ފުވައްމުލަކު ސިޓީގެ ހުޅަގުފަރާތުގައި ހުރި ނެރުތައް ބަންދުކުރުމަށް ގޮވާލާ ފުވައްމުލަކު ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ފުވައްމުލަކުގެ ބަނދަރު ހެދުމުގެ ކުރިން އެރަށައް ފޭބުމަށް ފަރު ގޮއްވައިގެން ހަދާފައިވާ ނެރުތައް ބަންދު ކުރުމަށް ޕެޓިޝަން ހަދާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ދެ ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ފުވައްމުލަކު ސްކޫލްގެ ދަރިވަރު އަހުމަދު ފައުޒާންގެ މަރުވުމާ ގުޅިގެން ނެރުތައް ބަންދު ކުރުމަށް އެ ރަށު ގިނަ ބަޔަކު ގޮވަމުން ދަނިކޮށެވެ.
”ވަން ފުވައްމުލައް“ ޖަމްމިއްޔާއިން ކުރިއަށްގެންދިޔަ ޕެޓިޝަން މިއަދު ފުވައްމުލަކު ސިޓީ ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. މިޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލުން ހަވާލުވީ މޭޔަރ އަބްދުﷲ ފަލާހުއެވެ. އަދި ޕެޓިޝަން ކައުންސިލާއި ހަވާކުރީ އަހްމަދު ފައުޒަންގެ އެންމެ ގާތް ދެ ރަހްމަތްތެރިންނެވެ.
ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ހޮނިހިރު ދުވަހުގެ ހަވީރު 16:47 ކަންހާއިރު އެވެ. އޭނާ ފެނުނީ 17:50 ކަންހާއިރުއެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ފައުޒާން ގެނބުނީ އޭރު އެ ސަރަހައްދުން އޮޔާ ދިޔަ ދެކުއްޖަކު ސަލާމަތްކޮށްދިން ފަހުންނެވެ.

