ހިޖުރަކުރާ ދޫނިތަކަށް ހިމާޔަތް ދިނުމުގައި ކައުންސިލްތަކުން ޒިންމާ އަދާކުރަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ގޮވާލައިފިއެވެ.
ހިޖުރަކުރާ ދޫނި ގިނަ އަދަދަކަށް އަންނަމުންދާ މިދުވަސްވަރު އެ ތަކެއްޗަށް ގޯނާކޮށް ގެއްލުންދީ އަދި ހިފައި ވިއްކުން ވަނީ އާއްމުވެފައެވެ.
މިކަމާ ގުޅިގެން އެ ކޮމިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ހިޖުރަކުރާ ދޫނި ގިނަ އަދަދަކަށް ރާއްޖެ އަށް އަންނަމުންދާ ދުވަސްވަރަކަށް ވެފައި، އެ ތަކެއްޗަށް ގޯނާކޮށް، ގެއްލުންދީ އަދި އެ ތަކެތި ހިފައި ވިއްކާކަން ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލުގައި ވަރަށް މުހިންމު ތަކެތި ކަމަށާއި އެތަކެތީގެ އާބާދީއަށް ގެއްލުން ލިބިދާނެފަދަ އެންމެހައި ކަންކަމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ދަށުން ހަދާފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު ދަށުން މަނާކޮށް، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ކަނޑައެޅިފައިވާ ކަންކަން ކަމަށް ކޮމިޓީން ބުންޏެވެ.
އެހެން ނަމަވެސް ހިޖުރަކުރާ ދޫނިތައް ހިފައި އެތަކެއްޗަށް ގޯނާ ކުރަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށާއި ހިޖުރަކުރާ ދޫނިތަކުގެ ގުދުރަތީ ދިރިއުޅުން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޓީން ވަނީ ގޮވާލައިފައެވެ.
އޭގެ އިތުރުން ހިޖުރަކުރާ ދޫނިތަކަށް ކުރާ ގޯނާ ހުއްޓުވުމަށާއި އެތަކެއްޗަށް ދޭންޖެހޭ ހިމާޔަތް ދިނުމުގައި ކަމާގުޅޭ އެންމެހައި މުއައްސަސާތަކުންނާއި. ހާއްސަކޮށް ލޯކަލް ކައުންސިލުތަކުން އަދާކުރަންޖެހޭ ފުރިހަމަ ޒިންމާ އަދަކުރުމަށް ވަނީ އެދިފައެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވައި ގާނޫނާއި ގަވާއިދުގެ ދަށުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްވެސް ކޮމިޓީން ވަނީ އެދިފައެވެ.

