ބޮޑެތި ކުންފުނިތަކަށް ފަސޭހައިން ސޮވެރިން ގެރެންޓީ ލިބޭނެގޮތް ހެދުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ހުށަހެޅި މައްސަލަ ބަލައިގަތުމަށް 11 މެމްބަރުން ވޯޓު ދެއްވިއިރު މި މައްސަލަ ބަލައިނުގަތުމަށް 15 މެމްބަރުން ވޯޓު ދެއްވިއެވެ.
މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި ބޮޑެތި ވިޔަފާރިތަކުން ބޭނުންކުރާ ގިނަ ބިންތަކުގެ މިލްކުވެރިކަން މިވަގުތު އޮތީ ސަރުކާރުގައި ކަމަށެވެ. އަދި ކޮވިޑާއެކު ވިޔަފާރީގެ ބޮޑެތި ޕްރޮޖެކްޓައް ހުއްޓި ރާއްޖެއަށް އިންވެސްޓްކޮށްގެން ތިބި ބޮޑެތި ވިޔަފާރިވެރިންނާއި ދިވެހި އެތަކެއް ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމާއި ގުޅިފައިވާ ކުންފުނިތަކަށް ފޫނުބެއްދޭވަރުގެ ގެއްލުން ވަމުންދާ ކަމަށެވެ.
މައްސަލައިގައި އިތުރަށް ބުނެފައިވަނީ ބޭންކުތަކުން ކުންފުނިތަކަށް ލޯނުދޭން ޖެހިލުންވާކަމަށާއި، އަދި އެކަމުގެ ސަބަބުން ފައިނޭންސް ހޯދުމަށް ނިހާޔަތަށް އުނދަގޫވާކަމަށެވެ. އެހެންކަމުން ރަހުނުގެގޮތުގައި އަގުބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތުހުރި، އަދި އެހެންވެސް ޝަރުތުތައް ފުރިހަމަވާ ޕްރައިވެޓް ކުންފުނިތަކަށް ފަސޭހަކަމާއެކު ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ގާއިމު ކުރުމަށް ގޮވާލާކަމަށެވެ.

