ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނުތަކުގެ ހުރިހާ ތަފްސީލެއް ހުންނާނެ، އެ ”ދަންތުރައަކަށް“ ވާ ސަބަބު ބުނެދީ: މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެމެމްބަރު މުހައްމަދު އިސްމާއިލް/ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ނެގި ލޯނުތަކުގެ ހުރިހާ ތަފްސީލެއް ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލިބެން ހުންނާނެ ކަމަށާއި، ލޯނުތައް ދަންތުރައަކަށް ވާނަމަ އެ ”ބޮޑު ލޯނަކީ“ ކޮބައިކަން ބުނެދެވެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެމެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، އެގްޒެކެޓިވް ލެވެލްގެ ބޭފުޅުންނާއި، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ދައްކަމުން ގެންދާ ވާހަކަތައް ދިމާ ނުވާ ކަމަށެވެ. ރާއްޖޭގެ ފައިނޭންސް އާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ގައުމުގެ އަގު ވެއްޓޭކަން ފާހަގަކޮށް އަމީރު ދެއްކެވި ވާހަކަތަކަކީ އެއީ ސީދާ މަޖިލީހުގެ ރައީސަށް އަމާޒުކުރި ބަހުގެ ހަމަލާތަކެއްކަން ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ މިއަދު ވެސް ގާނޫނު އަސާސީއަށް އައި ބަދަލެއް ނެތް ކަމަށާއި، އަމަލު ކުރަމުން މިދަނީ އޭރު ވެސް އަމަލު ކުރި މާލިއްޔަތު ގާނޫނަށް ކަމަށެވެ. ދިވެހިރާއްޖެއަށް ބޭރުގެ ފަރާތްތަކުން ވިޔަސް އަދި ރާއްޖޭގެ ބޭންކަކުން ވިޔަސް ދައުލަތަކަށް ލޯނެއް ނެގޭއިރު އެ ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބަލާ، އެއަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަކޮށް ނޫންގޮތަކަށް ލޯނެއް ނެގޭނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ހަމައެއާއި އެކު ލޯނު ދޫކުރާ ފަރާތްތަކުން ވެސް ހުރިހާ އުސޫލަކަށް ފެތޭތޯ، ބެލުމަށްފަހު ނޫންގޮތަކަށް އެޕްރޫވަލްއެއް ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ މިދިޔަ ސަރުކާރުގައި ލޯނުތައް ނަގާފައި ހުރީ، އެ މަޖިލީހަށް ގެނެސް މަޖިލީހުގެ އެޕްރޫވަލްއާއި އެއްކޮށް، މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން އޭރު މަސައްކަތް ކުރީ ރަބަރު ސްޓޭމްޕް ޖަހާ އުސޫލުންނެއް ނޫން ކަމަށާއި، މަޖިލީހަށް ލޯނަކާއި ބެހޭ މައްސަލައެއް ފޮނުވުމުން އެ ރަނގަޅަށް ދިރާސާ ކުރާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އަދި ބިލްތައް ފާސްކޮށްފައި ހުންނާނީ، އެ ކަރުދާހެއްގައި ހުރި ކަންތަކުން އިސްލާހު ކުރަންވީ ކަންތަކުގެ މައްޗަށް ވާހަކަ ދައްކާ މަޝްވަރާތަކެއްކޮށް، ހިޔާލުވެސް ދީގެން ކަމަށެވެ.

”މިހާރު ވާ ގޮތަކީ، މިދިޔަ ސަރުކާރުގެ ބޮލުގައި ހުރިހާކަމެއް އަޅުވާ ސަރުކާރެއް މި އޮތީ. ރައްޔިތުންނަށް ހަމަ ފެންނާނެ މިއަދާއި ހަމައަށް އައި އިރު މި ސަރުކާރުން ރައީސް ޔާމީންގެ ބޮލުގައި އަޅުވަން ކިތައް މަސައްކަތް ތޯ ކުރީ… އެ މަސައްކަތް އެ ކުރަނީ ދިވެހި ރާއްޖޭގެ ހެދިފައި ހުރި ގާނޫނުތަކުގެ ތެރެއިންކަމަށް އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން… ރައީސް ޔާމީނަށްކޮށްފައިވާ އެ ހުކުމަކީ ވެސް ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަވެ، އެ މަނިކުފާނުގެ މައްޗަށް އެ ސާބިތުވާކަމަށް އެއްވެސް ކޯޓަކުން ދަލީލު ދެއްކިފައިވާ ހުކުމެއް ނޫން“ މުހައްމަދު އިސްމާއިލް

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގައުމު ނުހިންގިގެން ރައީސް ޔާމީން އާއި ކުރީގެ ސަރުކާރުގެ އިސްވެރިންގެ ބޮލުގައި ތުހުމަތުތަކެއް އެޅުވުމަށް ކުރަމުން ދާ ސިލްސިލާ މަސައްކަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް ވިޔަސް އެ ދައްކަވަނީ ތަސައްރަފު ފުދޭވަރުގެ ވާހަކަތެއް ނޫން ކަމަށާއި، ލޯނެއް ދޫކުރާއިރު ކޮންމެ ގައުމަކުން ވެސް އަނެއް ގައުމެއްގެ ގާނޫނާއި ގަވައިދުތަކަށް ބަލާނެ ކަމަށެވެ. އޭގެ އިތުރުން އޭރު ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ލޯނުތަކުގެ ހުރިހާ ތަފްސީލެއް އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގައިވެސް ހުންނާނެމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މިއީ ރައްޔިތުންނަށް އޮޅުވާލުމަށް މަޖިލީހުގެ ރައީސް ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަމަށާއި، ލޯނުތަކާއި ގުޅޭގޮތުން ދެއްކި އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މިސަރުކާރުން ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތައް އެއީ، ދަންތުރައެއްގެ ގޮތުގައި ސިފަ ކުރާއިރު ދަންތުރައަކަށް ވީ ސަބަބަކީ ކޮބާކަން ބުނެދޭންޖެހޭ ކަމަށާއި، ވާހަކައެއް ދައްކާއިރު އެކަން ސާބިތުކޮށްދެވޭނެ ވަރުގެ ހެކިތަކެއް ވެސް ހުށަހަޅަންޖެހޭނެ ކަމަށާއި ލޯނުތަކަކީ ދަންތުރައެއްކަމަށް ރައީސް ސޯލިހު ވެސް ވިދާޅުވީއިރު އެހެން އެގޮތަށް ވާންވީ ސަބަބު ރައްޔިތުންނަށް ބުނެދޭންޖެހޭނެކަން މުހައްމަދު އިސްމާއިލް ފާހަގަކުރެއްވިއެވެ.

”ކިތައް ޕަސަންޓުގައި ލޯނުތައް ނަގާފައި އޮވެގެންތޯ އެ ދަންތުރައަކަށް ވީ… ބޮޑުކޮށް ލޯނު ނަގާފައި އޮތުމުން ތޯ ގައުމަށް ގެއްލުންވަނީ.. ނުވަތަ ދައުލަތަށް ގެއްލުން ވަނީ. އެނގިވަޑައިގަންނަވާނެ 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމާއި ހަވާލުވީއިރު އިންޑިއާ ބޭންކުން ނަގާފައި އޮތް 17 އިންސައްތަ އިންޓްރެސްޓުގައި ލޯނެއް. ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް އެންމެ ބޮޑު އިންޓްރެސްޓެއްގައި ނަގާފައި އޮތް ލޯނަކީ އެއީ. ވާހަކައެއް ދެއްކިދާނެ އިނގޭތޯ….. މިއީ ހަމަ ލިޔެކިޔުންތަކުން ފެންނާން ހުރި ހަގީގަތްތައް. މިއަދުވެސް މިކަން ބަލަން ބޭނުންވާ ކޮންމެ މީހަކަށް ވެސް މި ބެލެން ހުންނާނެ.“ މުހައްމަދު އިސްމާއިލް

ލޯނުތައް ދަންތުރައަކަށް ވީ ސަބަބު ބުނެދޭން ޖެހޭނެކަމަށް ތަކުރާރުކޮށް ވިދާޅުވެ މުހައްމަދު އިސްމާއިލް ވަނީ، ރައީސް ސޯލިހަށް ވެސް އެ ވިދާޅުވީ ބޮޑު ލޯނަކީ ކޮބައިކަން ނޫސްވެރިންނަށް ބުނެދެވިފައި ނެތްކަން ފާހަގަކޮށްފައެވެ. ހުރިހާ ލިޔެކިއުމެއް މަޖިލީހުގައި ހުރިއިރު، އެ ނުހޯދާ މަޖިލީހުގެ ރައީސް ވާހަކަ ދައްކަވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: