2015 ވަނަ އަހަރު ގިނަ ތުހުމަތުތަކާއި އެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. ޖަމީލް އަހުމަދު މަގާމުން ދުރުކުރި އިރު ޖަމީލް މަގާމުގެ ޒިންމާ އަދާ ނުކުރާކަމަށް ބުނެ އޭރުގެ ރައީސް ނެރުއްވި އެއްވެސް ބަޔާނެއް ނެތް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޑރ. ޖަމީލް ނައިބް ރައީސްކަމުން ވަކިކޮށްފައި ވަނީ ބަޣާވާތަކުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތަކާއި އެކުއެވެ. 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުން ޑރ. ޖަމީލް މަގާމުން ދުރުކުރުމުން އޭނާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ގުޅިގެން ޑރ. ޖަމީލް މަސައްކަތް ކުރަމުން ދާ ކަމަށް ބުނެ، ޕީޕީއެމްއިން ޑރ. ޖަމީލަށް ވަރަށް ބޮޑެތި ފާޑުކިއުންތަކާއި ތުހުމަތުތައް އަމާޒު ކުރިއެވެ.
ޖަމީލްގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ. ޝަރީއަތް ފެށުމާއި އެކު ދައުލަތަށް ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބްގެ އޮފީހުން ބުނެފައިވަނީ މަޖިލީހުން ނިންމާ ނިންމުންތަކުގެ ސައްހަކަން ކޯޓަށް ކަނޑަނޭޅޭނެ ކަމަށެވެ. އަދި އެގޮތަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނީ މަޖިލީހުން ނިންމާ ނިންމުންތަކަށް ހިމާޔަތް ދިނުމަށް ކަމަށް ދައުލަތުން ބުންޏެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައަކާއި އެކު ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ މަސައްކަތެއް ކުރިޔަށް ދާނަމަ، އެކަން ސުޕްރީމް ކޯޓަށް ބެލޭނެއެވެ. އެހެން ނަމަވެސް ނައިބް ރައީސް މަގާމުން ވަކި ކުރުމުން އުފެދޭ ސުވާލުތަކުގެ ހައްލު ސުޕްރީމް ކޯޓުން ހޯދޭނެ ކަމަށް ބުނެފައި ނުވެއެވެ. އެކަމަށް އިޝާރާތްކޮށް ދައުލަތުން ބުނެފައިވަނީ ނައިބް ރައީސްކަމުގައި އިންނެވި ބޭފުޅެއް މަގާމުން ވަކި ކުރާ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ކޯޓުތަކަށް ގާނޫނު އަސާސީން ލިބިދީފައި ނުވާ ބާރެއްގެ ބޭނުން ނުހިފޭނެ ކަމަށާއި، އެގޮތަށް ސުޕްރީމް ކޯޓުން ވެސް ދާދިފަހުން ނިންމާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ. ގިނަ ނުކުތާތަކެއް ހުށަހަޅާ ދައުލަތުން ވަނީ ސިވިލް ސާވިސް ކޮމިޝަމްގެ ރައީސް ކަމުގައި މުހައްމަދު ފަހުމީ ހަސަން ހުންނަވަނިކޮށް އޭނާ މަގާމުން ވަކި ކުރި މައްސަލައިގައި ސުޕްރީމް ކޯޓުގެ ރައުޔުގައި މަޖިލީހުގެ ނިންމުމެއް ކޯޓަށް ނުބެލޭނެ ކަމަށް ނިންމާފައިވާކަން ފާހަގަކޮށްފައެވެ. އަދި އޭރުގެ އެ ރައުޔު ނެރުއްވިއިރު މިހާރުގެ އުއްތަމަ ފަނޑިޔާރު ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިރަކަށް ކަމަށް ދައުލަތުން ބުންޏެވެ.
މި މައްސަލަ ކޯޓަށް ބެލޭނެ ކަމަށް ނިންމައިފިނަމަ، ދެން މައްސަލައިގެ ފުރަތަމަ މަރުހަލާ ގެންދަން ޖެހޭނީ ކޮން ކޯޓަކުން ކަން ބަޔާންކޮށްފައި ނެތް ކަމަށް ދައުލަތުން ބުނެއެވެ. އަދި އެކަމާއި މެދު ސުވާލު އުފެދެނީ، ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބޭ ދުސްތޫރީ މައްސަލަތައް ފިޔަވައި އެހެން ބާވަތުގެ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓަށް ފުރަތަމަ މަރުހަލާގައި ނުބެލޭނެކަމަށް އެ ކޯޓުން ނިންމާފައި އޮތުމުގެ ސަބަބުން ކަމަށެވެ.
މި މައްސަލައިގައި ޑރ. ޖަމީލްގެ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ މި މައްސަލައަށް ހާޒިރުވާން ޖެހޭނީ މަޖިލީހުން ކަމަށެވެ. އަދި މަޖިލީސް ތަމްސީލް ކުރާ ފަރާތެއްގެ ގޮތުގައި އޭޖީ އޮފީހުން ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުއިއްޒު ވަނީ މި މައްސަލައަކީ މަޖިލީހަށް ދައުވާ ލިބޭ މައްސަލައެއް ކަމާއި، މަޖިލީހަކީ ދައުލަތުގެ އެއް ބާރަށް ވެފައި އޭޖީ އޮފީހަށް މި މައްސަލައިގައި މަޖިލީސް ތަމްސީލް ނުކުރެވޭނެކަން ފާހަގަ ކުރައްވާފައެވެ.
މުއިއްޒު ދެއްކެވި ވާހަކައިގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދުސްތޫރީ މައްސަލަތައް އަބަދުވެސް ރައްދުވާނީ ދައުލަތަށް ކަމަށެވެ. އެހެން ކަމުން އޭޖީ އޮފީހަށް އެ މައްސަލައިގައި ދައުލަތް ތަމްސީލް ކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ގާތްގަނޑަކަށް ގަޑިއިރަކަށް ދެމިގެން ދިޔަ އެ އަޑުއެހުމުގައި މުއިއްޒު ވިދާޅުވީ ނައިބް ރައީސް ކަމުން ޑރ. ޖަމީލް ވަކި ކުރަން ހުށަހެޅިއިރު ނުވަތަ ވަކި ކުރި ސަބަބުތަކުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރުން ހިމަނާފައިވަ ކަމަށެވެ. ނައިބް ރައީސެއްގެ ޒިންމާތަކާއި ކުރިޔަށް ގެންދަންވީ މަސައްކަތްތައް ކަނޑައަޅާނީ ރައީސް ކަމަށާއި، ޖަމީލާއި މެދު އެއްވެސް ހިތްހަމަނުޖެހުމެއް އޮތް ކަމަށް އޭރުގެ ރައީސް ޔާމީން ވިދާޅުވެފައި ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ނެރުއްވި އެއްވެސް ބަޔާނެއްގައި ވެސް ޖަމީލްއަށް ތުހުމަތެއްކޮށް، ހިތްހަމަނުޖެހުމެއް އޮތްކަމަށް ވިދާޅުވެފައި ނެތް ކަމަށެވެ.
މުއިއްޒު ވަނީ ޑރ. ޖަމީލް މަގާމުން ވަކި ކުރުމުގައި އަމަލު ކުރި އުސޫލަށް ވެސް ސުވާލު އުފައްދާފައެވެ. އެގޮތުން ޖަމީލް ވަކި ކުރުމުގެ ބޭނުމަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމާއި އެކު، ޖަވާބުދާރީވާން ފުރުސަތު ދީފައިނުވުން ފާހަގަ ކުރިއެވެ.
މި މައްސަލަ ކުރިޔަށް ގެންދިޔައީ، ޖަމީލް ރާއްޖެއިން ބޭރުގައި ހުރުމުންކަމަށް ވެފައި ޖަމީލްގެ ބަދަލުގައި އޭނާގެ ވަކީލު ހާޒިރުވަން ވެސް ފުރުސަތު ނުދިން ކަމަށާއި އަދި ލިޔެކިއުމުން ވެސް ފުރުސަތު ނުދިނީ ހާޒިރުވާން ޖެހޭނީ އަމިއްލައިން ކަމަށް ބުނެ ކަމަށް ޖަމީލްގެ ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި ޖަމީލް އެދިފައި ވަނީ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށެވެ. އަދި ޖަމީލް މަގާމުން ވަކި ކުރީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ކަނޑައެޅުމަށެވެ.
ޖަމީލް މަގާމުން ވަކި ކުރި އިރު ވެސް ހުންނެވީ އިނގިރޭސިވިލާތުގައެވެ. އަދި މަގާމުން ވަކި ކުރުމުން ޖަމީލް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުގެ، ގިނަ ތުހުމަތުތަކެއް ވެސް އެމަނިކުފާނަށް އަމާޒު ކުރެއްވިއެވެ. އިނގިރޭސިވިލާތުގައި އަމިއްލައިން އަރުވާލެވިގެން ހުންނަވާ ޖަމީލް ފަހުން މަސައްކަތް ކުރީ ”ޔުނައިޓެޑް އޮޕޮޒިޝަން“ ނުވަތަ އޭރުގެ އިދިކޮޅާއި އެކުއެވެ. އަދި މި ސަރުކަރު ގެނައުމަށް ޖަމީލް ވަރަށް މަސައްކަތް ކުރެއްވިއެވެ.
ޖަމީލް ސަރުކާރަށް ނުރުހުން ފާޅުކޮށް ފާޑުވިދާޅުވާން ފެށީ، މަޖިލީސް އިންތިހާބުގެ ނާކާމިޔާބީ އާއި އެކުއެވެ. ޑރ. ޖަމީލް އަކީ މިހާރު ރައީސް ޔާމީންގެ އެންމެ އިސް ގާނޫނީ ވަކީލެވެ.
މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާނެކަން އިއުލާނު ކުރެއްވުމަށް ފަހުއެވެ. މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

