ޖިންސީ ފުރައްސާރައާ ދެކޮޅާ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރަމުން ގެންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސިއެމް)އިން ބުނެފިއެވެ.
އަޑުގަދަ ކުރާ ބޭނުންކޮށްގެން ރަސްފަންނު ސަރަހައްދުގައި އަޑުއުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް ނުކުމެފަ އެވެ. އެއާއެކު ފުލުހުން ވަނީ މުޒާހަރާ ހުއްޓުވުމަށް ބާރުގެ ބޭނުން ކުރަން ފަށާފަ އެވެ.
މުޒާހަރާގައި ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާ ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.
އެކަމާއި ގުޅިގެން އެޗްއާރްސީއެމްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މާލޭގައި ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއިމެދު ކޮމިޝަނުން ކަންބޮޑުވާކަމަށެވެ.
އެޗްއާރްސީއެމުން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގަކަށްވާއިރު މި ހައްގުގެ ބޭނުން ކުރެވޭނެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭކަމަށެވެ. އަދި ރޭގެ ހާދިސާއާއި ގުޅިގެން އެންޓި-ޓޯޗަރ ޤާނޫނުގެ ދަށުން މި މައްސަލަ ބަލަމުންދާ ކަމަށް އެޗްއާރްސީއެމުން މައުލޫމާތު ދީފައިވެއެވެ.
ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރިގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.

