ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމަކީ ސިޔާސީ ފިކުރުގެ ބަޔަކަށް ވެގެންނުވާނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
7 ފެބްރުއަރީ 2012 ގެ ހަނދާންތައް އާކުރަމުން ގެންދާއިރު، ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި އިއާދަނުކުރެވޭ ޝަރުޢީ ތަރިކަ ނެތިގޮސްފައިވާ ކަމަށެވެ.
”ޚާއްޞަކޮށް އައްޑޫއިން ނެތިދިޔަ ތަކެތި ކިތަންމެ ޕައުންޑަކުންވެސް ނުގަނެވޭނެ. މިޒަޚަމަށް ފަރުވާއެއް ނެތް. މިކަން ހިންގި މީހުން ހަނދާންކޮށް އިތުުރު ފުރުޞަތު ނުދެމާ.“ ޖަމީލް ވިދާޅުވިއެވެ.
އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔަ މުޒާހަރާތަކަށްފަހު ފެބްރުއަރީ 7 ވަނަ ދުވަހު، ފުލުހުން ޖުމްހޫރީ މައްދާނަށް އެއްވެ އިހުތިޖާޖް ކުރަންފެށިއެވެ. އަދި އޭގެ ފަހުން ސިފައިންގެ ތެރެއިން ބަޔަކު އެ ފުލުހުންނާއި ގުޅި ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަންފެށިއެވެ. އަދި އެއްވެ ތިބި ފުލުހުންނާއި ސިފައިން އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާކަން އެނގި، ރައީސް ނަޝީދު އަމިއްލަފުޅަށް މަޤާމުން އިސްތިއުފާދެއްވީއެވެ.
7 ފެބްރުއަރީ 2012 އަށް މިއަހަރު ނުވަ އަހަރު ފުރޭއިރު އެމްޑީޕީއަށް އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އެދުވަހު ހިނގާދިޔައީ ބަޣާވާތެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ.

