ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ނަޝީދަށް ހަމަލާ ދިނީ ކެނެރީގެއިން ނިކުމެވަޑައިގެން، އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެނގިފައިވާ ގޮތުން ބާރުގަދަ އެއްޗެއް ގޮއްވާލާފައިވަނީ، ކާރު ކައިރީގައި ޕާކުކޮށްފައި ހުރި ނޫ ކުލައިގެ ސައިކަލެއްގަ އެވެ.
ރައީސް ނަޝީދަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު، މިހާތަނަށ އެމަނިކުފާނުގެ ތިން ސާޖަރީއެއް ހަދާފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅޭގޮތުން ބަޔާނެއް އާއްމުކޮށް ފުލުހުން ބުނީ، ތަހުގީގަށް ފޮރެންސިކްސްގެ ތެރެއިން ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާ ކަމަށެވެ.
ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅެއް މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން، ތަހުގީގަށް ލިބެމުންދާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ މައްސަލައިގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، ތަހުގީގު ކުރިޔަށް ގެންދަނީ މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާއެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
ރައީސް ނަޝީދަށް ދިން މި ހަމަލާއާއި ގުޅިގެން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ގައުމީ ދިފާއީ ބަރާއި ފުލުހުންގެ ގުޅިގެން މާލެ ތެރެ ބެލެހެއްޓުމުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސް ކަމެއް އާއްމުންގެ މީހަކަށް، ފާހަގަކުރެވިފައިވާ ނަމަ އެ މައުލޫމާތު، 9704000 އަށް ހިއްސާކޮށްދޭން ފުލުހުން ވަނީ އެދިފައެވެ. އަދި މިގޮތަށް ފޯރުކޮށްދޭ މައުލޫމާތުގެ ރައްކާތެރިކަން ހިފަހައްޓައިދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދެއެވެ.ފ

