ރައީސް އިބްރާހީމް މުހަންމަދު ސޯލިހަކީ ޒަމާންވީ ކުޑައިރުއްސުރެ ގާތް ރަހުމަތްތެރިއެއް ކަމަށާއި އެމަނިކުފާނު ކޮންމެ ރެޔަކު ނިދިކުރައްވާނީ ހިތާމާއިގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ ރައީސް ސޯލިހު ކީރިތި ކުރެއްވުމުން ހަޖޫޖަހާ ފަރާތްތަކަށް ރައްދުދެއްވައެވެ.
ކޮވިޑް-19 ގެ ފުރަތަމަ ކޭސް މާލެއިން ފެނުމާ ގުޅިގެން ގައުމާ މުހާތަބު ކުރެއްވިއިރު ރައީސް ސޯލިހަށް ކީރިތި ކުރެއްވުނުއިރު، އެކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔައި ހަޖޫޖަހާފައެވެ.
”އަޅުގަނޑުމެންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރައްވައިގެން އެކަމާ އެބަ ހަޖޫޖަހާ. ކޮން އިންސާނެއްތޯ އެ ދުވަހު ލޮލުން ކަރުނަ ނާޅާނީ؟ މި ދުނިޔެއަށް އެ ދުވަހު ވެފައި އޮތް ގޮތް، ރާއްޖޭގެ ރައްޔިތުންނަށް ވެސް ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފެންނާނެ. އެތަން މިތަނުގައި މީހުންތައް މަރުވަމުންދަނީ“ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވިއެވެ
ނަޝީދު މީގެ އިތުރުން ވިދާޅުވީ ރަނގަޅަށް ވިސްނައިފި ކޮންމެ ރައްޔިތަކުވެސް ކޮވިޑްގެ ކަންކަމުގައި ސަރުކާރުން އަމަލުކުރި ގޮތަށް ޝުކުރުވެރިވާނެ ކަމަށާއި މި ސިއްހީ ކާރިސާގެ ހުރިހާ ދުވަހެއް ހޭދަކުރަމުންދާއިރު ސަރުކާރު މުވައްޒަފެއްގެ މުސާރައިން ލޯ ލާރިއެއް ވެސް އުނި ނުކުރާ ކަމަށެވެ.
އަދި ވަޒީފާ ނެތް މީހުންނަށް ދެވެން އޮތް މިންވަރަކު އެލަވެންސްތައް ވެސް ދެމުންދާކަން ނަޝީދު ވަނީ ފާހަގަކުރެއްވިއެވެ..

