ރަހުމް ކުޑަކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާކުރާ އަދުހަމް މުހައްމަދު ގާސިމް މަރާލިކަމަށް އިއުތިރާފުވެ، އޭގެ ފަހުން ކުށަށް އިންކާރު ކުރުމަށްފަހު އަނެއްކާ ވެސް ގާސިމް މަރާލިކަމަށް އިއުތިރާފު ވެއްޖެއެވެ.
ގާސިމްގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރިޔަށް ގެންދިޔައީ އިބްތިދާއީ އަޑުއެހުމެކެވެ. ޝަރީއަތުގައި ގިނަ ވާހަކަތަކެއް ދައްކާ، އަދުހަމް ބުނީ ކުށަށް އިންކާރުވީ ދުވަހު ޝަރީއަތުގައި ދެއްކި ވާހަކަތަކަކީ ”ބަޔަކު“ ބުނެގެން ދެއްކި ވާހަކަތަކެއް ކަމަށެވެ. އަދި ކޯޓަށް ހާޒިރު ކުރާއިރު، މަސްތުކުރުވާކަމަށް ބުނީ ވެސް އެ މީހުންގެ ބަހަށް ކަމަށް އަދުހަމް ކިޔައިދިނެވެ.
ޝަރީއަތުގެ މަޖިލީހުގައި އެފަދަ މޭރުމަކުން ވާހަކަ ދެއްކީ ކޮން ބައެއްގެ ބަހަށްތޯ ސުވާލު ކުރުމުން އަދުހަމް ބުނީ، ގާސިމްގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް އެންމެ ފުރަތަމަ ބެހެއްޓީ އެކަހެރިކޮށް ކަމަށެވެ. އަދި އެއަށްފަހު އިތުރު ގޮޅިއަކަށް ބަދަލު ކުރިކަމަށާއި، އެތަނުގައި ތިބީ ޖިނާއީ ބޮޑެތި ކުށްތަކުގައި ޖަލަށް ލާފައިވާ މީހުންކަމަށް އޭނާ ބުންޏެވެ. އަދި ބުނީ، ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ފުލުހުން އޭނާ މަސްތުކުރާކަމަށް ކޯޓުގައި ބުނެ، ކުށަށް އިއުތިރާފުވާން ބުނީ އެ މީހުންކަމަށެވެ.
އަދުހަމް ބުނި ގޮތުން، އެ ދުވަހު އޭނާ ކޯޓުގައި ދެއްކި ހުރިހާ ވާހަކައެއް އެއީ، އެ މީހުން ”ޗިޕު“ ޖަހައި ބޮލަށް ސަވާރުވެ ބުނެދިން ވާހަކަތަކެވެ. ނަމަވެސް، އެއީ އެހެން ނިޔަތެއްގައި އެ މީހުން ދެއްކި ވާހަކައެއްކަން އެނގުނީ މާފަހުންކަމަށް އަދުހަމް މިއަދުގެ އަޑުއެހުމުގައި ބުންޏެވެ. އަދި ކޯޓަށް ހާޒިރު ކުރާއިރު، ނުވަތަ ޖަލުގައި ވެސް މަސްތުވާތަކެއްޗެއް އޭނާއަށް ފުލުހުން ނުދޭކަމަށް އަދުހަމް ވަނީ ބުނެފައެވެ.
ކުށަށް އިއުތިރާފުވެ އަދުހަމް ބުނީ، އެއީ އޭނާގެ އަތުން ހިނގިކަމެއް ކަމަށެވެ. އަދި އެ ހާދިސާ ހިނގައިދިޔައީ ފޭރުމަށް މަސައްކަތް ކުރަނީކޮށް ކަމަށާއި، އެއީ އެއްވެސް ގޮތަކަށް ގަސްތުގައި ހިންގި އަމަލެއް ނޫންކަމަށް އަދުހަމް ތަކުރާރު ކުރިއެވެ.
އަދުހަމް ބުނީ، ގާސިމަށް ހަމަލާ ދިން ރޭ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އޭނާ ކުށަށް އިއުތިރާފު ވަނީ، އެހެން ގޮޅިއަކަށް ބަދަލުކޮށްފައިވާތީ ކުރިން އެއްކޮށް ތިބި މީހުންގެ ފަރާތުން އަންނާނެ އެއްވެސް ނުރައްކަލެއް ނެތުމުން ކަމަށެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އެއީ ގަސްތު މަރެއް ނޫންކަމަށް އަދުހަމް ބުންޏެވެ. އަދި މީގެ ކުރިން ވެސް ބަޔާނުގައި ވާކަންކަން ތަކުރާރުކޮށް އެ ދުވަހު ކަން ހިނގައިދިޔަގޮތް ތަފްސީލު ކުރިއެވެ. އަދުހަމް ބުނީ، ގާސިމަށް ހަމަލާ ދެވުނީ ފޭރެން މަސައްކަތް ކުރުމުން އޭނާ އެހީއަށް އެދި ހަޅޭއްލަވައި ހިފެހެއްޓުމުން ސަލާމާތް ވާން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.
އެރޭ ގާސިމަށް ހަމަލާ ދެވުމުން، އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކުރި ކަމަށާއި އަދި އޭނާ ދުވެފައި ދަނިކޮށް ޖީބުގައި އޮތް ވަޅި ވެއްޓުނު ކަމަށެވެ. އެއަށްފަހު ވާރޭ ވެހި މަގުމަތީ ހެދިފައި އޮތް ފެންގަނޑަކުން އަތާއި މޫނު ދޮވެ ރައްޓެއްސެއްގެ ގެއަށް ގަމީހެއް ހޯދަން ދިޔަ ކަމަށެވެ. އަދުހަމް ބުނީ، އޭނާ އެއަށްފަހު މާލެ އައުމަށްފަހު ދިޔައީ ގެއަށް ކަމަށެވެ. އަދި އެ ހާދިސާއަށް ފަހު ފިލަން މަސައްކަތް ނުކުރާ ކަމަށާއި، އެއީ ފުލުހުންނަށް އޭނާ އަތުވާނެކަން އެނގޭތީ ކަމަށް އަދުހަމް ބުންޏެވެ.
މީގެ އިތުރުން އަދުހަމް ވަނީ، ގާސިމްގެ އާއިލާގެ ކިބައިން މާފަށް އެދިފައެވެ. އަދި ބޭނުން ވަނީ ވީހާވެސް ލުއި އަދަބެއްކަމަށް ބުންޏެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން އެދުނީ، ހެކިންގެ ހެކިބަސް ނަގައިދިނުމަށެވެ. އަދި އޭގެ ސަބަބެއްކަމަށް ބުނީ މީގެ ކުރިން ވެސް ކުށަށް އިއުތިރާފުވުމަށް ފަހު ތަފާތު އެކި ގޮތް ގޮތަށް ޝަރީއަތުގައި އަދުހަމް ވާހަކަ ދައްކާފައި ވުމެވެ. އޭގެ އިތުރުން އަދުހަމްގެ އިއުތިރާފަށް ބާރު ލިބޭ ހެކި ހުށަހަޅަން ބޭނުންވާކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.
ދައުލަތުން މައްސަލައިގައި ސިއްރު ހެކިވެރިއެއް ވެސް ހުށަހަޅާފައި ވެއެވެ. އޭގެ އިތުރުން ފުލުހުން ހިމެނޭހެން އިތުރު ބައެއް ހެކިންގެ ނަން ހުށަހެޅި އެވެ. ގާޒީ ވެސް ނިންމެވީ މައްސަލައިގެ ބާވަތުނ ހެކިންގެ ހެކި ބަސް ނެގުމަށެވެ.
މައްސަލައިގެ ހެކިބަސް ނެގުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައިކަން، ގާޒީ ވަނީ ޝަރީއަތް ނިންމަވާލެއްވުމުގެ ކުރިން އިއުލާނު ކުރައްވާފައެވެ.

