ކޮވިޑް-19އާ ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެސްޑީއެފްސީ) އިން 2205 މީހަކަށް ލޯނު ދޫކޮށްފިއެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު އެސްއެމްއީ ބޭންކުގެ ލޯނު ޕޯޓްފޯލިއޯގެ އިތުރުން ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ”ކޮވިޑް-19 ވިޔަފާރި އެހީލޯނު“ ގެ ނަމުގައި އައު ލޯނެއް ތައާރަފްކޮށް އަހަރުގެ ބޮޑުބައެއްގައި ވަނީ މި ލޯނު ދޫކޮށްފައެވެ.
އެގޮތުން ”ކޮވިޑް-19 ވިޔަފާރި އެހީލޯނު“ ގެ ދަށުން ޖުމްލަ 2205 ފަރާތަކަށް 381,086,730 ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް 1520 ލޯނު އަދި އަމިއްލަ މަސައްކަތްކުރާ ވިޔަފާރިތަކަށް 685 ލޯނު ވަނީ ދޫކޮށްފައެވެ.
ކޮވިޑާއި ގުޅިގެން އެސްޑީއެފްސީން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ އަމިއްލަ ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ކޮމަރޝަލް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.
އެސްޑީއެފްސީގެ ޚިދުމަތަށް ދެ އަހަރުވެފައިވާއިރު އެ ކުންފުނިން 2019 ވަނަ އަހަރު 287 ފަރާތަކަށް 343 މިލިއަން ރުފިޔާގެ ލޯނު ދޫކުރިއެވެ. އަދި 2020 ވަނަ އަހަރު 305 ފަރާތަކަށް 420 މިލިއަން ރުފިޔާގެ ލޯނު ދޫކުރިއެވެ.

