ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ވެސް، ރާއްޖެއަށް ދިމާވި ކޮވިޑުގެ ހާލަތާއި އެކު ފްރަންޓްލައިނުގައި މަސައްކަތް ކުރި ބޭފުޅުން ކަމަށާއި ނަމަވެސް މެމްބަރުން އިތުރު އެލަވެންސްއެއް ހޯދުމުގެ ބަދަލުގައި މުސާރައިން ބައެއް އުނި ކުރެއްވީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއާއި، ކޮވިޑުގެ ކަންކަން މެނޭޖު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު ކުރުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށްފައެވެ.
ފްރަންޓްލައިންގައި މަސައްކަތް ކުރި ފަރާތްތަކަށް ރިސްކް އެލަވެންސް ލިބިފައިނުވާއިރު، އެކަމުގެ ކަންބޮޑުވުންތައް ވަނީ ސޯޝަލް މީޑިއާގައި އިތުރުވެފައެވެ. އަދި ސާމްޕަލްތައް ނެގުމާއި، ޕީޕީތަކުގައި ދުވާލުގެ އެތައް ގަޑިއިރެއް ހޭދަ ކުރި މީހުން އަދި ހޮސްޕިޓަލްތަކުގެ ސްޓާފުންނަށް ރިސްކު އެލަވެންސްގެ ގޮތުގައި ލިބިފައިވަނީ ދަށް އަދަދެކެވެ. މި މައްސަލައިގައި ފްރަންޓަލައިން ގިނަ ސްޓާފުން އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރިއިރު ބައެއް މީހުންނަށް ރިސްކު އެލަވެންގެ ގޮތުގައި 250 ރުފިޔާ ވެސް ލިބިފައިވެއެވެ.
ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވެންސްއާއި މުސާރަތައް ދިނުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަމީނާއި މެމްބަރަކު ސުވާލު ކުރުމުން، މިނިސްޓަރު ވިދާޅުވީ ފްރަންޓް ލައިންގެ ސްޓާފުން ހުންނަނީ ގިންތި ކުރެވިފައިކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކަށް ވެސް އެ މީހެއްގެ މުސާރައާއި އެކު އެލަވެންސްތައް ލިބޭނެކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ފްރަންޓްލައިން ސްޓާފުންނަކީ ކޮބައިކަމާއި، އަދި އެ ކެޓަގަރީތައް ކަނޑައަޅަނީ އެކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ކޮމިޓީއަކުން ކަމަށެވެ. އެހެން ކަމުން އިސް ސަފުގައި ހަރަކާތްތެރިވެ ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރާ ގްރޫޕްތައް އައިޑެންޓިފައި ކުރާކަން އަމީން ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތަކުގެ ސްޓާފުންނަށް ވެސް އެ އެލަވެންސް ލިބޭ ކަމަށެވެ. އަދި ފްރަންޓްލައިންގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެނަށް ވެސް އެ އެލަވެންސް ލިބޭނެކަމަށް އަމީން ވިދާޅުވިއެވެ.
އަމީންގެ ޖަވާބަށްފަހު، މަޖިލީހުގެ ރިޔާސަތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ވެސް ފްރަންޓްލައިން ސްޓާފުންނެވެ. އަދި މަޖިލީހުގެ މެމްބަރުން އިސް ސަފުގައި މަސައްކަތް ކުރުމަށް ނުނިކުތްނަމަ، ނިޒާމު އެކީ ފުރޮޅިގެން ދިޔައީސްކަމަށެވެ. އޭގެ ތެރޭގައި ހާއްސަގޮތެއްގައި ފައިސާގެ ކަންކަން ހިމެނޭ ކަމަށާއި، އަދި އެ ނޫން ވެސް އިޖުރާތްތައް ހިމެނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މެމްބަރުނަކީ ފްރަންޓަލައިން ވޯކާސް ނަމަވެސް، އިތުރު އެލަވެންސްއެއް ހޯދުމުގެ ބަދަލުގައި މެމްބަރުން މުސާރައިން ބައެއް އުނި ކުރެއްވީއެވެ. އެހެންކަމުން އެއީ މެމްބަރުންނަށް ޝުކުރު ހައްގު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑު 19 ގެ ސަބަބުން މެމްބަރުންގެ މުސާރައިން އުނި ކުރީ އެންމެ 20 އިންސައްތައެވެ. މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނި ކުރުމުން މިހާރު ލިބިވަޑައިގަންނަވާނީ 67،000 ރުފިޔާއެވެ. މެމްބަރުންނަށް މުސާރައިގެ އިތުރުން ކޮމިޓީ އެލަވެންސްއަށް 20،000 ރުފިޔާ އަދި، ހައުސިން އެލަވެންސް ވެސް ލިބެއެވެ. ހުރިހާ އެލަވެންސްއަކާއި މުސާރައިގެ 42،000 ހިމަނައިގެން މެމްބަރުންނަށް މީގެ ކުރިން ލިބޭ މުސާރަ 82،000 ރުފިޔާއަށް އަރާނެއެވެ.

