މާލެ ސިޓީ ކައުންސިލްގެ ހާލަތު ދެނެގަތުމަށްޓަކައި މެނޭޖްމަންޓް އޮޑިޓެއް ހެދުމަށް ގަސްދު ކުރައްވާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތް ރަނގަޅަށް ފެށިގެންދާއިރު ކައުންސިލް އޮތް ހާލަތު ރަނގަޅަށް އެނގުމަކީ ކުރިމަގު ބައްޓަން ކުރުމުގައި މުހިންމުކަމެއް ކަމަށެވެ. އަދި އެހެން ކަމުން ހާލަތު ދެނެގަތުމަށް މެނޭޖްމެންޓް އޮޑިޓެއް ހަދަން ގަސްދުކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
”މިކަން ކޮށްދޭނެ ފެންވަރު ރަނގަޅު ފަރާތެއް ހޯދަން ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެ،“ މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގެ ހުވާ ކުރައްވާ މަގާމާ މުއިއްޒު ހަވާލުވެލެއްވީ މިމަހުގެ 17ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

