ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަންތައް އުވާލާ ވަގުތު ޖެހުނީ!

ރައީސް ސާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުން ކޮށްފައިވާ ވައްކަންތަކާއި ކުރީ ސަރުކާރުގެ މައްސަލަތައް ބެލުމަށް ކޮމިޝަންތައް އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި މަސައްކަތެވެ. އެހެންނަމަވެސް އެކަމުން އެދެވޭ ނަތީޖާއެއް ލިިބިފައިނުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ހިޔާ ފްލެޓްތަކުގެ މައްސަލައާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަންތަކަށް ދޮޅު އަހަރުވެގެން ދިޔައިރު ކުރެވުނު މާބޮޑު ކަމެއް ނެތެވެ. ގިނަ ބަޔަކު ކޮމިޝަންގެ މެމްބަރުންނަކީ މަސައްކަތެއް ނުކޮށް މުސާރަ ނަގައިގެން ތިބޭ ބައެއްގެ ގޮތުގައި ސިފަ ކުރެއެވެ. ކޮމިޝަންގެ މެމްބަރުންނަކީ ފިލައިގެން އުޅޭ ބައެއް ނުވަތަ މީޑިޔާތަކާ ދުރު ބައެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ޖުލައި މަސް ނިމުމުގެ ކުރިން ފްލެޓްތައް ލިބޭނެ މީހުންގެ ސައްހަ ލިސްޓެއް އާންމުކުރާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ޖުލައި މަސް ނިމި އޮގަސްޓް މަސް ފެށުނުއިރުވެސް އެލިސްޓް އާންމުކޮށްފައެއްނުވެއެވެ.

ޖުލައި މަސް ނިމެން ދެތިން ދުވަހަށްވެފައި ވަނިކޮށް ފްލެޓް ކޮމިޓީއިން ބުނެފައިވަނީ ފްލެޓް ކޮމިޓީގެ ހުރިހާ މެމްބަރުންނާއި މުވައްޒަފުން ތިބީ ކަރަންޓީނުގައި ކަމަށެވެ. އެގޮތުން ޖުލައި 28 ވަނަ ދުވަހު ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ބައެއް މުވައްޒަފުން ކަރަންޓީންކޮށްފައިވާ ކަމަށެވެ. އަދި އެއަށްފަހު އޮގަސްޓް މަހުގެ ދެވަނަ ދުވަހު އިތުރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަންގާފައިވާ ކަމަށެވެ. މިކަންވެސް ދިގުލައިގެން ދަނީ ވަކިވަރަކަށް ނޫނެވެ. ފްލެޓްގެ ކަންކަން ނިމި އެތަނަށް ރައްޔިތުންނަށް ވަދެވޭނެ ދުވަހެއް ނޭނގެއެވެ.

ދެން އޮތީ އެސެޓް ރިކަވަރީ ކޮމިޝަންގެ ވާހަކަވެ. ކޮމިޝަންގެ މަސައްކަތް ނިމި ރިޕޯޓްވެސް ރައީސަށް އަރުވާފައިވާއިރު ރިޕޯޓާއި ބެހޭ މާގިނަ ކަންކަމެއްވެސް ހާމަވެފައެއް ނެތެވެ. ރިޕޯޓްވެސް ރައީސަށް އަރުވާފައިވާއިރު އަދިވެސް ތުުހުމަތުކުރެވޭ މީހުންގެ އަދަދު އިތުރުވެދާނެކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. ކޮމިޝަންގެ ރައީސް ވިދާޅުވާގޮތުން، ދައުވާ ކުރުމަށް ފޮނުވާނީ ”ޝޯޓްލިސްޓް“ ކުރެވޭ ބައެއްގެ ނަންތަކެވެ. މިއީވެސް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާ ކަންކަމެވެ.

މަރުތަކުގެ މައްސަަތައް ބަލާ ކޮމިޝަނަށްވެސް އިންސާފު ހޯދައިދިނުމުގައި މަސައްކަތެއް ކޮށްދެވިފައިނުވާ ކަމަށް އާންމުން ގަބޫލުކުރެއެވެ. އެއްވެސް މަރަކަށް އިންސާފް ހޯދައިދެވިފައިނުވާއިރު މިސަރުކާރުން ވެރިކަމަށް އައީ އިންސާފް ވިއްކައިގެންކަމަށް ގިނަ ބަޔަކު ދެކެއެވެ.

މީގެ ތެރެއިން ބައެއް ކޮމިޝަންތައް އުވާލަން އުޅޭކަމުގެ އަޑުވެސް ވަނީ ފެތުރިފައެވެ. ކުރަން ހަވާލުކޮށްފައިވާ ކަންކަން ނުވާ ބަޔަކަށް މުސާރަ ދީގެން ބޭތިއްބުމުގެ ބޭނުމެއް ނެތެވެ. މިއީ ޕާޓީ ކުދިން ކޮޅަކަށް ވަޒީފާ ދިނުމަށް އުފެއްދި ކޮމިޝަންތަކެއްކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: