ކުރެއްދޫ ރިސޯޓުން ފެންމަތިވި ކޮވިޑް-19 ގެ އިހުމާލުގެ ކޭސް ފަދައިން ކަޑިންމައިން ފެންމަތިވި އިހުމާލުގެ ކޭސްވެސް ސައިބޯނި ބޮތްކަކަށްވެ މައްސަަލަ އޮބޭނީތޯ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ސުވާލު އުފައްދަވައިފިއެވެ.
ކަޑިންމަ ރިސޯޓުގެ އިހުމާލުން މުވައްޒަފަކު ނިޔާވި މައްސަލައާއި ގުޅިގެން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ޔާސިރު ވިދާޅުވީ ކޮވިޑް-19ގެ ވާހަކަތައް ފުރަތަމަ ފެންމަތިވެގެން އައިއިރުވެސް ބަލީގެ އަލާމާތްތައް ހުރި ފަތުރުވެރިއަކު ފުރުވާލި މައްސަލައެއް ފެންމަތިވެގެން އައި ކަމަށެވެ. އަދި އިހުމާލުގެ އެތައް ވާހަކައެއް އަޑު އިވެމުން ދިޔަ ކަމަށާއި ޚަބަރުތަކުގެ ފަކަ ސުރުޚީތަކުން އެމައްސަލަ ބަލައި ތަހުގީގުކުރުމަށް ހުށައަޅާ ވާހަކަތައް އޭރު ފެންނަމުން ދިޔަކަމަށެވެ. އެހެން ނަމަވެސް، މިއަދު އެވާހަކަތައް ކޮބައިތޯ ޔާސިރު ސުވާލު އުފެއްދެވިއެވެ.
މިއަދު މިފަދަ އިހުމާލުގެ މައްސަލައެއްގައި ފުރާނައެއް ގެއްލިގެން ގޮސްފައިވާއިރު މި މައްސަަލަވެސް ސައިބޯނި ބޮތްކެއްހެން ނިމިދާނީތޯ ޔާސިރު ސުވާލު ކުރެއްވިއެވެ. އަދި މައްސަލަތައް ބެލުމަށް އެކި ވަރުވަރުން މުއައްސަސާތައް އެބަހުރިކަމަށާއި އެތަންތަނަށް ރައްޔިތުން ހުށައަޅާ އެތައް ޝަކުވާއެއް އެބަހުރިކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހަށް ކުއްލި މައްސަލައެއްގޮތަށް މައްސަލަ ހުށައަޅައި ވާހަކަ ދައްކާލުމަށްފަހު މައްސަލަ ނިންމާލުމުން ކަމަކުނުދާނެކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި ބަލަންޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި އެގޮތުން އިހުމާލުވެފައިވަނީ މުވައްޒަފުންތޯ ނުވަތަ މެނޭޖަރުންތޯ ވަނީ ބަލަންޖެހޭ ކަމަށެވެ.
”މިފަދަ މައްސަލަތައްް، އެކަމަކާއި ގުޅުންހުރި ކޮމިޓީއަކުން ބަލަންޖެހޭ“ ޔާސިރު
މިނޫނަސް ރިޒޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އެތައް ބުރަތަކެއް ތަހައްމަލުކުރަމުންދާކަމަށ ޔާސިރު ވިދާޅުވިއެވެ. އެގޮތުން އޮފްޑޭއަށް ރަށަށް ދިޔުމަށް ކަރަންޓީނުވާން ދާނެ ގޮތެއްވެސް ޕޯޓަލްގައި ނެތްކަމަށް ވިދާޅުވިއެވެ. އަދި އޮފްޑޭއަށް ރަށަށް ދާން ބޭނުންވާ މީހުންނަށް ދެވޭނެ އުސޫލެއް އޮންނަންވާނެކަމަށާއި މިހާރު އޮންނަނީ ހަމައެކަނި ބަލިވުންފަދަ ކަމެއްވެގެން ދެވޭނެ ގޮތް އެކަނިކަމަށް ޔަސިރު ވިދާޅުވިއެވެ.
2021 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވެސް މުއައްސަސާތަކަށް ފަލަކޮށް އަދަދުތައް ޖަހާފައިވާކަމަށާއި އެހެންނަމަވެސް އެދެވޭ މަސައްކަތްތަކެއް މުއައްސަސާތަކުން ނުކުރާކަމަށް ވިދާޅުވެ ޖުމްލަކޮށް ހުރިހާ މުއައްސަސާއަކަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޚިދުމަތެއް ހޯދުމަށް މުއައްސަސާއަކަށް ދިޔުމުން އެކި ބަހަނާތަކުގައި ފަސް މަސް ދުވަސްވަންދެން ޚިދުމަތް ފޯރުކޮށްނުދީ ތިބޭކަމަށް ވިދާޅުވިއެވެ. މިއީ މީގެ 33 އަހަރުކުރިންވެސް ރައްޔިތުން އުޅުނު ހާލު ކަމަށާއި ތަރައްގީވެގެން އަންނައިރު މިކަންކަމަށް ބަދަލެއް އަންނަންވާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ.

