގޮތަށް މަޖިލީހުން ގާނޫނެއްވެސް ފާސްކުރިއެވެ. 

މަރު ކޮމިޝަނަށް މިއަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ދެ އަހަރު ވެގެންދާއިރު އެ ކޮމިޝަނުން ބަލަން ފެށި އެއްވެސް މައްސަލައެއްގައި މިހާތަނަށް އިންސާފާ ހަމައަށް ދެވިފައެއް ނުވެއެވެ. ނަމަވެސް ކޮމިޝަނުން ވަނީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ތިން މައްސަލައާއި ގުޅޭގޮތުން ހާއްސަ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެއީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައާއި، ރަހުމްކުޑަ އަނިޔާވެރި ހަމަލާތަކެއްގައި ޔާމީން ރަޝީދު މަރާލި މައްސަލައިގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި ކިޔަވަމުންދިޔަ ރައުދާ އާތިފްގެ މަރާއި ގުޅޭ ރިޕޯޓެއްވެސް މަރު ކޮމިޝަނުން ވަނީ ތަހުގީގުކޮށް ނިންމާފަ އެވެ.

މަރުކޮމިޝަންގެ ފަރާތުން ރައްޔިތުންގެ ކަންބޮޑުވުން ހުރި ބޮޑެތި މައްސަލަތަކެއްގެ ތަހުގީގު ނިންމައި ރިޕޯޓުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ އަތްޕުޅަށް އަރުއްވާފައިވާއިރު މިއަދުގެ ހަގީގަތަކީ މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމެވެ. އެކަމުގެ ހެއްކަކީ މަރުގެ ކޮމިޝަނުން މިހާތަނަށް ނިންމި މައްސަލަތައް ކަމަށްވާ ޑރ އަފްރާޝީމްގެ މަރުގެ މައްސަލައާއި، ނޫސްވެރިޔާ ރިލްވާންގެ މަރުގެ މައްސަލައާއި ބްލޮގަރ ޔާމީން ރަޝީދު މަރުގެ މައްސަލައިގެ އިތުރުން މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓް ބަލައި ނުގަންނަ ކަމަށް އެ ތިން ބޭފުޅުން ނިސްބަތްވާ އާއިލާތަކުން ބުނުމެވެ. ހަމައެހެންމެ ރިޔާސީ ކޮމިޝަންތަކުގެ ބޭނުމެއް ނެތް ކަމަށާއި އަދި މަރުގެ ކޮމިޝަނުން ކުރި އެއްވެސް ތަހުގީގެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ ވެސް މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ރައްޔިތުންގެ އިތުބާރު ގެއްލުނު މައިގަނޑު އެއް ސަބަބެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ  މަރުތައް ތަހުގީގު ކުރުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަންގެ ބޭނުމެއް ނުފެންނަ ކަމަށާއި އެ ދެ ކޮމިޝަން ވެސް އުވާލަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ދެ ކޮމިޝަން ވެސް އުފެއްދީ މަރުތަކަށް އިންސާފު ދިނުމަށާއި ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދަން ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މަގުސަދެއް ހާސިލް ނުވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ  ރިޔާސީ ކޮމިޝަންތަކުގެ ގާނޫނެއް މަޖިލީހުން ވުޖޫދުކޮށް ދެ ކޮމިޝަނަށް ވެސް ގާނޫނުން ހަވާލު ކުރި މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ކަމަށް ގަބޫލުފުޅު ކުރައްވަން ދަތި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ކޮމިޝަންތައް ނުވަތަ ގާނޫނު އުވާލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އިގްތިސޯދާއި ދައުލަތުގެ މާލިއްޔަތު އެހާ ދަށްވެފައިވާ ދަނޑިވަޅެއްގައި ބޭނުމެއް ނުހިފޭ ކޮމިޝަންތަކަކާއެކު ބޭކާރު ހަރަދުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. މި ކަމުގައި ގޮތެއް ނިންމަވާނީ މަޖިލީހުގެ މެންބަރުން ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަން އުވާލަން ޖެހިއްޖެ ކަމަށް ނަޝީދު ވިދާޅުވިއިރު، މީގެ ކުރިން ވެސް ނަޝީދު ވަނީ ކޮމިޝަންތަކަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮންމެއަކަސް މިއަދު މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލި ކޮމިޝަން އުވާލަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ކޮމިޝަންގެ އިތުބާރު ގެއްލެން މެދުވެރި އިތުރު އެހެން ސަބުތަކެއް ވެސް އެބަހުއްޓެވެ. އެއީ މަރުގެ ކޮމިޝަނުން ތަހުގީގު ކުރި ބައެއް މައްސަލަތަކުގެ ތަހުގީގު ރިޕޯޓް ކޮމިޝަނުން އާންމު ކުރުމުގެ ކުރިން ރިޕޯޓުތަކުގެ ބައެއް ބައިތައް ލީކްވުމެވެ. އެކަން އެހެން ދިމާވާން މެދުވެރިވި ސަބަބަކީ ކުރިން ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މިހާރު ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނު ސޫދު ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރި ބައެއް މައްސަލަތަކުގެ ރިޕޯޓްތައް މަޖިލީހުގެ ރައީސް ރައީސް ނަޝީދުއަށް އެރުވި ހިސާބުންނެވެ. 

ހުސްނު ސޫދު މަރު ކޮމިޝަންގެ ތަހުގީގު ރިޕޯޓެއް ރައީސް ނަޝީދު އަށް އަރުވަނީ: ފޮޓޯ މަޖިލިސް

ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު، ފުރަތަމަ ޑްރާފްޓް ކޮޕީ އެކުލަވާލައި ރައީސް ސޯލިހަށާއި މަޖިލީހަށް ފޮނުވާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާއި މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައަށެވެ. އެ ބޮޑު ދެ މަރު ގުޅިފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. މި ދެ ރިޕޯޓު މަޖިލީހުގެ ރައީސް އަށް އެރުވިތާ މާ ގިނަ ދުވަހެއް ނުވެ ރިޕޯޓުގައި ހުރި ބައިތައް ލީކްވެ ރިޔާސީ ކޮމިޝަނަށް ބޮޑެތި ފާޑުކިޔުތައް އަމާޒުވާން ފެށިއެވެ. އަދި މި ފާޑުކިޔުންތަކުގެ ތެރޭގައި ރިޔާސީ ކޮމިޝަން ވަނިކޮށް ދެން ފެނިގެން ދިޔައީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ސޫދު މަގާމުން އިސްތިއުފާ ދެއްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވިގެންދިޔަ މަންޒަރެވެ. 

ކޮންމެއަކަސް ރިޔާސީ ކޮމިޝަންތަކާއި ބެހޭ ގޮތުން މިހާތަނަށް ދެކެވިފައިވާ ވާހަކަތަކާއި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ރިޔާސީ ކޮމިޝަންތަކަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލުނީ ރައީސް ނަޝީދުގެ ސަބަބުންނެވެ. އަޅުގަނޑުގެ ހިޔާލުގައި މަރުކޮމިޝަނަށް ރައްޔިތުން ކުރަމުން އައި އިތުރުބާރު ގެއްލުވާލީ ރައީސް ނަޝީދުއާއި ސޫދުއާއި ދެ ބޭފުޅުންގެ ދެމެދުގައި ހެއްދެވި ޑީލްއެއްގެ ދަށުންނެވެ. ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. ބޮޑު ދެ މަރެއްގެ ތަހުގީގު ރިޕޯޓު ރައީސް ނަޝީދުއަށް ސޫދު އެރުއްވީ ރައީސް ސާލިޙްއާއި މަޝްވަރާ ކުރެއްވުމެއްނެތިކަން ރިޕޯޓުތައް ލީކްވުމަށް ފަހު ރައީސް ސާލިޙް ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުން ސާފުވެއެވެ. ފަހަރުގައި ބޮޑެ ދެ މަރެއްގެ ތަހުގީގު ރިޕޯޓް ސޫދު ރައީސް ނަޝީދުއަށް އެރުއްވީ ސުޕްރީމް ކޯޓުގެ ގޮނޑިކޮޅު ކަށަވަރު ކުރެއްވުމުގެ ގޮތުން ހެއްދެވި ސިޔާސީ ޑީލްއެއްގެ ދަށުން ކަމަށް ވެދާނެއެވެ. 

ރިޔާސީ ކޮމިޝަންގެ އިތުރުބާރު ގެއްލުވައިލައި ކޮމިޝަންގެ މަސައްކަތްތަކަށް ހުރަސް އެޅުއެްވީ ރައީސް ނަޝީދު ކަމަށް އަޅުގަނޑު ދެކޭ އަނެއް ސަބަބަކީ  މަރުތައް ބަލާ ކޮމިޝަނަށް ދެން އިތުރަށް ތަހުގީގުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޮމިޝަނުން ބުނިކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ. ނަމަވެސް އެކަން ކޮމިޝަނުން ވަނީ ދޮގުކޮށްފަ އެވެ. ކޮމިޝަނުން އެފަދައިން އަންގާފައިނުވާނެ ކަމަށާއި ކޮމިޝަންގެ މައްސަލަތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ. ރައީސް ސޯލިހު ވެސް ވަނީ އެކަން ތަކުރާރު ކުރައްވާފަ އެވެ. ރައީސް ސޯލިހު ވަނީ ވަގަށް ނެގި އަދި މިހާރު މަރާލާފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ބުނާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައާ ގުޅިގެން މަޖިލީހަށް ކޮމިޝަނުން ފޮނުވި ސިޓީގައިވާ ކަންކަން ވެސް ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ރައީސް ވިދާޅުވީ ކޮމިޝަނުން ދަންނަވާފައިވަނީ އެ މައްސަލާގައި އެކުލަވާލި ވަގުތީ ރިޕޯޓް އާންމު ކުރުމުން މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުން ހެކި ބަސް ދޭން އިންކާރު ކުރަމުންދާ ކަމަށެވެ. އެ ރިޕޯޓް އާންމު ކުރެއްވީ ރައީސް ނަޝީދެވެ. މީގެއިތުރުން އެ މައްސަލަތަކުގައި ތުހުމަތުވާ މީހުން ސިޔާސީ މީހުންނާއެކު ސިޔާސީ އިވެންޓްތަކުން ފެންނަމުންދާތީ ވެސް ކޮމިޝަންގެ މަސައްކަތްތަކާމެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށް ރައީސް ވަނީ ވިދާޅުފައެވެ.  މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތައް ކޮޅެއްގައި ޖެހެންދެން ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް ކޮމިޝަނަށް ދެން އިތުރަށް މެންބަރުން ހޮވައި އަލުން މަސައްކަތްތައް ފެށުމުގެ ވިސްނުމެއް ނެތް ކަމަށާއި މިހާރު ވެސް ކުރިއަށްދާ ގޮތަށް މަރުތަކުގެ ހަގީގަތް ހޯދާނެ ކަމަށް ވިދާޅުވި އެވެ.

ކޮންމެ ގޮތެއްވިޔަސް ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި އެމަނިކުފާނުގެ އަމަލުފުޅުތަކުގެ ސަބަބުން އެތައް ބަޔަކަށް ވަނީ މަރުގެ ކޮމިޝަނާއި މެދު އުންމީދު ގެއްލި މާޔޫސްވެފަ އެވެ. އެއީ ކޮންމެ ބޭނުންފުޅެއްގައި އަދި ކޮންމެ މަގްސަދެއް ހާސިލް ކުރައްވަން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ވިޔަސް  މަރުތަކަށް އިންސާފު ހޯދުމަށް ފެށި ދަތުރު އިންސާފު ނުލިިބި ނިމެނީ ކަމަށް ގިނަ ބަޔަކަށް މިހާރު ވަނީ ޔަގީންވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް

މީގެ އިތުުރުން މިހާތަނަށް އެ ކޮމިޝަނުން އާންމުކުރި އެއްވެސް ރިޕޯޓެއް އާއިލާތަކުން ގަބޫލުނުކުރުމަކީވެސް މަރު ކޮމިޝަން ދެމި އޮތުމާމެދު އުފެދޭ ސުވާލެކެވެ. އަފްރާޝީމްގެ އާއިލާއިން ސިފަކުރާ ގޮތުގައި މަރު ކޮމިޝަންގެ ރިޕޯޓަކީ ލިޔެފައިވާ ޑްރާމާއެކެވެ. ރައުދާގެ އާއިލާއިން ދެކޭ ގޮތުގައި ސާފު ހެކި ހުށަހަޅާފައި ވަނިކޮށް ކޮމިޝަނުން ރިޕޯޓް ތައްޔާރުކުރީ ގޯސްކޮށެވެ.

ރިލްވާންގެ އާއިލާއިން ތިބީ އިންސާފު ލިބޭނެ ދުވަހެއް ނޭނގި އެ ކަމުގެ ކަންބޮޑުވުމުގައެވެ. އަދި ޔާމީންގެ އާއިލާގެވެސް އޮތީ ހަމަ އެ ކަންބޮޑުވުމެވެ. މިހެން އޮތް ހާލަތެއްގައި ފަސް މެންބަރުންގެ ކޮމިޝަނުގައި މިހާރު ތިބީ ތިން މެންބަރުންނެވެ. އެއް ބޭފުޅަކު ކޮމިޝަނުން އިސްތިއުފާދެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށެވެ. އަނެއް ބޭފުޅަކު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމާ ހަވާލުވެވަޑައިގަތުމަށެވެ. އެހެން ކަމުން ކޮމިޝަން ދެމެހެއްޓުމާއި، މަރުތަކަށް އިންސާފު ހޯދުމަށް ސަރުކާރުން އިސްކަން ނުދޭ މިންވަރު އެކަމުން ހާމަވާ ކަމަށް ބައެއް މީހުން ދެކެވެ. ނަމަވެސް އެއް ކަމެއް އަޅުގަނޑަށް ޔަގީން ކަމާއިއެކު ދަންނަވަން ކެރެއެވެ.މަރުގެ ކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅުއްވީ ރައީސް ނަޝީދުއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: