ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤާނޫނުތަކަކީ ވިޔަފާރީގެ އުސޫލު، ޤާނޫނު ވިއްކާ ބަޔަކު ކުރާ ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށައެޅި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ ބަހުސްގައިވާ ވާހަކަ ދައްވަމުން ޝިޔާމް ވިދާޅުވީ، ބަޔަކު މީހުން ސަރުކާރަށް ގާނޫނު ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ”ބިނާވެށި“ ބިލަކީ އަނެއްކާވެސް ދައުލަތަށް މަތިބަރު ކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އެގޮތުން ބިލުގައިވާ ގޮތުން ނެޝަނަލް ޕްލޭނިންގ އޮތޯރިޓީ އާއި އެ އޮރިޓީއަށް ލާފާދިނުމަށް ޕްލޭނިންގ އެސެސްމަންޓް ކޮމިޓީއެއް އެކުލަވާލަން އިތުރު މާލީ ބުރައެއް ދައުލަތަށް އަންނަނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް 19 ވަނަ މަޖިލީހުގައި ޤާނޫނާއި ގާނޫނުތަކަށް ގެނެވޭ އިސްލާހުތައް މިހާރު ފެންނަނީ ބަޔަކު ކުރަމުން އަންނަ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ގެންނަ ބިލުތައް ގިނަވެފައިވާ އިރު ފުށުއަރާ ބިލުތައްވެސް އެހާ ގިނަ ސަބަބަކީ، ބިލުތައް ޑްރާފްޓްކުރަން ކޮންމެވެސް ބަޔަކަށް ވިޔަފާރީގެ އުސޫލުން ހަވާލުކުރުމުން ވާކަމެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.
”އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ގާނޫނު ވިއްކާކަން ސަރުކާރަށް، ދެން ވިއްކާ ބަޔަކު ވިއްކަނީ، ގާނޫނުތަކާއި ގާނޫނުތަކަކަށް ގެނެވޭ އިސްލާހުތަކާއި މި ބޮޑު ވިޔަފާރިއެއް ގޮތަށް އަޅުގަނޑަށް ފެންނަނީ ވަކިން ޚާއްސަކޮށް ނަވާރަވަނަ މަޖިލީހުގަ“ ޝިޔާމް
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ބިމުގެ ވާހަކަ ދައްކާއިރު، އަތޮޅުތެރެއާއި މާލޭއާއި އަގުގެގޮތުން އޮތް ފަރަގުގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ރަށެއްގައި އިމާރާތެއް ކުރުމަށް ލޯނު ހޯދުމަށް ބޭންކަށް ދިޔުމުން ބިމުގެ އަގު ދައްވުމުން ބޭނުންވާ ލޯނު ނުލިބޭ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގެ ބިންތައް އަގުކުރެވިފައިވަނީ 80 ގެ އަހަރުތަކުގައި އެކަން ކުރެވިފައިވާ ގޮތަށް ކަމަށެވެ. އެކަމަކު ސަބަބުން މިއަދު އާބާދީ ބޮޑެތި ރަށްތަކުގައި އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ގޮންޖެހުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ބިނާވެށި ގާނޫނުގައި ވާގޮތުން ހުރިހާ ބާރުތަކެއް ޖަމާވަނީ މިނިސްޓަރުގެ އަތަށް ކަމަށާއި، އޮތޯރިޓީއާއި ކޮމިޓީއަކީ ހަމައެކަނި ހަމައެކަނި ބަޔަކަށް މުސާރައެއް ދިނުމުގެ ބޭނުމުގައި ޤާނޫނުގައި ލިޔެފައި އޮތް އެއްޗެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

