ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ ޕާލިމަންޓް އިންކުއަރީ: ޑްރާފްޓު ނިމިފައި، ރިޕޯޓު އާއްމު ކުރާނީ އަންނަ ހަފްތާގައި!

ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ އިންކުއަރީގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާގައި އެމަނިކުފާނަށް ފޯރުކޮށްދޭ ސެކިއުރިޓީގައި އެއްވެސް ބްރީޗެއް އުޅޭތޯ ބެލުމަށް މަޖިލީހުގެ ގައުމީ ސަލާމަތީ ކޮމިޓީ (241 ކޮމިޓީ) ގެ ޕާލިމަންޓު އިންކުއަރީގެ ރިޕޯޓު އާއްމު ކުރާނީ އަންނަ ހަފްތާގައިކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ކޮމިޓީން މީގެ ކުރިން އަމާޒު ހިފީ މައްސަލައިގެ ރިޕޯޓު ޖޫން މަހުގެ ނިޔަލަށް އާއްމު ކުރުމަށެވެ. އަދި ރިޕޯޓުގެ ފައިނަލް މަސައްކަތް ނިންމާ އެ އާއްމު ކުރާނީ، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ މައުލޫމާތުތައް އުނިކުރުމަށް ފަހުކަމަށް ކޮމިޓީން ބުނެފައި ވެއެވެ.

އަސްލަމް ”ސަންގު“ އަށް ވިދާޅުވީ އިންކުއަރީގެ މަސައްކަތް ނިމި، ޑްރާފްޓިން ވެސް އެކީ ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލައިގެ ބާވަތުން ބަލަންޖެހޭ ބައެއް ކަންތައް ހުރުމާއި އެކު، އަދި އިތުރު އެއް ހަފްތާ ރިޕޯޓު އާއްމުކުރަން ނަގާނެކަމަށް ބެލެވޭކަމަށް އަސްލަމް ވިދާޅުވި އެވެ.

241 ކޮމިޓީގެ ބައްދަލުވުމެއް މިރޭވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އަސްލަމް ވިދާޅުވީ ޑްރާފްޓުގެ މަސައްކަތް ނިމިފައިވާއިރު ދެން އޮންނާނީ، މެމްބަރުންގެ ހިޔާލު ހޯދުން ކަމަށެވެ. ނަމަވެސް ކޮމިޓީގައި ދެކެވޭ ވާހަކަތަކަށް މާބޮޑު ހިޔާލުތަފާތުވުންތައް ނޫޅޭކަން އަސްލަމް ފާހަގަ ކުރެއްވި އެވެ. އަސްލަމް ވިދާޅުވީ ރިޕޯޓުގައި ކޮމިޓީގެ ހޯދުންތަކަށް ބިނާކޮށް ރިކަމަންޑޭޝަންތައް ހިމެނޭނެކަމަށެވެ. މިއީ ޖިނާއީ ނަޒަރަކުން ބެލި މައްސަލައެއް ނޫންކަމުން، ވަކި ވަކި މީހުންގެ މައްސަލަތައް ކޮމިޓީން ބަލާފައި ނުވެ އެވެ.

”އަންނަ ބުރާސްފަތި ދުވަހު ރިޕޯޓު އާއްމު ކުރުން އުންމީދަކީ. އެއީ އަށް ވަނަ ދުވަސް.“ އަސްލަމް

އަސްލަމް ވިދާޅުވީ ކޮމިޓީން ރިޕޯޓު އާއްމުކުރާނީ ދިރާސާކުރުން ވަރަށް ރަނގަޅަށް ކުރިޔަށް ގެންދިއުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ މި ރިޕޯޓުގެ ބޭނުމަކީ ތަހުގީގެއް ހިންގައި އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅުމެއް ވެސް ނޫން ކަމަށެވެ.

އަސްލަމް ވިދާޅުވީ، އިންކުއަރީގެ ރިޕޯޓު އާއްމު ކުރާއިރު ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބެލެވޭ މައުލޫމާތުތައް ރިޕޯޓުން އާއްމު ނުކުރާނެ ކަމަށެވެ. އަދި އެ ރިޕޯޓުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތެއް ހުރި ކަމަށް ފާހަގަވެއްޖެނަމަ، އެ ބައި ރިޕޯޓުން އުނިކުރަން ޖެހުނު ނަމަވެސް، އެބައި ވެސް ރައީސާއި މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަފަނޑިޔާރާ ވެސް ހިއްސާކުރާނެކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން އެފަދަ މައުލޫމާތަކަށް އަމަލު ކުރާނެ ގޮތް ރިޕޯޓުގައި ހިމެނުމަށްފަހު އެކަން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރާއި ހިއްސާކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މަޝްވަރާތަކެއްގެ ސިފައިގައި ވާހަކަތަކެއް ދެކެވުނު ނަމަވެސް އާއްމު ނުކުރެވޭނެފަދަ މައުލޫމަތާއި މެދު އަމަލު ކުރާނެ ގޮތާއި މެދު އަދި މިހާތަނަށް ގޮތެއް ނިންމާފައި ނުވާކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.

ކޮމިޓީން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ކޮމިޓީގެ އިންކުއަރީގެ ހޯދުންތަކާއި އަދި ލަފާތައް ރިޕޯޓުގައި ހިމަނާނެ ކަމަށެވެ. އަދި ރިޕޯޓުގައި ނުހިމެނޭ ވަކި ބައިތަކެއްގެ ވާހަކަތައް ފާހަގަކޮށް، ވަކި ސަބަބުތަކަށްޓަކައި އެ މައުލޫމާތުތައް ހިއްސް ކުރެވެން ނެތްކަން އޭގައި ހިމަނާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

241 ކޮމިޓީގަށް ހާޒިރު ކުރި ބައެއް އިސް ބޭފުޅުންގެ ތެރޭގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށްފައި ވެއެވެ.

އޭގެ އިތުރުން ކޮމިޓީން ވަނީ 03 މިލިއަން ރުފިޔާއަށް ރައީސް ނަޝީދަށް ހަމަލައެއް ދޭން ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު މިނިސްޓަރު މާރިޔާއަށް ދެއްވި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވެސް ސުވާލުކޮށްފަ އެވެ. އަދި ކޮމިޓީން ރައީސް ނަޝީދުގެ ފަރުވާގެ ކަންކަން ކުރިޔަށް ގެންދިޔަ އޭޑީކޭގެ މެޑިކަލް ޓީމާއި ވެސް ބައްދަލު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: