ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ފޮނުވިކަމަށް ބުނާ މެސެޖަށް އުމަރު: ”އޯވަވެލްމް“ ގެ މާނަ ޑިކްޝަނަރީއިން ބަލަން ފެނޭ!

ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދަމަށް ގޮވާލައި ބޭއްވި ހިނގާލުމެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސްއަޅައި، ތަހުގީގު ހުއްޓުވުމުގެ ނިޔަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްވެސް މެސެޖެއް ފޮނުވާފައި ނުވާކަމަށް އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރިޟްވާން ގެއްލުވާލި ހާދިސާއަށް މާދަމާ 07 އަހަރު ވާއިރު، މައްސަލައިގެ ތަހުގީގަށް ރައީސްއަބްދުﷲ ޔާމީން ހުރަސް އެޅުއްވިކަމަށް ތުހުމަތުކޮށް އެމަނިކުފާނު މަރު ކޮމިޝަނަށް މިދިޔަ އަންގާރަ ދުވަހު ވަނީ ހާޒިރުކޮށްފަ އެވެ. ރައީސް ޔާމީނާއި ކޮމިޝަނުން ސުވާލު ކުރުމުން، އެމަނިކުފާނު އިހުތިޔާރު ކުރެއްވީ ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރުމަށެވެ. އަދި ވަކީލުން ނޫސްވެރިންނަށް ވިދާޅުވީ، ރައީސް ޔާމީނަށް ކުރާ ”އަސްލު“ ތުހުމަތަކީ ކޮބައިކަން ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށެވެ. އެ ބޭފުޅުން ތުހުމަތު ކުރި ގޮތުން ކޮމިޝަނުން މަސައްކަތް ކުރަނީ، މި މަހުގެ އަށެއްގައި ރިޟްވާން ގެއްލުވާލި ހާދިސާއަށް ހަތް އަހަރު ވާތީ ނޫސްވެރިން ކޮމިޝަނަށް އަމާޒުކޮށް ލިޔާނެ ރިޕޯޓުތައް ހުއްޓުވުމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން މީޑިއާތަކަށް ދިން އިންޓަވިއުއަށް ފަހު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް މީޑިއާތަކާއި ބައްދަލުކޮށް ވިދާޅުވީ ކޮމިޝަނުން ކުރި ސުވާލަކަށް އެއްވެސް ޖަވާބެއް ނުދީ ރައީސް ޔާމީން ހަނު ހުންނެވުމުން ހިތާމަ ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުމަކީ، ކަންބޮޑުވާކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި މިސްބާހު ވެސް މާ ބޮޑެތި މައުލޫމާތުތަކެއް މީޑިއާތަކާއި ހިއްސާއެއް ނުކުރެ އެވެ. ހަމައެކަނި ވިދާޅުވީ، ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރީ ސާފު ކުރަންބޭނުންވާ ކަމެއްގައި ސުވާލުކުރަން ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިޔަށް ޖެހިލާއިރު، އަލްޖަޒީރާއިން ނެރުނު ”ސްޓީލިން ޕެރަޑައިސް“ ޑޮކިއުމަންޓްރީގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައީސް ޔާމީން ފޮނުވިކަމަށް ބުނާ މެސެޖެއްގެ ވާހަކަ ދައްކަ އެވެ. އޭގައި ރައީސް ޔާމީން ވިދާޅުވަނީ، ރިޟްވާން ގެއްލުވާލި ހާދިސާއާއި ގުޅުވައި އުމަރު މާބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިނުގަތުމަށެވެ.

2014 އޮގަސްޓު މަހުގެ 22 ގައި ފޮނުވިިކަމަށް ބުނާ އެ މެސެޖުގައި ވަނީ، ”އުމަރު، ނޯ ނީޑް ޓު ބީ އޯވަވެލްމްޑް ބައި ރިލްވާން“ މިހެންނެވެ. އަދި އެ މެސެޖަށް އުމަރު ވިދާޅުވީ ”އޯކޭ.. ނޯޓެޑް ސާރ“ ކަމަށް ޑޮކިއުމަންޓްރީގައި ބުނެ އެވެ. ނަމަވެސް އުމަރު ނަސީރު އެ ވާހަކަތައް ދޮގު ކުރައްވަ އެވެ. އަދި އެފަދަ އެއްވެސް ވާހަކައެއް ރައީސް ޔާމީނާއި ދެމެދު ދެކެވިފައި ނުވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މައްސަލައިގައި ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރުމުން، ”ސަންގު“ އިން އެ މެސެޖުގެ ހަގީގަތް އޮޅުނުންފިލުވައި ދޭން އެދުމުން އޭނާ ވިދާޅުވީ މިއީ ސަރުކާރަށް މައްސަލައިގައި އެއްވެސް ކުރިއެރުންތަކެއް ނުލިބޭތީ ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. އުމަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އާއިލާއެއްގެ ނަން ބޭނުންކޮށްގެން ކަމަށެވެ. ރިޟްވާނާއި، މަރާލާފައިވާ އޭނާގެ ގާތް އެކުވެރިޔާ ޔާމީން ރަޝީދަށް އިންސާފު ހޯދައިދޭން ރައީސް ސޯލިހު މާލޭގެ މަގުތައް މަތީ ހިންގެވިކަން އުމަރު ފާހަގަ ކުރި އެވެ. އަދި ތަކުރާރުކޮށް އެކި ޕްރެސްތަކާއި، ޖަލްސާތަކުގައި ރިޟްވާނާއި ޔާމީނަށް އިންސާފު ހޯދައިދޭނެކަމަށް ވިދާޅުވިޔަސް މިވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރަށް ލިބުނު އެއްވެސް ކުރިއެރުމެއް އަލަށް ހޯދުނު މައުލޫމާތެއް ނެތް ކަމަށެވެ.

އުމަރު ކުރަމުން ދިޔަ މަސައްކަތް ހުއްޓުވަން ރައީސް ޔާމީން އެއްވެސް މެސެޖެއް ފޮނުވާފައިވާނެ ތޯ، ސުވާލު ކުރުމުން އެނާ ވިދާޅުވީ އެ މެސެޖު އެއީ ހަގީގަތެއް ކަމަށެވެ. އެހެން ނަމަވެސް އޭގެ ވާހަކަ ދައްކަނީ ހަގީގަތް އޮޅުވާލައިގެން ކަމަށާއި، ރައީސް ޔާމީން އޭނާއާއި ވާހަކަ ދެއްކެވީ 20 މީހުން ތިއްބެވި ވައިބާ ގްރޫޕެއްގައި ކަމަށެވެ. މިއީ ހަމައެކަނި އޭނާއަށް ފޮނުވި މެސެޖެއް ނޫންކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިއްރު އެންގުމެއް، އެތައް ބަޔަކު ތިބި ގްރޫޕަކަށް ފޮނުވަންޖެހޭ އެއް ސަބަބެއް ވެސް ނެތް ކަމަށެވެ.

ސިއްރުން މީނުވާކަހަކަށް މެސެޖެއް ކުރާނަމަ ކުރާނީ ހަމައެކަނި އެމީހަކަށް އެކަނިކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ރައީސް ޔާމީން ކުރެއްވި މެސެޖަކީ އުމަރަށް ކުރެއްވި މެސެޖެއްނަމަ އެމެސެޖު 20 މީހުންގެ ގުރޫޕަކަށް ނުދާނެކަމަށެވެ. އުމަރު ވިދާޅުވީ ރައީސް ޔާމީން ކުރެއްވި މެސެޖުގައިވާ ”އޯވަވެލްމް“ ގެ މާނައަކީ މައްސަލައިގެ ތަހުގީގު ހުއްޓާލުމަށް ވިދާޅުވުމެއް ވެސް ނޫންކަމަށެވެ.

އެ މެސެޖު އުމަރު ސިފަ ކުރެއްވީ އެއީ ”ތަންކޮޅެއް މަޑުން ގެންދާށޭ“’ ނުވަތަ ”’ތިވަރު ތަންކޮޅެއް ބޮޑޭ“ ބުނުންގެ ގޮތުގަ އެވެ. އަދި ރައީސް ޔާމީން މިހެން ވިދާޅުވީ ރިޟްވާނުގެ މައްސަލައިގެ ބްރީފިންނެއްގައި 80 ކޯސްޓްގާޑް ފުލުހުން ޑިޕްލޯއި ކޮށްފައިވާނެކަމަށާއި، އިތުރު ފޯސަސް މި މައްސަލައާއި ގުޅިގެން ޑިޕްލޯއި ކުރާ ވާހަކަ ބުނުމުންކަމަށް އުމަރު ވިދާޅުވިއެވެ.

މިގޮތުން ރައީސް ޔާމީން ދެންނެވި ”އޯވަވެލްމް“ ގެ މާނައަކީ އެހާ ގިނަ ރިސޯސަސް ޑިޕްލޯއި ކުރާތީ ”ތިވަރުން ވާނެ“ ފަދަ އިބާރާތަކުން ބުނި އެއްޗެއްކަމަށް އުމަރު ވިދާޅުވި އެވެ.

އަދި ރިޟްވާންގެ މައްސަލަ ބެލޭ އެންމެ ރަނގަޅަކަށް ކުރީގެ ސަރުކާރުން ބަލާފައިވާނެކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
86%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: