ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރާލަން ޖެހޭ ކަމަށް ބުނެ ފޭސްބުކްގައި ކޮމަންޓް ކުރި މީހެއްގެ މައްސަލަ ފުލުހަށް ހުށަހަޅަން ޕީޕީއެމްއިން ނިންމައިފިއެވެ.
ޕީޕީއެމްގެ ސެކަޓްރީ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް ޔާމީނަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ ފޭސްބުކް ޕޯސްޓަކަށް ކޮމަންޓްކުރި މީހެެއްގެ މައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

ރައީސް ޔާމީން މަރާލަން ޖެހޭ ކަމަށް ބުނެ ކޮމަންޓްކުރީ އަބްދުލް ހަމީދު ނަމަކަށް ކިޔާ މީހެކެވެ.
ތޮލާލް ވިދާޅުވީ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެދި ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ. އަދި ޓެރެރިޒަމް އަށް ހިތްވަރު ލިބޭ ގޮތަށް އަބްދުލް ހަމީދު ކުރި ކޮމަންޓާ ގުޅިގެން ރައީސް ޔާމީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް ފުލުހުންގެ ކިބައިން އެދޭނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.

