ގައުމެއް ބިނާ ކުރުމުގެ އެންމެ މުހިއްމު ތަރަހައަކީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ހަރަކާތްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވަމުން ރައީސް ނަޝީދު ވިދާޅުވަނީ ގައުމެއް ބިނާކޮށް، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ވުމުގެ އެންމެ މުހިންމު ކަމަކީ އިންތިޒާމްވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ކަމަށެވެ. އަދި މި ނިޒާމުގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ހެނދުނު 6:00 ގައި ކުރިއަށްގެންދިޔަ ދިދަ ނެގުމުގެ ރަަސްމިއްޔާތު ކުރިއަށްގެންދިޔައީ އޮންލައިންކޮށް، އެކި ސަރަހައްދުތަކުން ޕާޓީގެ މެމްބަރުން ބައިވެރިވެގެންނެވެ.
މޭ ހަވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް ޒަަހަމްތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ގެންދާއިރު އެމްޑީޕީން ސިފަ ކުރައްވަނީ މިއީ އެމަނިކުފާނަށާ އެމްޑީޕީގެ ފިކުރު ނައްތާލުމަށް ދިން ބިރުވެރި ހަމަލާއެއްގެ ގޮތުގައެވެ.

